ދީން
ތަރިކަ މުދާ ބެހުން

ތަރިކަ މުދަލަކީ އިންސާނާ މަރުވުމަށްފަހު އޭނާ ދޫކޮށްފައިދާ އެއްމެހައި ތަކެއްޗެވެ. އޭގެ ތެރޭގައި މުދަލާއި، އަދި މުދަލާއި ގުޅިފައިވާ ޙައްޤުތައް ހިމެނޭނެ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ތަރިކަ މީހެއްގެ ފުށުން އެހެންމީހަކަށް އެއްޗެއް ނަޤުލުވުމެވެ. މީރާޘް އަށް އިގިރޭސިބަހުން ކިޔަނީ “އިންހެރިޓެންސް” އެވެ. ތަރިކަ މުދަލާއިބެހޭ ޢިލްމަށް ޢަރަބިބަހުން ކިޔަނީ “ޢިލްމު އަލްފަރާއިޟް” އެވެ. ތަރިކަމުދަލަކީ މައްޔިތާ ދޫކޮށްފައިދާ މުދަލުގެ ތެރެއިން ދަރަންޏާއި ވަޞިއްޔަތްފަދަ ކުރަންޖެހޭ ޚަރަދުތަކަށްވާ ބައި ނެގުމަށްފަހު މައްޔިތާގެ ވާރުތަވެރިންގެ މެދުގައި ބައިކުރެވޭ މުދަލެވެ. ނުވަތަ އެހެން ޢިބާރާތަކުން ބުނާނަމަ މައްޔިތާ ދޫކޮށްފައިވާ މުދަލުންގެ ތެރެއިން ވާރުތަވެރިންނަށް އެމުދަލުގައި ޙައްޤެއްވާ ކޮންމެ މުދަލެކެވެ. އިސްލާމްދީނުގައި ތަރިކަމުދަލުން އެއްވެސް ވާރިޘަކު މަޙްރޫމްކުރެވިފައި ނުވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.

“وَإِذَا حَضَرَ الْقِسْمَةَ أُولُو الْقُرْبَى وَالْيَتَامَى وَالْمَسَاكِينُ فَارْزُقُوهُمْ مِنْهُ وَقُولُوا لَهُمْ قَوْلًا مَعْرُوفًا”

މާނައީ: “މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބަޔެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށްވެސް ބަޔެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުންވެސް ކަނޑައެޅިގެންވާ ބަޔެއްގެ ގޮތުގައެވެ.

ރަސޫލާ محمَّد صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “لا يرث المسلم الكافر ولا يرث الكافر المسلم”

މާނައަކީ: “މުސްލިމެއްގެ މުދާ ކާފިރަކަށް ވާރުތައެއް ނުކުރާނެއެވެ. އަދި ކާފަރެއްގެ މުދާ މުސްލިމަކަށް ވާރުތައެއް ނުކުރާނެއެވެ.”

 

އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. “لانورث ماتركنا صدقة”

މާނައަކީ: “ނަބީބޭކަލުންގެ މުދާ ވާރުތައެއް ނުކުރާނެއެވެ. އެމުދަލަކީ އެބޭކަލުން ދޫކޮށްފައިދާ ޞަދަޤާތެކެވެ.”

 

لِلذَّكَرِ مِثْلُ حَظِّ الأُنثَيَيْنِ އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބަޔެއް ފިރިހެން ދަރިޔަކަށް ދިނުމަށް އަންގަވާފައި އޮންނަ އޮތުމުގެ ޙިކުމަތް

އަންހެންދަރިއަކާއި އެކު ފިރިހެން ދަރިއެއް ހުރެއްޖެނަމަ ވާރުތަމުދާ ބެހުމުގައި ފިރިހެންދަރިއަށް އަންހެންދަރިއަށް ލިބޭ އެއްޗެއްގެ ދެގުނަ ލިބޭ ގޮތަށް އޮންނަ އޮތުމުގެ މައްޗަށް މަތިމަތިން ބަލާލާފިނަމަ ވާރުތަމުދާ ބެހުމުގައި އަންހެނުންނަށް ބޭއިންސާފުވެފައިވާ ކަމަށް ޤަބޫލުކުރެވިދާނެއެވެ. އެހެންނަމަވެސް މިގޮތަށް ބެހުމަށް އޮންނަ އުޞޫލަށް މަންތިޤީ ހަމައަކުން އިންސާފުކޮށްލާފިނަމަ، މިއުޞޫލުގެ ފުރިހަމަކަމާއި އިންސާފުވެރިކަން ފެނިގެންދާނެއެވެ. އަދި ހަމަހަމަކަމާއި ޢަދުލުވެރިކަން ފެނިގެންދާނެއެވެ. އިސްލާމްދީނުގައި އަންހެނާގެ ޤަދަރާއި ކަރާމާތަށް އިސްކަންދިފައިވާ މިންވަރު ވަރަށް ފުރިހަމަޔަށް ފެނިގެންދާނެއެވެ.

 

ދެން މިބަލާލަނީ އަންހެން ދަރިއަކަށް ލިބޭ އެއްޗެއްގެ ދެގުނަ ފިރިހެން ދަރިއަކަށް ވާރުތަ މުދަލުން ލިބުމަށް އޮންނަ އޮތުމުގައި ފޮރުވިފައިވާ ޙަޤީޤަތްތަކުގެ މައްޗަށެވެ. ވާރުތަމުދަލުގެ ގިނަމަދު މިންވަރު ކަނޑައެޅިފައިވަނީ ބޭނުންތަކަށާއި ޒިންމާތަކަށް ބަލައިގެން: މަންމަ، އާއި، އަނބިމީހާއާއި އަންހެންދަރިންނާއި އެއްބަނޑުއެއްބަފާ އުޚުތުން ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އެޅިފައިވަނީ ބައްޕަ، ފިރިމީހާ، ފިރިހެން ދަރި އަދި ބޭބެ އިންގެ ކޮނޑުގައެވެ. ޢާއްމު އުޞޫލެއްގެ ގޮތުން އަންހެނުންނަށް އޭނާގެ އެއްވެސް ގާތްތިމާގެ މީހަކަށްވެސް އަޅާލާ އެހީތެރިކަންދީ ބަލަހެއްޓުމުގެ ޒިންމާ ނަގާކަށް ނުޖެހެއެވެ. އަނބިމީހާއަށާއި، އަންހެންދަރިންނަށާއި، މަންމައަށާއި އަދި އުޚްތުން ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ ހުރިހާ ޙާލަތެއްގައި ވެސް ނަގާބަޔަކީ އާއިލީ ގޮތުން ގާތް ފިރިހެނުންނެވެ. ފިރިހެންމީހާއަކީ އޭނާގެ ޢާއިލާގެ ފުރިހަމަ ޤައްވާމަތު ބަލަހައްޓާފަރާތެވެ. ޢާއިލާގެ އެންމެހައި ކަންކަން ބަލަހައްޓާ ބެލެހެއްޓުން ތެރިޔާއެވެ.

މާތްﷲ ވަޙީކުރައްވާފައިވެއެވެ. “الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّـهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ” މާނައަކީ “ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި قائم ވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު اللَّه މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ.”

 

ވާރުތަ ވާނީ ދެ ގޮތަކުންނެވެ. އެއީ ފަރްޟުގެ ގޮތުންނާ ޢަސަބަތުގެ ގޮތުންނެވެ. ފަރްޟުވެރިންނަކީ ސީދާ ނައްސުން ސާބިތުވާ ފަރާތްތަކެވެ. މިއީ ތަރިކަ ބެހުމުގައި އިސްކަން ދޭންޖެހޭ ފަރާތްތަކެވެ. ޢަސަބަތުގެ ގޮތުން ލިބުމަކީ ފަރްޟުވެރިންގެ ބައި ނެގުމަށްފަހު ބާކީ ލިބުމެވެ. މިއީ ބައެއް ޙާލަތުގައި މުޅި ތަރިކަ އެއްކޮށް ލިބުންކަމަށްވެސް ވެއެވެ. އެއީ ފަރްޟު ވެރިއަކު ނެތުމުންނެވެ. މުދަލުގެ ބާކީ އެއްޗެއް ނެތްނަމަ ޢަސަބާއިންނަށް އެއްވެސް އެއްޗެއް ނުލިބޭނެއެވެ. ޢިލްމުވެރީން ވިދާޅުވެފައިވާ ގޮތުގައި ޢިލްމުލް ފަރާއިޟްގައިވަނީ ވާރުތަ މުދަލުން ޙައްޤުވާ މީހުންނާއި ޙައްޤުވާ މިންވަރު ބަޔާންކޮށްދޭ ހިސާބުތަކާއި ފިޤްހީ ޤަވާޢިދުތަކެވެ. ޢިލްމުލް މީރާޘްގައިވަނީ ވާރުތަމުދާ ލިބޭ މީހުންނާއި ނުލިބޭ މީހުންނާއި ލިބޭ މިންވަރުގެ ޢިލްމެވެ. އެހެންކަމުން މި ދެބަޔަށް ވިސްނާލުމުން އެނގެނީ، ނަތީޖާ އެކައްޗަކަށް ވީނަމަވެސް، ޙައްޤުވާ މީހުންނާ ލިބޭ މީހުން އިޞްޠިލާޙީ ގޮތުން ވަކިކުރެވިފައިވާކަމެވެ. ތަރިކަ މުދާ ބެހުމުގެ މި ހަމަތަކުގެ މަޞްދަރަކީ ކީރިތި ޤުރްއާނެވެ. މިގޮތުން އިސްލާމީ ޝަރީޢަތުގައި ވާރުތަ މުދާ ބަހާނެ ގޮތުގެ މައިގަނޑު ހުރިހާ އަސާސެއް ސީދާ ކީރިތި ޤުރުއާނުން އެނގެން އެބަ އޮތެވެ. އެއީ ނިސާ ސޫރަތުގެ 11 ވަނަ އާޔަތާއި 12 ވަނަ އާޔަތާއި 176 ވަނަ އާޔަތުންނެވެ. ނިސާ ސޫރަތުގެ 11 ވަނަ އާޔަތުގައިވަނީ މައްޔިތާގެ މުދަލުން އޭނާގެ ދަރިންނަށް ލިބޭނޭ މިންވަރެވެ. އެސޫރަތުގެ 12 ވަނަ އާޔަތުގައި ވަނީ، މައްޔިތާ ކޮށްފައިވާ ވަސިއްޔަތެއް އޮތްނަމަ ނުވަތަ އޭނާގެ ދަރަންޏެއް އޮތްނަމަ އެ ދެ ކަންތައް ޚަލާޞް ކުރުމަށްފަހު މައިގަނޑު 5 ފަރާތަކަށް މުދާ ލިބޭނެ މިންވަރު ކަނޑައަޅުއްވާފައެވެ. 176 ވަނަ އާޔަތުގައި ބަޔާންވެގެން ވަނީ ކަލާލަތާމެދު ﷲ އަންގަވާފައިވާ ގޮތެވެ. ކީރިތި ޤުރުއާނުގެ އިތުރުން ރަސޫލާ محمَّد صلى الله عليه وسلم ގެ ސުންނަތުންނާއި މި އުއްމަތުގެ ޢިލްމުވެރީންގެ އިޖުމާޢުންވެސް މި ޢިލްމުގެ ހުއްޖިއްޔާތުކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުކުރެވިފައި ވެއެވެ.

 

އިސްލާމްދީނުގައި ތަރިކަމުދާ ބެހުމުގައި ކަނޑައަޅުއްވާފައިވާ އުޞޫލު ކަނޑައަޅުއްވާފައިވަނީ ޖިންސަކަށް ނުވަތަ މޮޅުދެރައަށް ބެލުމަށްފަހު އެއް ނޫނެވެ. އެހެނަސް ދިރިއުޅުމުގައި އެމީހަކު އަދާކުރާ ޒިންމާއާއި މުދަލަށް އެމީހަކު ބޭނުންޖެހިފައިވާ މިންވަރުގެ މައްޗައްބަލާފައެވެ. އެގޮތުން ފިރިހެނާ ގޭތެރޭގެ އެންމެހައި ޚަރަދުތައް ބެލެހެއްޓުމާއި ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި ފުރިހަމަޔަށް ޒިންމާނަގާ ފަރާތަކީ ފިރިހެނާ ކަމަށްވާތީ އޭނާއަށް އަންހެނަކަށް ލިބޭ އެއްޗެއްގެ ދެގުނަ ލިބުމަކީ އިންސާފުވެރި ނޫންގޮތް ކަމުގައި ބުނުމަކީ މޮޔަކަމެކެވެ.

 

މަސްދަރު: ޑރ. ފައްޔާޟް ޢަލީ މަނިކު ލިޔުއްވާފައިވާ “ތަރިކަ ބެހުމަށް ފަހި މަގެއް” މިފޮތުން

&nbsp

0