މަގޭ ވެށި
އަހަންނަށް ސުވަރުގޭގައި ސިނގިރޭޓު ބޯން ލިބޭނެ ހެއްޔެވެ؟!

ސިނގިރޭޓު ބުއިމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ މީހުން ކުރަމުން ގެންދާ މުޑުދާރު ގޯސް ޢަމަލެކެވެ. އޭގެ ނުރައްކާތެރިކަމާއި ގެއްލުން އެނގޭއިރުވެސް އެނުބައި އާދައާއި ދުރަށް ދިއުން ވެފައިވަނީ އުނދަގޫ އަދި ވުމަށް ވުރެ ނުވުން ގާތްކަމަކަށެވެ. ބައެއް މީހުން ސިނގިރޭޓުގެ އަވާގައި ޖެހިފައިވަނީ ހީވެސް ނުކުރާވަރަށެވެ.

އެއްފަހަރަކު ޢިލްމުވެރިއަކު ސިނގިރޭޓު ބުއިމުގެ ނުރައްކާތެރިކަމާއި އެކަމުގައި ހުރި ގެއްލުން ބަޔާންކޮށް އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫންކަން ބަޔާންކޮށްދިނުމުން ޒުވާނަކު ބުންޏެވެ.

“އަހަރެން މިދުނިޔޭގައި ސިނގިރޭޓު ބުއިން ހުއްޓާލައިފިނަމަ ސުވަރުގޭގައި އަހަންނަށް ސިނގިރޭޓު ބޯން ލިބޭނެ ހެއްޔެވެ؟”

ޢިލްމުވެރިޔާ ވަރަށް ފުންކޮށް މިސުވާލަށް ދޭނެ ރަނގަޅު ޖަވާބަކާއި ދޭތެރޭ ވިސްނާލިއެވެ. އަދި ވިދާޅުވިއެވެ.

“ސުވަރުގޭގައި ސިނގިރޭޓު ބޯން ބޭނުން ވަނީ ދޯއެވެ؟! ތިކަން ތިގޮތަށް ކުރަން ވިސްނާއިރު ވަރަށް ބޮޑު މައްސަލައެއް އެބަ ދިމާވެއެވެ. ސިނގިރޭޓު ރޯކުރަން އަލިފާން ބޭނުންވާނެ ނޫން ހެއްޔެވެ؟ އަލިފާން ހުންނާނީ ނަރަކައިގައެވެ!”

މިއީ ބައެއް މީހުން ސިނގިރޭޓު ބުއިމަށް ދެވިހިފާފައިވާ މިންވަރެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް ޙާލަތު ހުރީ ހަމަ މިފަދަ ގޮތަކަށެވެ. ސިނގިރޭޓުގެ އަގު މިހާ މަތިވެގެންދާއިރުވެސް އެންމެ ނިކަމެތި މީހާއަށްވެސް އެކަން ހުއްޓޭކަށް ނެތެވެ. ސިނގިރޭޓު ފޮށީގެ ބޭރުގައި އެއީ “ޢުމުރު ކުރުވާ އެއްޗެއް” ކަމަށާއި އެ ބޯމީހުންގެ “ދަރިން ޢައިބުވުމުގެ ފުރުޞަތު ބޮޑުކަމަށާއި” އަދި ސިނގިރޭޓު ބުއިމުން “ކެންސަރުޖެހުމުގެ ފުރުޞަތު ބޮޑުކަމަށް” ބޮޑު އަކުރުން ފަވާފައި ވާއިރުވެސް އެކަން ހުއްޓާލުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ! ސިނގިރޭޓާއި ދުންފަތުގެ އަވާގައި ޖެހިފައިވާ އެންމެހާ ބޭފުޅުންނެވެ! ވިސްނާށެވެ!

މާތްﷲ ވަނީ އެންމެހާ ޠާހިރު އެއްޗެއް ކެއުމާއި ބުއިން ޙަލާލުކުރައްވާފައެވެ. އަދި ހަޑި މުޑުދާރު ނަޖިސް ތަކެތި ޙަރާމްކުރައްވާފައެވެ. ދުންފަތާއި ސިނގިރޭޓަކީ ހަޑި މުޑުދާރު އެއްޗެކެވެ. އަދި އޭގެ ސަބަބުން އެތައް ގެއްލުމެއް އެތަކެތި ބޭނުންކުރާ މީހާއަށާއި އަނެކުންނަށް ލިބޭ އެއްޗެކެވެ. މާތް ﷲ ވަޙީ ކުރެެއްވިއެވެ. “وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ۛ وَأَحْسِنُوا ۛ” (ސޫރަތުލް ބަޤަރާ 195)

މާނައީ: “އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ نفس ތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!”

އަދި ރަސޫލޫﷲ  ﷺ  ޙަދީޘްކުރެއްވިއެވެ. ( لا ضَرَرَ ولا ضِرارَ ) رواه الحاكم (2 / 57 – 58)

މާނައީ: “ގެއްލުން ދިނުމެއްވެސް ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ.”

0