އަޚްލާޤު
ރަސޫލުﷲ ﷺ ކުރެއްވެވި ސަމާސާގެ ތެރެއިން

عَنْ عَائِشَةَ، قَالَتْ “كُنْتُ أَغْتَسِلُ أَنَا وَرَسُولُ اللَّهِ، صلى الله عليه وسلم مِنْ إِنَاءٍ – بَيْنِي وَبَيْنَهُ – وَاحِدٍ فَيُبَادِرُنِي حَتَّى أَقُولَ دَعْ لِي دَعْ لِي ‏.‏ قَالَتْ وَهُمَا جُنُبَانِ ‏.‏” (ޞަޙީޙް މުސްލިމް)

މާނައީ: ޢާއިޝާ(ރަޟިޔަﷲ ޢަންހާ) ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “ތިމަންކަމަނާއާއި ރަސޫލުﷲ صلى الله عليه وسلم ގެ ދެމެދުގައިވާ ކަންވާރަކުން ތިމަންކަމަނާއާއި އެކަލޭގެފާނު ހިނައިގަންނަވަމެވެ. ދެން އެކަލޭގެފާނު ވަރަށް އަވަސްކުރައްވައެވެ. ތިމަން ކަމަނާއަށްވެސް (ފެން ފޮދެއް) ބަހައްޓަވާށޭ، ބަހައްޓަވާށޭ ވިދާޅުވަންދެނެވެ. އެކަމަނާ ވިދާޅުވިއެވެ. އެވަގުތު ތިމަންކަމަނާއާއި އެކަލޭގެފާނު ތިއްބެވީ ޖުނުބުވެރި ޙާލުކޮޅުގައެވެ.”

މިއީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން ޢާއިޝާ(ރަޟިޔަﷲ ޢަންހާ) އާއި އެކު ހިނައިގަންނަވަމުން ކުރެއްވެވި ސަމާސާއެކެވެ. އެކަލޭގެފާނު ސަމާސާ ކުރައްވާ އުޅުއްވީ ހަމައެކަނި އެކަލޭގެފާނުގެ އަނބިއަނބިކަބަލުންނާ އެއް ނޫނެވެ. އެކަލޭގެފާނުގެ ކާފަދަރިދަރިކަލުންނާ ވެސް އެކަލޭގެފާނު ސަމާސާ ކުރައްވާ ހައްދަވައެވެ. ތިރީގައި މިވަނީ އޭގެ މިޘާލެކެވެ.

عَنْ أَبِي هُرَيْرَةَ , رَضِيَ اللَّهُ عَنْهُ ، قَالَ : “كَانَ رَسُولُ الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ,  لَيُدْلِعُ لِسَانَهُ لِلْحَسَنِ بْنِ عَلِيٍّ ، فَيَرَى الصَّبِيُّ حُمْرَةَ لِسَانِهِ فَيَبْهَشُ إِلَيْهِ” (رواه أبو الشيخ ابن حبان في ” كتاب أخلاق النبي صلى الله عليه وسلم وآدابه “)(ބައްލަވާ އައްޞިލްޞިލަތުއް ޞަޙީޙާ ނަމްބަރު:70)

މާނައީ: އަބޫ ހުރައިރާ(ރަޟިޔަﷲ ޢަންހު)ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ” ރަސޫލުﷲ صلى الله عليه وسلم، އަލްޙަސަން ބުން ޢަލީ އާ ދިމާއަށް އެކަލޭގެފާނުގެ ދޫފުޅު ނެރުއްވައެވެ. ދެން، އެކުއްޖާފުޅަށް އެކަލޭގެފާނުގެ ދޫފުޅުގެ ރަތްކަން ފެނިލެއްވުމުން މަޖާވެގެން(އެކަމާ ގަޔާވެވަޑައިގެން) އެކަލޭގެފާނުގެ އަރިހަށް ވަޑައިގަންނަވައެވެ.”

މިއީ އެކަލޭގެފާނު އަޅުގަނޑުމެންނަށް ދައްކަވާފައިވާ ރިވެތި ނަމޫނާއެވެ. މިފަދަ ސަމާސާތަކަކީ އެކަމުގެ ސަބަބުން ޢާއިލާގެ ތެރޭގައި އެކަކު އަނެކަކުގެ މެދުގައި ލޯބި އިތުރުވެ ގުޅުން ބަދަހިވެގެން ދާނެ ކަންކަމެވެ. މިއީ ގޭތެރޭގެ އުފާވެރިކަމަށް ކޮންމެހެން ބޭނުންވާ ކަންކަމެވެ.

އަޅުގަނޑުމެންނަކީ ރަސޫލުﷲ صلى الله عليه وسلم ގެ ދިރިއުޅުއްވުމުން ނަމޫނާ ލިބިގަނެ އެފަދައިން ޢަމަލުތައް ބެހެއްޓުމަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން!

0
  1. މީލު ގެ ތިއްތި މަށްމަ

    އާމީން❤️