އަޚްލާޤު
ކާމިޔާބު ޒަވާޖީ ޙަޔާތެއް ލިބުން އެދޭނަމަ…

މި ސިލްސިލާގައި ބަލާލާނީ ކާމިޔާބު ޒަވާޖީ ޙަޔާތެއް ލިބުމުގެ ބައެއް ސަބަބުތަކަށެވެ. މައިގަނޑު މަޢުޟޫގެ އިތުރުން އިސްލާމްދީނުގައި ކައިވެނި ޝަރުޢުކުރެއްވިގެންވުމުގެ ޙިކުމަތްތަކަށާއި، ދެމަފިރިންގެ މަސްއޫލިއްޔަތުތަކަށާއި ޙައްޤުތަކަށް ބަލާލެވިފައިވާނެއެވެ. މި ސިލްސިލާގެ އަރޓިކަލްތައް tts.ilm.mv އިސްދާރުކުރެވޭނީ މިދަންނަވާ ތަރުތީބުންނެވެ.

 

  • އިސްލާމްދީނުގައި ކައިވެނި ޝަރުޢުކުރެއްވިގެންވުމުގެ ޙިކުމަތްތައް
  • އުފާވެރި ޒަވާޖީ ޙަޔާތެއް ލިބުމުގެ ސަބަބުތައް
  • ފިރިޔަކު އިޚްތިޔާރުކުރުމުގައި ބަލާނެ މިންގަނޑުތައް
  • ހެޔޮ އަންތބަކު އިޚްތިޔާރުކުރުމުގައި ބަލާނެ މިންގަނޑުތައް
  • ކާމިޔާބު ފިރިޔެއްގެ ސިފަތައް
  • ކާމިޔާބު އަންތބެއްގެ ސިފަތައް
  • ބައިވެރިޔާ ތިބާދެކެ ލޯބިވާކަން ދެނެގަނެވޭނެ ބައެއް ޢަލާމާތްތައް

 

އިސްލާމްދީނުގައި ކައިވެނި ޝަރުޢުކުރެއްވިގެންވުމުގެ ޙިކުމަތްތައް

ކައިވެނި ޝަރުޢުކުރެއްވިގެންވުމުގެ ޙިކުމަތްތަކުގެ ތެރޭގައި މާތް ﷲ ގެ ރުއްސެވުން ހޯދުމާއި، ނަފުސުތަކަށް ހިތްހަމަޖެހުން ހޯދުމާއި އަދި ދަރިފަސްކޮޅު އިތުރުކޮށް އުއްމަތަށް ޚިދުމަތްކުރާނެ ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތުކުރުން ހިމެނެއެވެ.

  • ﷲ ގެ ރުއްސެވުން ހޯދުން

ކައިވެނި ކުރުމުން މާތް ﷲ ގެރުއްސެވުން ލިބެނީ މި އަންނަނިވި  ސަބަބުތަކަށްޓަކައެވެ.

  1. ﷲގެ އަމުރުފުޅަށް ބޯލެނބޭތީއެވެ.
  2. ﷲ ގެ ޙައްދުތަކަށް ރައްކާތެރިވެވޭތީއެވެ.
  3. ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ކުރެވޭތީއެވެ.
  4. ގިނަގުނަވެގެންވާ ޘަވާބު ލިބުމުގެ ދޮރުތަކެއް އެކަމުގެ ސަބަބުން ހުޅުވޭތީއެވެ.
  5. ޖިންސީ އެދުންވެރިކަން ހުއްދަގޮތުގައި ފުއްދެނީ ކައިވެނީގެ ޒަރީޢާއިންކަމުގައިވާތީއެވެ.
  6. ބެލުން ތިރިކުރުމަށް އެހީތެރިވެދޭތީއެވެ.

 

  • ހިތްހަމަޖެހުން ހޯދުން

ކައިވެނިކުރުމުން އަނބިމީހާއަށް މާލީގޮތުންނާއި ޢާތިފީގޮތުން އެހީވެދީ، ރައްކާތެރިކަން ދޭނެ ފަރާތެއް ހުރުމުގެ ހިތްހަމަޖެހުން ލިބެއެވެ. އަދި ފިރިމީހާގެ ހާސްކަމާއި އުދާސްތައް ފިލުވައިދީ އެކިގޮތްގޮތުން ފިރިމީހާގެ ހިތަށް ތަސައްލީއާއި އުފާވެރިކަން ގެނެސްދޭނެ ބައިވެރިޔަކު ހުރުމުގެ ހިތްހަމަޖެހުން ފިރިންނަށް ލިބެއެވެ.

މީގެއިތުރުން ކައިވެނިކުރުމުން ހުއްދަ ގޮތުގައި ތިމާގެ ޝަހްވާނީ އެދުންތައް ފުއްދި، ޖިންސީ އުފަލާއި އަރާމު ޙާޞިލުކުރެވެއެވެ.

وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴿٢١

ސޫރަތުއް ރޫމް

ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.

އެދެބޭކަލަކަށް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ދަރިކަލުންގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. (الدُّنْيَا مَتَاعٌ وَخَيْرُ مَتَاعِ الدُّنْيَا الْمَرْأَةُ الصَّالِحَةُ)

رواه مسلم (1467)

މާނަޢީ:”ދުނިޔެއަކީ ހިތްހަމަޖެހުން ލިއްބައިދޭ ތަނެކެވެ. އަދި ދުނިޔެއިން ލިބޭ އެންމެ ރަނގަޅު ހިތްހަމަޖެހުމަކީ ޞާލިޙް އަންބެކެވެ.” ޙަދީޘް ރިވާކުރެއްވީ މުސްލިމް (1467)

 

  • ދަރިފަސްކޮޅު އިތުރުކުރުން އަދި ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތުކުރުން

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް އަބޫ އުޛައިނަތުއްޞަދަފީ  رضي الله عنه ރިވާކުރެއްވިއެވެ.

((خَيْرُ نِسائِكُمُ الْوَلُودُ الْوَدُودُ، الْمُواسِيةُ الْمُواتِيَةُ، إذا اتَّقَيْنَ الله. وشَرُّ نِسائِكُمْ الْمُتَبرِّجاتُ الْمُتَخَيِّلاَتُ، وَهُنَّ الْمُنافِقاتُ. لا يَدْخُلُ الْجَنَّةَ مِنْهُنَّ إلا مِثْلُ الْغُرابِ الأَعْصَمِ.))

[أخرجه البيهقي في السنن وغيره وصححه الألباني في الصحيحة]

“އަންހެނުންގެ ތެރެއިން އެންމެ ހެޔޮލަފާ މީހަކީ، ﷲ އަށް ތަޤުވާވެރިވުމާއެކު، ގިނަ ދަރިން ވިހާ، އެކަނބަލުންގެ (ފިރިންދެކެ) ނުހަނު ލޯބިވާ، އެމީހުންނަށް އެހީތެރިވެ އެއްބާރުލުންދޭ މީހުންނެވެ. އަދި އަންހެނުންގެ ތެރެއިން އެންމެ ނުބައި މީހަކީ، އެބައިމީހުންގެ ވަނާތައް ފާޅުކޮށް، އަދި ބޮޑާކަމާއެކު ހިނގާ މީހުންނެވެ. އެއީ މުނާފިޤުންނެވެ. އެބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ސުވަރުގެއަށް ނުވަންނާނެއެވެ. ކާޅުތަކުގެ ތެރޭގައި ރަތްކުލައިގެ ފަޔާއި ތުންގަނޑުލީ މަދުކާޅުތައް އުޅޭފަދައިން އެފަދަ މަދު ބަޔަކު މެނުވީއެވެ.”

މި އުއްމަތުގެ މީސްތަކުންގެ ޢަދަދު ގިނަ ކަމަށްޓަކައި ނަބިއްޔާ ޤިޔާމަތްދުވަހުން ފަޚުރުވެރިވެޑައިގަންނަވާނެއެވެ. މީގެއިތުރުން ގިނަ ދަރިން ވިހާ އަންހެނުންނާއި ކައިވެނިކުރުމަށް ރަސޫލާ صلى الله عليه وسلم އިރުޝާދުދެއްވައިފައިވެއެވެ. އަދި ދަރިންގެ ތަރުބިއްޔަތަށް އިހްމާލްނުވުމަށްވެސް އިރުޝާދުދެއްވައިފައިވެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَا مِنْ مَوْلُودٍ إِلَّا يُولَدُ عَلَى الفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ، أَوْ يُمَجِّسَانِهِ)) رواه البخاري

މާނައީ:”އެއްވެސް ކުއްޖަކު ފިޠުރަތުގެ މަތީގައި މެނުވީ އުފަންނުވެއެވެ. ފަހެ، އޭނާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީވެސް އޭނާގެ މައިންބަފައިންނެވެ.”

 

އުފާވެރި ޒަވާޖީ ޙަޔާތެއް ލިބުމުގެ ސަބަބުތައް

  • ރަނގަޅު ބައިވެރިޔަކު އިޚްތިޔާރުކުރުން
  • ދެމަފިރިންވެސް އެކަކު އަނެކަކަށް ލިބގެންވާ ހައްޤުތަކަށް ރައްކާތެރިވުމާއި އަދި ކޮންމެ ބައިވެރިޔަކުވެސް އޭނަގެ ވާޖިބުތައް އަދާކުރުން
  • ރިވެތިގޮތުގައި ދެބައިވެރިން އެކުގައި ޙަޔާތުގެ ދުވަސްތައް ހޭދަކުރުން

 

އެއްވަނަ ސަބަބު: ރަނގަޅު ބައިވެރިޔަކު އިޚްތިޔާރުކުރުން

ޒަވާޖީ ޙަޔާތެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ސަބަބަކީ އިޚްތިޔާރު ކުރެވޭ ބައިވެރިޔާ ރަނގަޅުވުމެވެ. މިސަބަބަށްޓަކައި މި މަރުޙަލާއަށް އިސްލާމްދީނުގައި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. އެހެންކަމުން ހެޔޮ ފިރިޔަކު އިޚްތިޔާރުކުރުމުގައި ބަލާނެ މިންގަނޑުތަކާއި އަދި ހެޔޮ އަންތބަކު އިޚްތިޔާރުކުރުމުގައި ބަލާނެ މިންގަނޑުތައް އިސްލާމްދީނުގައި ބަޔާންވެގެންވެއެވެ.

 

ހެޔޮ އަންތބަކު އިޚްތިޔާރުކުރުމުގައި ބަލާނެ މިންގަނޑުތައް

އަނބިމީހާއަކީ ފިރިމީހާގެ ހިތުގެ ހިތްހަމަޖެހުމެވެ. އަދި އޭނާގެ ޖިންސީ އެދުންވެރިކަންފުއްދައިދޭ ފަރާތެވެ. އަދި ގޭތެރޭގެ ކަންކަންބަލަހައްޓާފަރާތެވެ. އަދި އޭނަގެ ދަރިންގެ މަންމައެވެ. ކަންކަމުގައި އޭނާއަށް ލަފާދޭ ފަރާތެވެ. ސަމާސާތަކުން އޭނަގެ ހިތް އުފާކޮށްދޭ ބައިވެރިޔާއެވެ. އަދި އޭނަގެ ސިއްރުތައް ހިއްސާކުރާ ފަރާތެވެ. އަދި އެ ސިއްރުތައް އަމާނާތްތެރިކަމާއެކު ރައްކާތެރިކުރާ ފަރާތެވެ.

 

ހެޔޮ އަންތބަކު އިޚްތިޔާރުކުރުމުގައި ބަލާނެ މިންގަނޑުތައް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ ބަޔާންކޮށްދެއްވައިފައެވެ.

( تُنْكَحُ الْمَرْأَةُ لِأَرْبَعٍ : لِمَالِهَا ، وَلِحَسَبِهَا ، وَلِجَمَالِهَا ، وَلِدِينِهَا ، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ).

البخاري(4802) ومسلم (1466) متفق عليه.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.” ހަތަރު ކަމަކަށް ޓަކައި އަންހެނުންނާ ކައިވެނި ކުރެވެއެވެ. އެއީ އޭނާގެ މުދަލަށާއި، އޭނާގެ ޙަސަބަށާއި، އަދި އޭނާގެ ރީތި ކަމަށާއި، އޭނާގެ ދީން ވެރިކަމަށް ޓަކައެވެ. ފަހެ ދީންވެރި މީހާ އިޚްތިޔާރު ކުރާށެވެ. (އެހެންނޫނީ) ތިބާގެ އަތް ވެއްޔާ މޮޑެވިދާނެއެވެ.” (އެބަހީ ތިބާ ފަޤީރުވެ، ބަރުބާދު ވެދާނެއެވެ.)

ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ މި ޙަދީޘްގައި ބަޔާންކޮށްދެއްވައިފައިވަނީ ދީންވެރިކަމަށް ބެލުމަކީ ހެޔޮ އަންތބަކު އިޚްތިޔާރުކުރުމުގައި އެންމެބޮޑަށް ބަލަންޖެހޭނެ ކަންތައްކަމެވެ. އެހެނީ ދީންވެރި އަންހެނާ އެ ކަމަނާ ހެއްދެވި ރައްބު ދެކެބިރުވެތިވެ ތަޤްވާވެރިވެއެވެ. އަދި އޭނަގެ ފިރިމީހާގެ ޙައްޤުތައް ދަނެ، އެޙައްޤުތަކަށް ވަރަށް ފުރިހަމަޔަށް އިޙްތިރާމްކުރެއެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރެއެވެ.

 

ދީންވެރިކަން އަސާސެއްގެ ގޮތުގައި ބެލުމަކީ ދެން ބަލަންޖެހޭ އެހެންކަންކަމުގެ މަތިން ހަނދާން ނައްތާލުމެއްނޫނެވެ. އޭގެ މާނައަކީ ބައިވެރިޔަކު އިޚްތިޔާރުކުރާއިރު ދީންވެރިކަމަށް އެންމެ ބޮޑަށް އިސްކަންދިނުމެވެ. އަންހެންކުއްޖާ ކިތަންމެ ރީތިކަމުގައިވިޔަސް، ރިވެތި އަޚްލާޤާއި ދީންވެރިކަން ނެތްނަމަ އެފަދަ ކުއްޖަކާއި  ކައިވެނިކުރުމުގައި އެއްވެސް ފައިދާއެއްނެތެވެ.  މިފަދަ ކުއްޖަކާއި ކައިވެނިކޮށްފިނަމަ، ޒަވާޖީ ނަވައިގެން އަމާން ބަނދަރަކަށް ދިޔުން ވަރަށް ދަތިވާނެއެވެ. އެއާ ޚިލާފަށް، ދީންވެރި ހިތްތިރި އަންހެނާ އަބަދުވެސް އޭނަގެ ފިރމީހާގެ ރުހުންހޯދުމަށާއި، ފިރިމީހާގެ ހިތް އުފާކޮށްދިނުމަށް މަސައްކަތްކުރާނެއެވެ. އަދި ފިރިމީހާ ހިތްހަމަނުޖެހޭ އެންމެހާ ކަންކަމުން ދުރުވެވޭތޯ މަސައްކަތްކުރާނެއެވެ.

 

އިމާމް ترمذي ރިވާކުރައްވަފައިވެއެވެ.

أَيُّمَا امْرَأَةٍ مَاتَتْ وَزَوْجُهَا رَاضٍ عَنْهَا دَخَلَتِ الْجَنَّةَ  (ترمذي)

 

މާނައީ: “ފިރިމީހާ ރުހިގެންވާ ޙާލުގައި މަރުވެއްޖެ އަންހެނާ ސުވަރުގެ ވަދެއްޖެއެވެ.”

 

ކުރިންވެސް ދެންނެވިފަދައިން، ހެޔޮ އަންތްބަކީ ފިރިމީހާޔަށް ލިބޭ ބޮޑު ނަޞީބެކެވެ. އޭނަގެ ޝަހްވަތްތެރިކަން ކޮންޓްރޯލްކޮށްދީ، އޭނަގެ ދަރިންނަށާއި، މުދަލަށާއި ސިއްރުތަކަށް އެންމެ އެދެވޭ ގޮތުގައި ރައްކާތެރިވާނީ މިފަދަ އަނބިމީހާއެވެ.

 

((لِيَتَّخِذْ أَحَدُكُمْ قَلْبًا شَاكِرًا وَلِسَانًا ذَاكِرًا وَزَوْجَةً مُؤْمِنَةً تُعِينُهُ عَلَى أَمْرِ الْآخِرَةِ))

[رواه أحمد ٢٢٤٣٧ والترمذي وابن ماجه عن ثوبان، صحيح الجامع الصغير وزياداته ٥٣٥٥]

މާނައީ: “ޝުކުރުވެރި ހިތަކާއި، ޛިކުރުކުރާ ދުލަކާއި، އާޚިރަތަށްޓަކައި ތިބާއަށް އެހީތެރިވެދޭނޭ މުއުމިނު އަނތްބަކު ތިޔަބައިމީހުން ހޯދާހުށިކަމެވެ.”

 

ކީރިތި ރަސޫލާ صلى الله عليه وسلم ފިރިހެނުންނަށް އަމުރުކުރައްވާފައިވަނީ އެމީހުންގެ ދަރިންނަށް ރަނގަޅު މައިން ހޯދައިދިނުމަށެވެ. އެކަލޭގެފާނު ޙަދީޡްކުރައްވާފައިވެއެވެ.

“تخيروا لنطفكم “-رواه ابن ماجه-

މާނައީ، “ތިޔަބައިމީހުންގެ ދަރިފަސްކޮޅަށްޓަކައި ރަނގަޅު ބައިވެރިއަކު އިޚްތިޔާރުކުރާށެވެ.”

 

ދީންވެރިކަމަށް ބެލުމަށްފަހު ދެންބަލަންޖެހޭ މިންގަނޑުތަކުގެ ތެރޭގައި ރީތިކަމާއި، ބިކުރުވެރިކަމާއި، ޙަސަބުވެރިކަމާއި އަދި ތޫނުފިލިކަން ހިމެނެއެވެ.

ރީތިކަން: ރީތި އަންތްބެއްގެ ސަބަބުން އެކަމަނާގެ ފިރިމީހާއަށް ޢިއްފަތްތެރިކަންލިބޭ މިންވަރު ބޮޑުވާނެއެވެ. އަދި އެފިރިމީހާއަށް ބެލުންތިރިކުރަންވެސް ފަސޭހަވާނެއެވެ. ޠަބީޢީގޮތުން އިންސާނުންނަކީ ރީތިކަމަށާއި ބަނިޔާދަންކަމަށް ލޯބިކުރާބަޔެކެވެ. މި ޙަޤީޤަތް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަންނަނިވި ޙަދީޘްގައިވެސް ބަޔާންކޮށްދެއްވައިފައިވެއެވެ.

عن أبي هريرة رضي الله عنه قال : ( قِيلَ : يَا رَسُولَ اللَّهِ ! أَيُّ النِّسَاءِ خَيرٌ ؟ قال : التِي تَسُرُّهُ إِذَا نَظَرَ إِليهَا ، وَتُطِيعُهُ إِذَا أَمَر ، وَلا تُخَالِفُهُ فِي نَفسِهَا وَلا فِي مَالِهِ بِمَا يَكرَهُ )

رواه أحمد (2/251) وحسنه الألباني في “السلسلة الصحيحة” (1838)

އަބޫ ހުރައިރާ ރަޟިޔައްﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.: ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ. އެންމެ ހެޔޮވެގެންވާ އަންހެނަކީ ކޮބައި ހެއްޔެވެ. ޙަދީޘްކުރެއްވިއެވެ.” އެއީ އޭނާއަށް ބަލައިފިނަމަ ހިތަށް ހިތްހަމަޖެހުން ލިއްބައިދޭ އަދި އަމުރެއް ކޮށްފިނަމަ އެ އަމުރަކަށް ކިޔަމަންތެރިވާ އަންހެނާއެވެ. އަދި އޭނާގެ އަމިއްލަ ނަފްސަށާއި އޭނާ އަތުގައިވާ ފިރިމީހާގެ މުދަލަށް ޚިޔާނާތްތެރިނުވާ އަންހެނާއެވެ.”

 

ފިރިޔަކު އިޚްތިޔާރުކުރުމުގައި ބަލާނެ މިންގަނޑުތައް

ފިރިމީހާ އިޚްތިޔާރުކުރުމުގައިވެސް އެންމެ ބޮޑަށް ބަލަން ޖެހޭނީ ދީންވެރިކަމަށެވެ. މިގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ.

( إِذَا خَطَبَ إِلَيْكُمْ مَنْ تَرْضَوْنَ دِينَهُ وَخُلُقَهُ فَزَوِّجُوهُ، إِلَّا تَفْعَلُوا تَكُنْ فِتْنَةٌ فِي الأَرْضِ ، وَفَسَادٌ عَرِيضٌ )

وحسنه الألباني في “صحيح الترمذي” .

” އެމީހެއްގެ ދީންވެރިކަމާއި އަޚްލާޤާއިމެދު ތިޔަބައިމީހުން ހިތްހަމަޖެހޭ މީހަކު ތިޔަބައިމީހުންގެ ގާތަށް ކައިވެންޏާއިގެން އައިސްފިނަމަ، އޭނާ (އެ އެދުނު ކުއްޖަކާއި) ކައިވެނިކޮށްދޭށެވެ. އެހެންކަންތައް ނުކޮށްފިކަމުގައިވާނަމަ، ބިންމަތީގައި ބޮޑު ފަސާދަވެރިކަމެއް ފާޅުވެދާނެއެވެ.”

އެއަށްފަހު އާއިލާބެލެހެއްޓޭފަދަ ތަނަވަސްކަމެއްހުރިތޯއާއި، އަދި އާއިލާގެ އެންމެހާ ކަންކަމާއިގެން ޤިޔާމްވެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްތޯ ބަލަންޖެހޭނެއެވެ. އަދި އަނބިމީހާއާއި ކުފޫ ހަމަވެގެންތޯބެލުމަކީވެސް ފިޤްހް ޢިލްމުވެރިން ބާރުއަޅުއްވާ ކަމެކެވެ.

ކާމިޔާބު ފިރިޔެއްގެ ސިފަތައް

  • އަނބިމީހާއާއިއެކު އުފާވެރިކަމާއެކު އުޅުމާއި ލޯތްބާއި ކުލުނު އަނބިމީހާއަށް ދިނުން
  • އަނބިމީހާގެ ހިތުގައި ޖެހޭ އެއްވެސް ގޮތަކަށް މުޢާމަލާތްނުކުރުން
  • އަނބިމީހާއާއި ޖަދަލުކޮށް ޒުވާބުކޮށް ނުހެދުން
  • އަނބިމީހާގެ ފަރާތުން އުނިކަމެއް ފެނިއްޖެނަމަ އެކަމުގެ ވާހަކަ އަބަދު ނުދެއްކުން
  • ދިމާވާ މައްސަލަތަކުގައި މަޢާފުކުރުން
  • ފިރިމީހާގެ ޙަޔާތުގައި އަނބިމީހާއަކީ ވަރަށް މުހިއްމު މީހެއްކަން އަންގައިދިނުން
  • ޢާއިލީ ސިއްރުތައް ބޭރުނުކުރުން
  • އަނބިމީހާގެ ރީތި އާދަތައް ފާހަގަކުރުން
  • ނުރަނގަޅުކަންކަން ފެންނަ ހިނދުގައިވެސް އެކަންކަން ރީތިގޮތުގައި އޯގާވެރިކަމާއެކު ޙައްލުކުރުން

 

ކާމިޔާބު އަންތބެއްގެ ސިފަތައް

  • ތިމާގެ ވިސްނުމާއި ފިކުރު ހަމައެކަނި ފިރިމީހާއަށް ޚާއްސަކޮށް، ހިލޭ ފިރިހެނަކަށް އެއިން އެއްވެސް ކަމެއް ޚާއްސަނުކުރުން
  • ޢާއިލީ ސިއްރުތައް އެއްވެސް މީހަކަށް ކިޔައިނުދިނުން
  • ފިރިމީހާގެ ފަރާތުން ބައެއްފަހަރު ފެންނަ ރުޅިވެރިކަމަށް ކެތްތެރިވުން
  • ފިރިމީހާއާއި ދޭތެރޭ އޯގާވެރިކޮށް ހިތުމާއި މަޑުމޮޅިކަމާއިއެކު ރިވެތި ބަހުން ވާހަކަދެއްކުން
  • ފިރިމީހާގެ ރަނގަޅު ސިފަތައް ފާހަގަކުރުން
  • ޝަރުޢީ އެއްވެސް ސަބަބެއްނެތި ފިރިމީހާގެ ކިބައިން ވަރިއަށް ނޭދުން
  • ގެއިން ބޭރަށް ދާއިރު ފިރިމީހާގެ ހުއްދަ ހޯދުން
  • ހިލޭ ބަޔަކު ގެޔަށް ގެންނަނަމަ ފިރިމީހާގެ ހުއްދަ ހޯދުން
  • ފިރިމީހާ ނެތްތަނެއްގައި ﷲ އަށް ބިރުވެތިވުމާއި އަދި ފިރިމީހާޔަށާއި މުދަލަށް ޚިޔާނާތްތެރިނުވުން
  • ފިރިމީހާގެ ވަޒީފާޔާއި ލިބޭ މުސާރައާއި ދޭތެރޭ ހިތްހަމަޖެހުން
  • ފިރިމީހާ ރުޅިއައިސްފައި ހުންނަ ވަގުތުތަކުގަޔާއި ވަރުބަލިވެފައި ހުންނަ ވަގުތުތަކުގައި ކަންކަމުގައި މަޝްވަރާނުކުރުން

 

ފިރިމީހާ ތިބާދެކެ ލޯބިވާކަން ދެނެގަނެވޭނެ ބައެއް ޢަލާމާތްތައް

  • ތިބާއަށް ވަރަށް ބޮޑަށް އިޙްތިރާމްކުރުން
  • ތިބާ ދައްކާ ވާހަކަ އަޑުއެހުން
  • ތިބާގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިނުމަށް މަސައްކަތްކުރުން
  • ތިބާގެ މައްޗަށް ވަރަށް ބޮޑަށް ޣީރަތްތެރިވުން (މިތަނުގައި ޣީރަތްތެރިވުމުގެ މާނައަކީ އިސްލާމްދީން ހުއްދަކުރާ ދާއިރާގައި ޣީރަތްތެރިވުމެވެ. އަޅާނުލާދޫކޮށްލަންޖެހޭފަދަ ކުދި ކުދި ކަންކަމުގައި ޝައްކުކުރުމެއްނޫނެވެ.)
  • ތިބާގެ އާއިލާގެ މެމްބަރުންނަށް ހެޔޮކޮށްހިތާ އަޅާލުން
  • ނިންމުންތައް ނިންމާއިރު ތިބާގެ ލަފަޔާއި މަޝްވަރާހޯދުން
  • ތިބާ އަބަދުވެސް ގާތުގައި ހުރުމަށް އެދުން
  • ތިބާ ބޭނުންވާ އެއްޗެހި ގަނެދިނުން (މިކަމުގައި ފިރިމީހާގެ ޤާބިލްކަން ހުރިނެތްމިންވަރުން ތަފާތުތައް އަންނާނެއެވެ.)
  • އެހެންމީހުންގެ ކުރިމަތީގައި ތިބާ ނިކަމެތިކޮށްނުލުން
  • އޭނަގެ އުޅުން ބަދަލުކޮށްގެންވިޔަސް ތިބާގެ ރުހުން ހޯދަން މަސައްކަތްކުރުން
  • ތިބާ އަކީ ވަރަށް މުހިންމު މީހެއްކަން ހާމަކުރުމާއި ތިބާ އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުކޮށްދިނުމަށް މަސައްކަތްކުރުން

 

ދެމަފިރިންގެ މަސްއޫލިއްޔަތުތަކާއި ޙައްޤުތައް

 

ފިރިމީހާގެ މަސްއޫލިއްޔަތުތައް

ފިރިމީހާގެ މަސްއޫލިއްޔަތުތައް ދެބަޔަކަށް ބެހެއެވެ. އެއީ މާލީ މަސްއޫލިއްޔަތުތަކާއި އަދަބީ މަސްއޫލިއްޔަތުތަކެވެ. މާލީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ކައިވެނީގެ ރަން ދިނުމާއި އަނބިމީހާގެ މައްޗަށް ޚަރަދުކުރުމެވެ. އަދަބީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ އަނބިމީހާގެ މައްޗަށް ރަނގަޅުގޮތުގައި ޣީރަތްތެރިވުމާއި، އަނބިމީހާއަށް ހެޔޮ ނަޞޭހަތްދިނުމާއި، ދީން އުނގަންނައިދިނުމާއި އަނބިމީހާގެ ގާތުގައި ރޭކުރުމެވެ.

 

އަނބިމީހާގެ މަސްއޫލިއްޔަތުތައް

އަނބިމީހާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މާތް ﷲ އަށް އުރެދުމަކަށް ނުވާ ކޮންމެ ކަމެއްގައި މާތް ﷲ އަށް ކިޔަމަންވުމާއި، ގެއިން ބޭރަށް ދާއިރު ފިރިމީހާގެ ހުއްދަ ހޯދުމާއި،

ހިލޭ ބަޔަކު ގެޔަށް ގެންނަނަމަ ފިރިމީހާގެ ހުއްދަ ހޯދުމާއި، ފިރިމީހާ ނެތްތަނެއްގައި ﷲ އަށް ބިރުވެތިވުމާއި އަދި ފިރިމީހާޔަށާއި މުދަލަށް ޚިޔާނާތްތެރިނުވުމާއި، ދަރިން ތަރުބިއްޔަތުކުރުން ހިމެނެއެވެ. މީގެއިތުރުން ގޭތެރޭގެ ކަންކަން ބެލެހެއްޓުމަކީވެސް އަނބިމީހާ މަސްއޫލިއްޔަތެއްކަމުގައި ޖުމްހޫރު ޢިލްމުވެރިން ދެކިލައްވައެވެ.

 

ދަރިން ތަރުބިއްޔަތުކުރުމާއި އެކަކު އަނެކަކަށް އޯގާތެރިވުމާއި، ހެޔޮ ނަޞޭހަތް ދިނުމަކީ ދެމަފިރިންވެސް ޙިއްސާވާ މަސްއޫލިއްޔަތުތަކެކެވެ.

 

ޒަވާޖީ ޙަޔާތް ފެށުމަށްފަހު ދެމަފިރިންގެ މެދުގައި ލޯތްބާއި މަވައްދަތު އިތުރުކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން

 

  1. ކައިވެނީގެ ފުރަތަމަ ރޭ ދެމަފިރިން އެކުގައި ދެ ރަކުޢަތް ނަމާދެއްކުރުން

އަބޫޙުރައިޒް ކިޔާމީހަކު ޢަބްދުﷲ ބުން މަސްޢޫދުގެ އަރިހުގައި ދެންނެވިއެވެ. އަހުރެން ބިކުރުވެރި ޒުވާން އަންހެނަކާ އިނދެފީމެވެ. އެކަމަކު އަހުރެންދެކެ އެކަނބުލޭގެ ރުޅިއައިސް ދާނެ ކަމަށް އަހުރެން ބިރުވެތި ވަމެވެ. ޢަބްދުﷲ ބުން މަސްޢޫދު ވިދާޅުވިއެވެ.

إِنَّ الالْفَ مِنَ اللهِ وَالْفِرْكَ مِنَ الشَّيْطَانِ ، يُرِيْدُ أَنْ يُكْرَهَ إِلَيْكُمْ مَا أَحَلَّ اللهُ لَكِنْ فَإِذَا أَتَتْكَ فَاْمْرُهَا أَنْ تُصَلِّي وَرَاءَكَ رَكْعَتَيْنِ

މާނައީ:  “ލޯބިވެރިކަމާއި އެކުވެރިކަމަކީ ﷲގެ ޙަޟްރަތުން ވާކަމެކެވެ. ރުޅިވެރިކަމާ ދެކޮޅުވެރިކަމަކީ ޝައިޠާނާގެ ފަރާތުން ވާކަމެކެވެ. އެޝައިޠާނާ އެދެނީ ކަލޭމެންނަށް ﷲ ޙަލާލު ކުރެއްވި ކަންތަކާމެދު ކަލޭމެން ނަފުރަތުކުރުވައި ރުޅި އެރުވުމަށެވެ. ކަލޭގެ އަނބިމީހާ ކަލޭގެގާތަށް އައީމާ ކަލޭގެ ފަހަތުގައި ހުރެގެން (ދެމީހުންއެކު) ދެ ރަކުޢަތް ނަމާދެއްކުރަން އަމުރު ކުރާށެވެ.” އަދި އެހެން ރިވާޔަތެއްގައިވަނީ ނަމާދުކުރުމަށްފަހު އަންނަނިވި ދުޢާ ކުރާށެވެ.

 اللَّهُمَّ بَارِكْ لِي فِي أَهْلِي، وَبَارِكْ لَهُمْ فِيَّ، اللَّهُمَّ اجْمَعَ بَيْنَنَا مَا جَمَعْتَ بِخَيْرٍ، وَفَرِّقْ بَيْنَنَا إِذَا فَرَّقْتَ إِلَى خَيْرٍ

މި ދުޢާގައި އެކުލެވިގެންވާ މާނައީ: “އޭ ﷲ އެވެ. މިއަޅާގެ އަނބިމީހާގެ ކިބައިގައި މިއަޅާއަށްޓަކައި ބަރަކާތް ލައްވާނދޭވެ. އަދި އެމީހުންނަށްޓަކައި މިއަޅާގެ ކިބައިގައި ބަރަކާތް ލައްވައިފާނދޭވެ. އޭ ﷲއެވެ. އަޅަމެން ހެޔޮގޮތުގައި ޖަމްޢުކޮށް ކޮށްދެއްވާފާނދޭވެ. އަދި އަޅަމެން ވަކިކުރައްވަންޏާ ހެޔޮގޮތުގައި ވަކިކޮށްދެއްވާނދޭވެ.” މިއެވެ.

 

2- ކައިވެނީގެ ފުރަތަމަރޭ ދެމީހުން ބައްދަލުވާހިނދު، އަނބިމީހާއަށް އޯގާތެރިވުމާއި އަޅާލުން:

ފިރިމީހާ އޭނާގެ އަނބިމީހާއާއި ކުރިމަތިލާހިނދު، އަނބިމީހާއަށް އޯގާތެރިވެ އާޅާލުން މުސްތަޙައްބުވެގެންވެއެވެ. މިގޮތުން އަނބިމީހާއަށް ފޮނިއެއްޗެއް ނުވަތަ ބުއިމެއް ދިނުންހުއްޓެވެ. އަސްމާ ބިންތު ޔަޒީދު ބުން އައްސަކަން ގެ ޙަދިޘެއްގައިވެއެވެ. “قَالَتْ: إِنِّي قَيَّنْتُ عَائِشَةَ لِرَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ثُمَّ جِئْتُهُ، فَدَعَوْتُهُ لِجِلْوَتِهَا، فَجَاءَ، فَجَلَسَ إِلَى جَنْبِهَا، فَأُتِيَ بِعُسِّ لَبَنٍ، فَشَرِبَ ثُمَّ نَاوَلَهَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَخَفَضَتْ رَأْسَهَا وَاسْتَحْيَتْ. قَالَتْ أَسْمَاءُ: فَانْتَهَرْتُهَا وَقُلْتُ لَهَا: خُذِي مِنْ يَدِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَتْ: فَأَخَذَتْ، فَشَرِبَتْ شَيْئًا، ثُمَّ قَالَ لَهَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” أَعْطِي تِرْبَكِ ” قَالَتْ أَسْمَاءُ: فَقُلْتُ: يَا رَسُولَ اللهِ، بَلْ خُذْهُ، فَاشْرَبْ مِنْهُ، ثُمَّ نَاوِلْنِيهِ مِنْ يَدِكَ، فَأَخَذَهُ، فَشَرِبَ مِنْهُ، ثُمَّ نَاوَلَنِيهِ، قَالَتْ: فَجَلَسْتُ، ثُمَّ وَضَعْتُهُ عَلَى رُكْبَتِي، ثُمَّ طَفِقْتُ أُدِيرُهُ، وَأَتْبَعُهُ بِشَفَتَيَّ لِأُصِيبَ مِنْهُ مَشْرَبَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، ثُمَّ قَالَ لِنِسْوَةٍ عِنْدِي: ” نَاوِلِيهِنَّ ” فَقُلْنَ: لَا نَشْتَهِيهِ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” لَا تَجْمَعْنَ جُوعًا وَكَذِبًا “ (أخرجه أحمد) މާނައީ:” އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަން، ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް ގެންދިޔުމަށްޓަކައި، ޢައިޝަތުގެފާނު ޒީނަތްތެރިކޮށްދެއްވީމެވެ. ދެން ތިމަން އެކަލޭގެފާނުގެ އަރިހަށް އައިސް، އެކަލޭގެފާނުގެ އަރިހުގައި އެކަމަނާ ކަޝްފުކުރެވިގެންވާ ޙާލު ބައްލަވާލެއްވުމަށް ދެންނެވީމެވެ. އެކަލޭގެފާނު ވަޑައިގެން އެކަމަނާގެ އަރިހުގައި އިށީންދެވަޑައިގެން އިންނަވައިފިއެވެ. ދެން ބޮޑު ކިރުތައްޓެއް ގެނެވުނެވެ. އެއިން އެކަލޭގެފާނު ހިއްޕެވުމަށްފަހު އެކަމަނާއަށް އެއިން ދެއްވިއެވެ. ދެން އެކަމަނާ އިސްތަށުފުޅު ތިރިކުރެއްވިއެވެ. އަދި ލަދުފުޅުގަތެވެ. އަސްމާގެފާނު ވިދާޅުވިއެވެ. ފަހެ، ތިމަން އެކަމަނާއަށް ބާރަށް އެއްޗެއްބުނީމެވެ. އަދި ތިމަން އެކަމަނާއަށް ދެންނެވީމެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަތްޕުޅުން ( ކިރުފޮދު ) ހިއްޕަވާށެވެ. އަސްމާގެފާނު ވިދާޅުވިއެވެ. ދެން އެކަމަނާ އެތަށިން މިންވަރެއް ހިއްޕެވިއެވެ. ރަސޫލާ  صَلَّى اللهُ عَلَيْهِ وَسَلَّمَ  އެކަމަނާއަށް ވިދާޅުވިއެވެ. ކަމަނާގެ އެކުވެރިޔާއަށްވެސް ދެއްވާށެވެ. އަސްމާގެފާނު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! އަދި ކިއެއްތޯއެވެ. ކަލޭގެފާނު އެތަށިންނަންގަވާ އެއިން ހިއްޕަވާށެވެ. ދެން(އެއަށްފަހު) ކަލޭގެފާނުގެ އެ އަޅުގަނޑަށް ދެއްވާށެވެ. އެކަލޭގެފާނު އެތަށިނަންގަވައި، އެއިން މިންވަރެއް ހިއްޕެވުމަށްފަހު، އަހުރެންނަށް ދެއްވިއެވެ. އަސްމާގެފަނު ވިދާޅުވިއެވެ. ދެން ތިމަން އިށީންދެ، ތިމަންގެ ކަކޫމަތީގައި އެތަށި ބަހައްޓައިފީމެވެ. އެއަށްފަހު، އެބުއިމާއިގެން ކުރިޔަށް ދިއުމަށްޓަކައި އެތަށިނަގާ ކޮންމެހެންވެސް އެކަލޭގެފާނު ހިއްޕެވި އެއްޗަކުން ( އެހިއްޕެވި ދިމާއަކުން ) ބުއިމަށްޓަކައި އޭގައި ތުންފަތްޖެހީމެވެ. ދެން އެއަށްފަހު ތިމަންކައިރީގައި ތިބި އަންހެން ބޭކަނބަލުންނަށް ( ނިސްބަތްކުރައްވައި ) އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ. އެކަނބަލުންނަށްވެސް ދެއްވާށެވެ. ދެން އެކަނބަލުން ދެންނެވިއެވެ. އަޅުގަނޑުމެން އެބޯހިތެއް ނުވެއެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ބަނޑުހައިހޫނުކަމާއި ދޮގުހެދުމާއި ( ދެކަން ) އެއްނުކުރައްވާށެވެ.”

 

މަރާޖިޢުތައް:

رحلة النجاح بين الزوجين ؛ فهد بن يحيى العماري

Nihad Sayyid Idris Ali, Keys to a succesful Marital Life, Dawah Corner Publications

 

0