ލިޔުއްވީ: އައްޝައިޚް މުޙައްމަދު އަނީލް(ޙަފިޠަހުﷲ)
ތިބާއަށް ކުރެވިފައިވާ ފާފައިގެ ކުޑަކަމަށް ބަލައިގެން ނުހުންނާށެވެ. އެހެން ނަމަވެސް ތިބާ އެފަރާތަކަށް ނުކިޔަމަންތެރިވީ ފަރާތުގެ ބޮޑުކަމާއި މަތިވެރިކަމާމެދު ވިސްނާށެވެ.
ތިބާއަށް ކުރެވިފައިވާ ހެޔޮ ކަންތަކުގެ ބޮޑުކަމާއި ގިނަކަމާމެދު ނުބަލާށެވެ. އެހެނެއްކަމަކު، ތިބާއަށް އޭގެތެރެއިން އިޚްލާޞްތެރިކަމާއެކު ކުރެވުނީ ކިތައް ކަންތައްތޯ ވިސްނާށެވެ.
ތިބާގެ ޢިލްމުގެ މަދުގިނަ މިނާމެދު ނުބަލާށެވެ. އޭގެބަދަލުގައި ތިބާއަށް އެޢިލްމަށް ޢަމަލުކުރެވުނު މިންވަރާމެދު ވިސްނާށެވެ.
ތިބާއަށް އަޑުއެހުނު ދީނީ ނަސޭހަތްތަކުގެ ޢަދަދާމެދު ނުބަލާށެވެ. އެހެނެއްކަމަކު، އެއިން ތިބާއަށް ފައިދާކުރިވަރާމެދު ވިސްނާށެވެ.
ތިބާގެ އެކުވެރިންގެ ގިނަކަމާމެދު ތިބާ ނުބަލާށެވެ. އެހެނެއްކަމަކު، އެމީހުންގެ ތެރޭގައިވަނީ ކިތައް ޞާލިޙު އަޅުންތޯ ބަލާށެވެ.
ތިބާގެ މުދަލުގެ ގިނަކަމާމެދު ތިބާ ނުބަލާށެވެ. އެހެނެއްކަމަކު، ތިބާއަށް އެއިން ޞަދަޤާތްކުރެވުނު ވަރެއް ބަލާށެވެ.
ތިބާއަށް ލިބުނު ގެއްލުމަށް ނުބަލާށެވެ. އެހެނެއްކަމަކު ތިބާ ﷲއަށް އުރެދުނު ވަރަށް ބަލާށެވެ.
ތިބާއަށް ލިބުނު ދަރިންގެ ގިނަކަމަށް ނުބަލާށެވެ. އެހެނެއްކަމަކު، އޭގެ ތެރެއިން ތިބާއަށް ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވުނީ ކިތައް ދަރިންތޯ ބަލާށެވެ.
ތިބާގެ ޞާލިޙު ކަމާއިމެދު މީހުން ކިޔާ ޘަނާއަށް ނުބަލާށެވެ. އެހެނެއްކަމަކު، ތިބާއަށް އިޞްލާޙުކުރެވުނީ ކިހާވަރެއްތޯ ބަލާށެވެ.
ތިބާގެ ނަސަބުގެ މަތިވެރިކަމަށް ނުބަލާށެވެ. އެހެނެއްކަމަކު، ތިބާ ﷲ އަށްޓަކައި ތަވާޟުޢު ވެރިވީ ވަރަށް ބަލާށެވެ.
ތިބާގެ ޞިއްޙަތުގެ ފުރިހަމަކަމަށް ނުބަލާށެވެ. އެހެނެއްކަމަކު، ތިބާ ޝުކުރުވެރިވީ ކިތައްފަހަރުތޯ ބަލާށެވެ.