މަގޭ ވެށި
އަނބިމީހާއާއިއެކު އެއްދާންކުރުމުން ޘަވާބުލިބޭކަން އެނގޭތަ؟

އަބޫ ޛައްރު(ރަޟިޔަﷲ ޢަންހު)ގެ ކިބައިން ރިވާވެގެން ވެއެވެ. “އަޞްޙާބު ބޭކަލުންގެ ތެރެއިން ބޭކަލުންތަކެއް ރަސޫލުﷲ ﷺ އަށް ދެންނެވިއެވެ.

{އޭ ﷲ ގެ ރަސޫލާއެވެ! މުދަލުގެ އަހުލުވެރިން(އެބަހީ: މުއްސަނދިން) އަޖުރުލިބިގަތުމުގައި ކުރިއަރައިގެން ގޮއްސިއެވެ. ތިމަންބޭކަލުން ނަމާދުކުރާ ފަދައިން އެބައިމީހުން ނަމާދުކުރެއެވެ. އަދި ތިމަންބޭކަލުން ރޯދަހިފާ ފަދައިން އެބައިމީހުން ރޯދަހިފައެވެ. އަދި އެބައިމީހުނަށް އިތުރުވެފައިވާ މުދަލުން ޞަދަޤާތްކުރެއެވެ. (ތިމަންބޭކަލުންނަށް ޞަދަޤާތެއް ނުކުރެވެއެވެ.)”

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

“މާތް ﷲ ތިޔަބައިމީހުންނަށް ޞަދާޤާތްކުރެވޭނެ ކަންކަން ނުލައްވާ ހެއްޔެވެ! ހަމަކަށަވަރުން ކޮންމެ ތަޞްބީޙައަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަކްބީރަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަޙްމީދަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަޙްލީލަކީ ޞަދަޤާތެކެވެ. އަދި ހެޔޮކަމަކަށް އަމުރުކުރުމަކީ ޞަދަޤާތެކެވެ. އަދިނުބައިކަމެއް މަނާކުރުމަކީ ޞަދަޤާތެކެވެ. އަނބިމީހާއާއި އެކު އެއްދާންކުރުމަކީ ޞަދަޤާތެކެވެ.”

އެބައިމީހުން ދެންނެވިއެވެ.

“އޭ ﷲ ގެ ރަސޫލާއެވެ! މީހަކަށް ޝަޙުވަތުގެ އެދުން އަންނަހިދު (އަނބިމީހާގެ ކައިރިން) އެއެދުން ފުއްދުމުންވެސް އަޖުރުލިބޭނެތޯއެވެ؟”

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

“އޭނާ ޙަރާމްގޮތުގައި އެއެދުން ފުއްދައިފިނަމަ(އެބަހީ: ޒިނޭކޮށްފިނަމަ) އޭނާ އަށް ޢަޒާބު ޙައްޤުނުވާނެ ހެއްޔެވެ؟ ހަމައެފަދައިން އޭނާ ޙަލާލުގޮތުގައި އެއެދުންފުއްދައިފިނަމަ އޭނާ އަށް އެކަމުގެ އަޖުރު ލިބޭހުއްޓެވެ.”}

(ރިވާކުރެއްވީ މުސްލިމް – 1674)

އިމާމް ނަވަވީ، ޞަޙީޙް މުސްލިމްގެ ޝަރަޙައިގައި ވިދާޅުވެފައިވެއެވެ.

“މިޙަދީޘުން ދަލީލުލިބޭ ގޮތުގައި، މުބާޙު ކަންތައްތައް ތެދުވެރި ނިޔަތާއިއެކު ކޮށްފިނަމަ ކިޔަމަންތެރިކަމަށް ބަދަލުވެގެން ދެއެވެ. އެގޮތުން، އަނބިމީހާގެ ޙައްޤުއަދާކޮށްދިނުމުގެ ނިޔަތުގައި ނުވަތަ އަނބިމީހާއާއި އެކު ﷲ އެންގެވި ފަދައިން ރިވެތިގޮތުގައި ދިރިއުޅުމުގެ ނިޔަތުގައި ނުވަތަ ހެޔޮލަފާ ޞާލިޙް ދަރިޔަކު އެދިގެން ނުވަތަ އޭނާގެ ނަފްސަށް ޢިއްފަތްތެރިކަން އެދިގެން ނުވަތަ އަނބިމީހާއަށް ޢިއްފަތްތެރިކަން އެދިގެން އަދި ޙަރާމް ބެލުންތަކާއި ފިކުރުތަކުންނާއި އެނުތަނަވަސްކަމުން ސަލާމަތްވުން އެދިގެން ނުވަތަ އެފަދަ އެހެން ހެޔޮ ނިޔަތަކާއި އެކު ޖިމާޢުވެއްޖެ ނަމަ އެކަން އަޅުކަމަށް ވެގެންދާނެ ކަމަށް މިޙަދީޘްފުޅުން ދަލީލު ލިބެއެވެ.” (މުސްލިމްގެ ޝަރަޙަ – 7/92)

 

  • ޙަދީޘްގައިވާ ބައެއް ބަސްތަކުގެ މާނަ:

ތަސްބީޙަ: އެއީ سُبْحَانَ الله ކިޔުމެވެ.

ތަކްބީރު: އެއީ الله أَكْبَر ކިޔުމެވެ.

ތަޙްމީދު: އެއީ الْحَمْدُ لِلهِ ކިޔުމެވެ.

ތަޙްލީލު: އެއީ لاَ إِلَهَ إِلاَّ الله ކިޔުމެވެ.

0
  1. Anbimeehaa ehdhaan Kuran beynun nuvun nuvatha nukurumun vaanegoiy himanaali Nama