ނަޞޭޙަތާއި އިރުޝާދު
ހެނދުނާއި ހަވީރު މިދުޢާ ކުރަން ހަނދާންނައްތާ ނުލާތި!

ޝައްދާދު ބުން އައުސްގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲﷺ ޙަދީޘްފުޅުކުރެއްވިއެވެ.   ‏

“‏سَيِّدُ الاِسْتِغْفَارِ أَنْ تَقُولَ اللَّهُمَّ أَنْتَ رَبِّي، لاَ إِلَهَ إِلاَّ أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوءُ لَكَ بِذَنْبِي، فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ ‏”‏‏.‏ قَالَ ‏”‏ وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ، فَهُوَ مِنْ أَهْلِ الْجَنَّةِ، وَمَنْ قَالَهَا مِنَ اللَّيْلِ وَهْوَ مُوقِنٌ بِهَا، فَمَاتَ قَبْلَ أَنْ يُصْبِحَ، فَهْوَ مِنْ أَهْلِ الْجَنَّةِ.‏”‏‏

މާނައީ: “ސައްޔިދުލް އިސްތިޣްފާރަކީ(އިސްތިޣްފާރުގެ ސާހިބާއަކީ) “اللَّهُمَّ أَنْتَ رَبِّي، لاَ إِلَهَ إِلاَّ أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوءُ لَكَ بِذَنْبِي، فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ.‏”‏‏ މިފަދައިން ކިޔުމެވެ. އެކަލޭފާނު ޙަދީޘްކުރެއްވިއެވެ. އަދި މީހަކު ޔަޤީންކަމާއެކު ހެނދުނު މިދުޢާ ކޮށްގެން ހުއްޓައި، ހަވީރުވުމުގެ ކުރިން މަރުވެއްޖެނަމަ، ފަހެ އޭނާ ވާހުށީ ސުވަރުގެވަންތަވެރިންގެ ތެރެއިންނެވެ. އަދި މީހަކު ޔަޤީންކަމާއެކު ހަވީރު މިދުޢާ  ކޮށްގެން ހުއްޓައި، ހަވީރުވުމުގެ ކުރިން މަރުވެއްޖެނަމަ، ފަހެ އޭނާ ވާހުށީ ސުވަރުގެވަންތަވެރިންގެ ތެރެއިންނެވެ.”

މިދުޢާގެ މާނައީ  “އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! އިބަ ﷲއީ މިއަޅާގެ ވެރިއިލާހެވެ. އިބަ ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. މިއަޅާ ހެއްދެވީ އިބަ އިލާހެވެ. އަދި މިއަޅާއީ އިބައިލާހުގެ އަޅަކީމެވެ. އަދި މިއަޅާއަށް ކުޅަދާނަވީ ވަރަކުން މިއަޅާ މިހުރީ އިބައިލާހުގެ ޢަހުދާއި ވަޢުދުގެ މަތީގައެވެ. މިއަޅާއަށް ކުރެވިފައިވާ ކަންތައްތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި މިއަޅާ އިބައިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. މިއަޅާގެ މައްޗަށްވާ އިބައިލާހުގެ ނިޢުމަތްތަކަށް މިއަޅާ އިޢުތިރާފުވަމެވެ. އަދި މިއަޅާގެ ފާފަތަކަށްވެސް މިއަޅާ އިޢުތިރާފުވަމެވެ. ފަހެ، މިއަޅާއަށް ފާފަފުއްސަވާނދޭވެ! ފަހެ، ހަމަކަށަވަރުން އިބައިލާހު ފިޔަވައި ފާފަފުއްސަވައިދެއްވޭނޭ އެހެންފަރާތެއް ނުވެއެވެ.”

މިއީ ސުވަރުގެ އެދޭނަމަ، ކޮންމެ ދުވަހަކު ތިބާގެ ދުވަހުގެ ތާވަލުގައި ހިމަނައިލުމަށް އެންމެ މޮޅު އެއްކަމެވެ. ހަނދާންނައްތައިނުލައި މިދުޢާ ހެނދުނާ ހަވީރު ކުރަން ވީއެވެ. ވަގުތުކޮޅެއް ހޯދައިލައިގެން މިދުޢާ ހިތުދަސްކޮށްލާށެވެ. އޭރުން ބުރަކޮށް އުޅެމުންވެސް ކިޔާލުމަށް މާބޮޑުކަމަކަށް ނުވާނެއެވެ. އެތަނެއްގެ ދަށުން ފެންކޯރުތައް ހިނގަހިނގައި ހުންނަ ސުވަރުގޭގެ އަހުލުވެރިއަކަށް ވުމަށްޓަކައެވެ.

0
  1. Aaminath Hafeeza

    abadhuves kiyan