ދީން
ނަމާދުގެ މުހިންމުކަން

ނަމާދަކީ އަޅާއާއި އޭނާގެ ވެރިރަސްކަލާނގެއާ ގުޅުވައިދޭ އެންމެ މަތިވެރި މަޤާމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

“إِنَّ أَحَدَكُمْ إِذَا صلَّى يُنَاجِي رَبَّهُ” ( رواه البخاري: 531)

މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދު ކުރާޙާލު އޭނާ އެވަނީ އޭނާގެ ވެރި އިލާހަށް މުނާޖާ ދެންނެވުމުގައެވެ.”

ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ އަޅުކަމުގެ ތަފާތު ވައްތަރުތަކުން ޒީނަތްތެރިވެފައިވާ ބަގީޗާއެކެވެ. ފެށެނީ މާތް ﷲ ގެ މަތިވެރިކަން އިޢުލާނުކުރާ ތަކުބީރުންނެވެ. އެއަށް ފަހުގައި ޙަމްދާއި ތަޢުރީފާއި ޘަނާގެ މަތިވެރި ބަސްތަކެކެވެ. އަދި ކޮޅަށް ހުރެ ޤްރުއާނުގެ މަތިވެރި އަޔާތްތައް ތިލާވަތުކުރެއެވެ. އެއަށް ފަހު ރުކޫޢުގައި މަތިވެރިވަންތަ ރައްބުގެ މަތިވެރިކަން ބަޔާން ކުރާ ޛިކުރުތަކެކެވެ. ރުކޫޢުން ތެދުވެ އުޑުތަކާއި ބިން ފުރޭވަރުގެ ޘަނާއާއި ތަޢުރީފުގެ މަތިވެރި ބަސްތަކެކެވެ.ދެން ސަޖިދައިގެ މަތިވެރި މަޤާމެވެ. ތަސްބީޙައާއިއެކު ކުއްތަންވެ ދަންނަވާ ދުޢާ ދެންނެވުމެކެވެ. އެންމެފަހުން މާތް ﷲ އެއްކައުވަންތަ ކުރުމަށް އިނދެ ނަމާދު ނިންމާނީ މަތިވެރި ސަލާމަކުން ދެދުނިޔޭގެ ބަރަކާތަށް އެދެމުންނެވެ.

ނަމާދަކީ ބޮޑެތި ކަންކަމުން ސަލާމަތްވުމަށް ލިބޭ އެންމެ ބޮޑު އެހީތެރިކަމެވެ. އެއީ ފާޙިޝްކަންކަމުން މީހާ ރައްކާކުރާ ވަރުގަދަ އިލާހީ އައްޑަނައެކެވެ.

ނަމާދަކީ މުއުމިނުންގެ ހިތްތަކުގެ ނޫރެވެ. އެއީ އެބައިމީހުންގެ ފުރާނައިގެ ކާނާއެވެ. ލޯތަކުގެ ފިނިކަމެވެ. ދިނިޔެއާއި އާޚިރަތުގައި އޭގެ އަލީގައި ދަތުރުކުރާ އަލިގަދަ ނޫރެވެ. ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

“އެނަމާދުތަކަށް ރައްކާތެރިވާމީހާއަށް ނޫރެއްކަމުގައްޔާއި ، ބުރުހާނަކާއި ނަޖާތެއްކަމުގައި ޤިޔާމަތް ދުވަހުން އެ ނަމާދު ވާނެތެވެ.”

ނަމާދަކީ ކުއްފާފައިގެ ކައްފާރައެކެވެ. ގޭ ދޮރުމަތީގައި އޮންނަ ފެންގަނޑަކުން ރެއަކާއި ދުވާލު ފަސްފަހަރު ހިނައި ޠޯހިރުވުމުން މީހާގެ ހަށިގަނޑު ސާފުވާފަދައިން ނަމާދުގެ ސަބަބުން ފާފަތަކުން މީހާ ތާހިރުވެއެވެ. ނަމާދަކީ ޤިޔާމަތްދުވަހު ފުރަތަމަ އެއާމެދު ސުވާލުކުރެވޭނެ އަޅުކަމެވެ. މީހާގެ ކާމިޔާބާއި ނާކާމިޔާބު ގުޅިފައިވަނީ ނަމާދާއެވެ.

  • ނަމާދަށް ފަރުވާ ކުޑަކުރުމުގެ ނުބައިކަން

ނަމާދަކީ އިސްލާމްދީން އެމައްޗަށް ޤާއިމްވެފައިވާ ފަސްރުކުނުގެ ތެރެއިން އެންމެ މުހިއްމު އެއް ރުކުނެވެ. ޝަހާދަތުގެ ދެކަލިމައަށް ފަހު އެންމެ އިސްވެގެންވާ އަޅުކަމަކީ ނަމާދެވެ. ނަމާދު އަޅާމީހާއަކީ އޭނާގެ ދީންވެރިކަން ދޫކޮށް ، ޣާފިލުވެ ޝައިތާނާއަށް ހެއްލިފައިވާ މީހެކެވެ. ނަމާދަށް ފަރުވާކުޑަކުރާމީހާ އެވަނީ، އޭނާ ދުނިޔާގައި ލެއްވި މަޤްޞަދު ހަނދާން ނަންތާލައިފައެވެ. އަދި މާތް ﷲ އޭނާއަށް ދެއްވި މަތިވެރި ނިޢުމަތްތަކަށް ކާފަރުވެފައެވެ. ނަމާދަކީ މީހާގެ ހަށީގައި ހޭ ހުރިހާހިނދަކު ދޫކޮށްލުން ހުއްދަވެގެންވާ އަޅުކަމެއް ނޫނެވެ. އަދި ކިއެއްތަ ޤަޞްދުގައި ނަމާދު އެޅުމަކީ ކުފުރުގެ ޢަމަލެކެވެ. ނަމާދު އެޅުމަކީ ދީނުން ބޭރުވެގެން ހިނގައިދާނެ ނުރައްކާތެރި ޢަމަލެކެވެ. ނަމާދަކީ ކާފަރުކަމާއި އީމާންކަމާއި ދެމެދުގައިވާ އިންފާރެވެ.

ނަމާދަށް ފަރުވާ ކުޑަކުރުމަކީ މުނާފިޤުކަމެވެ. ނަމާދުތަކަށް ރައްކާތެރި ނުވާމީހާއަށް ޤިޔާމަތްދުވަހު ސަލާމަތްވާނެ މަގެއް ނެތެވެ. އެފަދަމީހަކަށް ޙުއްޖެތެއް އަދި އަލިކަމެއް ނުވެއެވެ.ނަމާދު އަޅާމީހުން މަޙްޝަރު ކުރެވޭނީ ފިރުޢައުނާއި ، ޤާރޫނާއި ، ހާމާނާއި އަދި އުބައްޔު ބުނު ޚަލަފްއާ އެކުގައެވެ.

ނަމާދުއަޅާމީހުން ޤިޔާމަތްދުވަހު އެންމެހައި މީސްތަކުންގެ ކުރިމަތީގައި ޤިޔާމްތްދުވަހު ފަޟީޙަތް ކުރެވޭނެއެވެ. މުއުމިނު އަޅުތަކުން ސަޖިދައަށް ތިރިވާހިނދު އެބައިމީހުންގެ ބުރަކަށޮތައް އެދުވަހުން ނުލެބޭނެތެވެ. އެއީ ދުނިޔޭގައި އެސަޖިދަކުރުމަށް ނަމާދަށް ގޮވާލެވުނުހިނދު އެބައިމީހުން ފުރަދަސް ދިންކަމަށް ޓަކައެވެ.

0