އިބުރަތްތެރި ވާހަކަ
ހޮހޮޅައިގެ ތިން އެކުވެރިން

ޢަބްދުﷲ ބުން ޢުމަރު(ރަޟިޔަﷲ ޢަންހު)ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާﷺ ޙަދީޘްފުޅުކުރެއްވިއެވެ.

ތިން މީހަކު ހިނގަމުން ދަނިކޮށް ވާރޭވެހެން ފެށިއެވެ. ދެން ފަރުބަދައެއްގެ ހޮހޮޅައަކަށް ވަދެ ހިޔާވަހިކަން ހޯދިއެވެ. ދެން ފަރުބަދައިގެ މަތިން ފުރޮޅެމުން އައި ބޮޑު ހިލައެއް ހޮހޮޅައިގެ ދޮރުމައްޗަށް ވެއްޓި ހޮހޮޅަ ބެދިއްޖެއެވެ. ދެން އެބައިމީހުން އެކަކު އަނެކަކަށް ބުންޏެވެ. ކަލޭމެން ﷲއަށްޓަކައި ކޮށްފައިވާ ޞާލިޙު ޢަމަލުތައް ބަލައި، އެޢަމަލުތައް މެދުވެރިކޮށް ﷲއަށް ދުޢާކުރާށެވެ. އޭރުން އެކަލާނގެ ކަލޭމެންނަށް ދިމާވެފައިވާ ކަމުން ސަލާމަތްކޮށްދެއްވާފާނެއެވެ.އޭގެތެރެއިން އެކަކު ބުންޏެވެ. އޭ ހައްދަވައި ބޮޑުކުރެއްވި އިލާހެވެ! ހަމަކަށަވަރުން މިއަޅާއަށް އުމުރުން ދުވަސްވެފައިވާ މަންމައަކާއި ބައްޕައަކު ލިބިފައިވިއެވެ. އަދި މިއަޅާގެ ކުޑަކުޑަ ދަރިންތަކެއް ތިބެއެވެ. މިއަޅާ އެމީހުންނަށްޓަކައި (އެމީހުންނަށް ޚަރަދުކުރުމަށްޓަކައި) ބަކަރި ހުއިހައްޕަމެވެ. މިއަޅާ އެމީހުން ގާތަށް ހަވީރު އެނބުރިއައިސް، އެމީހުންނަށްޓަކައި ކިރުފެލައިދެމެވެ. އަދި އެފެލާކިރު ދަރިންނަށް ދިނުމުގެ ކުރިން ފުރަތަމަ ދެނީ މިއަޅާގެ މައިންބަފައިންނަށެވެ. އެއްދުވަހު މިއަޅާ ލަސްވިއެވެ. ގެއަށް އާދެވުނީ ރޭވިފަހުންނެވެ. އާދެވުނުއިރު ފެނުނީ މަންމައާއި ބައްޕައަށް ނިދިފައިވާތަނެވެ. ދެން (އެދުވަހުވެސް) އެހެންދުވަސްތަކުގައި ކިރުފެލާފަދައިން ކިރުފެލީމެވެ. އަދި އެދެމީހުންގެ ބޯލާކޮޅުގައި ހުއްޓިހުރީމެވެ. އެކަމަކު އެދެމީހުންނަށް ގޮވައި ހޭލެއްވުމަށް މިއަޅާ ނުރުހުނީމެވެ. އަދި މިއަޅާގެ ދަރިން މިއަޅާގެ ފައިކައިރީގައި ރޮމުން ދިޔައިރުވެސް، (މިއަޅާގެ މައިންބަފައިންނަށް ނުދީ) އެކުދިންނަށް އެކިރުތަށިން ދިނުމަށް ނުރުހުނީމެވެ. މިގޮތުގައި މިއަޅާ ފަތިސްވަންދެން ހުރީމެވެ. މިއަޅާގެ އެޢަމަލަކީ އިބައިލާހުގެ ވަޖްހުފުޅު އަދައިގެން ކުރި ޢަމަލެއްކަމުގައި ވާނަމަ، އުޑު ފެންނަވަރަށް ހިލަގަނޑު ދުރަށްޖައްސަވާނދޭވެ! ދެން، އުޑު ފެންނަވަރަށް، ﷲ އެހިލަގަނޑު ދުރަށްޖެއްސެވިއެވެ.

ދެން އޭގެތެރެއިން އެހެން މީހަކު ބުންޏެވެ. އޭ ހައްދަވައި ބޮޑުކުރެއްވި އިލާހެވެ! ހަމަކަށަވަރުން މިއަޅާގެ ބޮޑުބޭބެގެ އަންހެންދަރިއަކު ހުރެއެވެ. ފިރިހެނުން އަންހެނުންދެކެ ލޯބިވާނެ އެންމެ ބޮޑަށް މިއަޅާ އެކުއްޖާދެކެ ލޯބިވީމެވެ. ފަހެ، މިއަޅާ އެކުއްޖާގެ ގާތުން މިއަޅާއާއެކު ޒިނޭކުރުމަށް އެދުނީމެވެ. ދެން އެކުއްޖާ، މިއަޅާ އެކުއްޖާއަށް ސަތޭކަ ދީނާރު ދިނުމުންނޫނީ އެކަން ކުރުމަށް އިންކާރުކުރިއެވެ. މިއަޅާ ނުހަނު ބުރަކޮށް މަސައްކަތްކޮށް އެފައިސާ ޖަމާކުރީމެވެ. ދެން ތިމަންނަ އޭނާއާއި އެކު އެނުބައި ޢަމަލުކުރުމަށް އުޅުނު ހިނދު އެއަންހެންކުއްޖާ ބުންޏެވެ. “އޭ ﷲގެ އަޅާއެވެ! ﷲއަށް ބިރުވެތިވާށެވެ. ކައިވެނީގެ ގުޅުމާނުލާ ތިޢަމަލަށް އަރައި ނުގަންނާށެވެ.” ދެން މިއަޅާ (އެމުޑުދާރު ޢަމަލުނުކޮށް) ތެދުވީމެވެ. މިއަޅާގެ އެޢަމަލަކީ އިބައިލާހުގެ ވަޖްހުފުޅު އަދައިގެން ކުރި ޢަމަލެއްކަމުގައި ވާނަމަ، އަޅަމެންނަށްޓަކައި (މި ހިލަގަނޑު) ފެޔަށް ޖައްސަވާނދޭވެ! ދެން މާތް ﷲ، އެހިލަގަނޑު އަނެއްކާވެސް ފެޔަށްޖެއްސެވިއެވެ. )މިފަހަރުވެސް އެހޮހޮޅައިން ނިކުމެވޭވަރަށް އެހިލަގަނޑު ދުރަށް ނުޖެހުނެވެ.)

އަދި އޭގެތެރެއިން ތިންވަނަ މީހާ ބުންޏެވެ. އޭ ހައްދަވައި ބޮޑުކުރެއްވި އިލާހެވެ! ހަމަކަށަވަރުން މިއަޅާ، ހަނޑުލުގެ މިވެނި މިންވަރެއްގެ އުޖޫރައަށް މީހަކު ލައްވައި މަސައްކަތްކުރުވީމެވެ. އޭނާގެ މަސައްކަތް ނިމުމުން އޭނާ ބުންޏެވެ. “އަހަރެންގެ އުޖޫރަދޭށެވެ.” ދެން މިއަޅާ އޭނާއަށް އޭނާގެ އުޖޫރަ ހުށައެޅުމުން، އޭނާ އޭގައި ހިފުމަށް އިންކާރުކުރިއެވެ. ދެން މިއަޅާ އޭނާގެ އުޖޫރައިން ދަނޑުހެއްދުމުގައި ދެމިހުރީމެވެ. އޭގެ ފައިދާއިން ބައިވަރު ގެރިއާއި އެއެއްޗެހި ހުއިހައްޕާނެ މީހުން ޖަމާކުރެވެންދެނެވެ. ދެން އޭނާ މިއަޅާގެ ގާތަށް އައެވެ. އަދި ބުންޏެވެ. ﷲއަށް ބިރުވެތިވާށެވެ. (އަހަރެންގެ އުޖޫރަ ދޭށެވެ.) ދެން މިއަޅާ ބުނީމެވެ. އެތިބި ގެރިތަކާއި އެއެއްޗެހި ހުއިހައްޕާ މީހުންގެ ގާތަށް ގޮސް އެހުރިހާ އެއްޗެއް ގެންދާށެވެ. ދެން އޭނާ ބުންޏެވެ. ﷲއަށް ބިރުވެތިވާށެވެ. އަހަރެންނަށް މަލާމާތް ނުކުރާށެވެ. މިއަޅާ ބުނީމެވެ. ހަމަކަށަވަރުން އަހަރެން ކަލެއަށް މަލާމާތެއް ނުކުރަމެވެ. އެއެއްޗެހި ގެންދާށެވެ. ދެން އޭނާ އެތަކެތި ހިފައިގެން ދިޔައެވެ. މިއަޅާގެ އެޢަމަލަކީ އިބައިލާހުގެ ވަޖްހުފުޅު އަދައިގެން ކުރި ޢަމަލެއްކަމުގައި ވާނަމަ، އަޅަމެން މިކަމުން ސަލާމަތް ކޮށްދެއްވާ ހިލައިގެ ބާކީއިންބައި ދުރަށް ޖައްސަވާނދޭވެ! ދެން ﷲ، އެބައިމީހުން ސަލާމަތްކޮށްދެއްވިއެވެ.”

(ޞަޙީޙުލް ބުޚާރީ 2333)

0