އިބުރަތްތެރި ވާހަކަ
ފާޠިމަތުގެފާނު ޚާދިމަކަށް އެދިވަޑައިގެން ދެންނެވި ހިނދު…

ރަސޫލުﷲ (صلى الله عليه وسلم) ގެ ލޮބުވެތި ދަރިކަނބަލުން ފާޠިމާ(ރަޟިޔަﷲ ޢަންހާ) ޚާދިމެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެން އެކަމަނާގެ ބައްޕާފުޅުގެ އަރިހަށް ވަޑައިގަތެވެ. ދެން ރަސޫލުﷲ (صلى الله عليه وسلم)  ޙަދީޘްކުރެއްވިއެވެ. “‏ أَلاَ أُخْبِرُكِ مَا هُوَ خَيْرٌ لَكِ مِنْهُ، تُسَبِّحِينَ اللَّهَ عِنْدَ مَنَامِكِ ثَلاَثًا وَثَلاَثِينَ، وَتَحْمَدِينَ اللَّهَ ثَلاَثًا وَثَلاَثِينَ، وَتُكَبِّرِينَ اللَّهَ أَرْبَعًا وَثَلاَثِينَ ” (ޞަޙީޙުލް ބުޚާރީ)

މާނައީ:  “އެއަށްވުރެ (ޚާދިމަކަށްވުރެ) ހެޔޮކަމެއް، ތިމަން ކަލޭގެފާނު ކަމަނާއަށް ވިދާޅުވެދެއްވަން ހެއްޔެވެ؟ ކަމަނާ ނިދުމުގެ ކުރިން ތިރީސްތިންފަހަރު ތަޞްބީޙަ(سُبْحَانَ الله) ކިޔާށެވެ.  އަދި ތިރީސްތިންފަހަރު ތަޙްމީދު(الحَمْدُ لله) ކިޔާށެވެ.  އަދި ތިރީސްހަތަރުފަހަރު ތަކްބީރު(الله أكبر) ކިޔާށެވެ.”

އަދި އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. “فَإِنَّ ذَلِكَ خَيْرٌ لَكُمَا مِمَّا سَأَلْتُمَاهُ” (ޞަޙީޙުލް ބުޚާރީ)

މާނައީ: “ފަހެ ހަމަކަށަވަރުން، ތިޔަ އެދިލެއްވި ކަމަށްވުރެ(ޚާދިމަކަށްވުރެ) އެކަން ތި ދެބޭކަލުންނަށް(ޢަލީގެފާނާއި ފާޠިމަތުގެފާނަށް) ހެޔޮވެގެންވެއެވެ.”

މިއީ ނިދުމުގެ ކުރިން ކިޔުމަށް ރަސޫލުﷲ (صلى الله عليه وسلم) ދަސްކޮށްދެއްވި ޛިކުރުތަކުގެ ތެރެއިން ޛިކުރުތަކެކެވެ. އަދި އެޢަދަދަށް އެކަލިމަފުޅުތައް ކިޔައިފިމީހާއަށް އެކަން ޚާދިމަކަށްވުރެ ހެޔޮވެގެންވާކަން ބަޔާންކޮށްދެއްވިއެވެ. سُبْحَانَ الله މިކަލިމައިގެ މާނައަކީ، ﷲ ހުސްޠާހިރުވަންތައެވެ.

الحَمْدُ لله މިކަލިމައިގެ މާނައަކީ ޙަމްދުހުރީ ﷲއަށެވެ. الله أكبر މިކަލިމައިގެ މާނައަކީ އެންމެ ބޮޑީ ﷲއެވެ.

ކޮންމެރެއަކު ނިދުމުގެ ކުރިން މިކަލިމަތަށް މިޢަދަދަށް ކިޔާ ބަޔަކުކަމުގައި އަޅަމެން ލައްވާށިއެވެ. އާމީން!

0