އިބުނު ޢައްބާސް (ރަޟިޔަﷲ ޢަންހުމާ)ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.
[ތިމަންކަލޭގެފާނާއިގެން އިސްރާކުރެވުނުރޭގައި ތިމަންކަލޭގެފާނަށް މީރުވަހެއް ދުވިއެވެ. އެހިނދު ތިމަންކަލޭގެފާނު ޙަދީޘްކުރެއްވީމެވެ.
“އޭ ޖިބްރީލްގެފާނެވެ! މިއީ ކޮން މީރުވަހެއް ހެއްޔެވެ؟”
ޖިބްރީލުގެފާނު ވިދާޅުވިއެވެ.
“މިއީ ފިރުޢައުނުގެ އަންހެންދަރީގެ ބޮލުގައި ފުނާއަޅައިދޭން އުޅުނު އަންހެންމީހާއާއި އެއަންހެންމީހާގެ ދަރިންގެ ވަހެވެ.”
ޙަދީޘްކުރެއްވިއެވެ. ދެން ތިމަންކަލޭގެފާނު ޙަދީޘްކުރެއްވީމެވެ.
“އެއަންހެންމީހާގެ ޚަބަރަކީ ކޮބާހެއްޔެވެ؟”
ޖިބްރީލުގެފާނު ވިދާޅުވިއެވެ.
“އެކަމަނާ އެއްދުވަހަކު ފިރުޢައުނުގެ އަންހެންދަރީގެ ބޮލުގައި ފުނާއަޅަދޭން ހުއްޓައި އެކަމަނާގެ އަތުން ފުނާވެއްޓުނެވެ. އެހިނދު އެކަމަނާ ވިދާޅުވިއެވެ. “ބިސްމިﷲ (ﷲ ގެ އިސްމުފުޅުންނެވެ.)”
ދެން ފިރުޢައުނުގެ އަންހެން ދަރި ބުންޏެވެ. “ތިބުނީ އަހަރެންގެ ބައްޕަގެ ވާހަކަ ހެއްޔެވެ؟”
އެކަމަނާ ދެންނެވިއެވެ.
“ނޫނެކެވެ. އެކަމަކު އަހަންނާއި ކަލޭގެ ބައްޕަގެ ވެރިއިލާހަކީ ﷲ އެވެ.”
ފިރުޢައުނުގެ އަންހެންދަރި ބުންޏެވެ.
“ތިޚަބަރު އަހަރެން ބައްޕައަށް ދެންހެއްޔެވެ؟”
އެކަމަނާ ދެންނެވިއެވެ.
“އާނއެކެވެ.”
ދެން ފިރުޢައުނުގެ އަންހެންދަރި އެވާހަކަ އޭނާގެ ބައްޕަ ގާތުގައި ބުނެފިއެވެ.
ދެން އެއަންހެން މީހާ ފިރުޢައުނުގެ ގާތަށް ގެނެވުނެވެ.
“އޭ މިވެނި އަންހެނާއެވެ! ކަލެއަށް އަހަރެން ފިޔަވައި އިލާހަކު ވޭހެއްޔެވެ؟”
އެކަމަނާ ދެންނެވިއެވެ.
“އާނއެކެވެ. އަހަންނާއި ކަލޭގެ ވެރި އިލާހަކީ ﷲ އެވެ.”
ދެން ލޮއިންހަދާފައިވާ ބޮޑު އެއްޗެއް ހޫނުކުރުމަށް ފިރުޢައުނު އެންގިއެވެ. އެއަށްފަހު އެކަމަނާއާއި އެކަމަނާގެ ދަރިންވެސް އޭގެ ތެރެއަށް އެއްލާލުމަށް އަމުރުކުރިއެވެ. އެހިނދު އެކަމަނާ ދެންނެވިއެވެ.
“ހަމަކަށަވަރުން އަހަރެން ކަލޭގެ ފަރާތުން ބޭނުންވާކަމެއް އެބައޮތެވެ.”
ފިރުޢައުނު ބުންޏެވެ.
“ތިބާ ބޭނުންވާ ކަމަކީ ކޮބާ ހެއްޔެވެ؟”
އެކަމަނާ ދެންނެވިއެވެ.
“އަހަންނާއި އަހަރެންގެ ދަރިންގެ ކަށިތައް އެއް ފޮތިގަޑަކަށް ލުމަށްފަހު ވުޅުލުމަށް އަހަރެން ތިބާގެ ކިބައިން އެދެމެވެ.”
ފިރުޢައުނު ބުންޏެވެ.
“އެއީ އަހަރެމެންގެ ކިބައިން ތިބާގެ މައްޗަށްވާ ޙައްޤެކެވެ.”
ޖިބްރީލުގެފާނު ވިދާޅުވިއެވެ.
“ދެން އެކަމަނާގެ ކުރިމަތީގައި، އެކަމަނާގެ ދަރިންގެ ތެރެއިން ފަހަރަކު ކުއްޖަކު އޭގެ ތެރެއަށް އެއްލާލުމަށް އަމުރުކުރިއެވެ. އެކަމަނާގެ އުރުގައިވާ ކިރުތުނބުން ނުވީއްލޭވަރުގެ ކުއްޖާއާ ޖެހެންދެން މިގޮތަށް ކަންތައް ކުރަމުން ދިޔައެވެ. އެކަމަނާ އެތުއްތު ކުއްޖާގެ ސަބަބުން އޭގެތެރެއަށް ފުންމާލުމަށް ޖެހިލުންވެ ހުރިފަދައެވެ. އެހިނދު އެ ތުއްތު ކުއްޖާ ބުންޏެވެ.
“އޭ މަންމާއެވެ! ކުރިއަށްދާށެވެ! ހަމަކަށަވަރުން ދުނިޔޭގެ ޢަޛާބު އާޚިރަތުގެ ޢަޛާބަށްވުރެ ފަސޭހަވެގެންވެއެވެ.”
ދެން އެކަމަނާ ކުރިއަށްދިޔައެވެ. (ގޮސް ފުންމާލިއެވެ.)”]
އަލްއިމާމް އަޙުމަދުގެ “މުސްނަދު”ގެ (309/1)، އަދި އައްޠަބަރާނީގެ (12280)، އަދި އިބްނު މާޖާގެ (2903) އަދި އަލްޙާކިމް (496/2) ގައި މިޙަދީޘް ގެންނަވާފައިވެއެވެ.
ޙަޤީޤީ އީމާނުގެ އަހުލުވެރިން