ބަރަކާތުގެ މައްޗަށް ބަރަކާތް ލެއްވިގެންވާ ރަމަޟާން މަހުގައި ހިމެނޭ އެންމެ ބަރަކާތްތެރި ރެއަކީ ޤަދްރި ވިލޭރެއެވެ. އެއީ ކީރިތި ޤުރުއާން ބާވާލެއްވުނު ރެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ إِنَّا كُنَّا مُنذِرِينَ (3) فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ (4) (ސޫރަތުއް ދުޚާން 3-4)
މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު އެޤުރުއާން ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން، އިންޛާރު ކުރައްވާ ކަލަކު ކަމުގައި ތިމަންއިލާހު ވޮޑިގެންވަމެވެ . އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވައެވެ.”
އެރެއަކީ ކޮންރެއެއްކަން ކަނޑައެޅިގެން އަޅުގަނޑުމެންނަށް ނޭނގުނު ކަމުގައި ވިޔަސް އެރޭގެ ބައެއް ޢަލާމާތްތައް ރަސޫލު ﷲ ﷺ ވަނީ ބަޔާން ކޮށްދެއްވާފައެވެ.
ލައިލަތުލްޤަދްރި ވަނީ ފަހުދިހައިގެ އޮނަހިރި ރެއެއްގައެވެ.
އަބޫ ސަޢީދު(ރަޟިޔަﷲ ޢަންހު)ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގަފާނު ވިދާޅުވިއެވެ. ރަމަޟާންމަހުގެ ވިހިވަނަދުވަހު ހެނދުނު ޚުޠުބާއެއް ދެއްވަމުން ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ.
“ إِنِّي أُرِيتُ لَيْلَةَ الْقَدْرِ فَأُنْسِيتُهَا فَالْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ فِي الْوَتْرِ” (ޞަޙީހުލް ބުޚާރީއާއި މުސްލިމް މި ޙަދީޘް ރިވާކުރައްވާފައިވެއެވެ.)
މާނައީ: ” ހަމަކަށަވަރުން ތިމަން ކަލޭގެފާނަށް ލައިލަތުލް ޤަދްރި ދެއްކެވުނެވެ. ދެން ތިމަންކަލޭގެފާނަށް އެރޭ ހަނދުމަފުޅުނެތި ކުރެއްވުނެވެ. ފަހެ، ތިޔަބައިމީހުން ފަހުދިހައިގެ އޮނަހިރި ރޭތަކުގައި އެރޭހޯދުމަށް މަސައްކަތް ކުރާށެވެ.”
އެދުވަހުގެ އިރުއަރައިގެން އަންނައިރު ދޯދި ނުހުންނާނެއެވެ.
އުބައްޔު ބުނު ކަޢުބުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ﷺ ތިމަންބޭކަލުންނަށް ޚަބަރު ދެއްވިއެވެ.
“ أَنَّهَا لَيْلَةٌ صَبِيحَتُهَا تَطْلُعُ الشَّمْسُ لَيْسَ لَهَا شُعَاعٌ ” (ޞަޙީޙް މުސްލިމް)
މާނައީ: “ހަމަކަށަވަރުން އެރޭގެ ހެނދުނުވުމުން އިރުއަރާއިރު އިރުއަރާނީ އިރުގައި ދޯދި ނުހުންނަ ޙާލުގައެވެ.”
ލައިލަތުލް ޤަދްރިގެ ޢަލާމާތްތަކާ ބެހޭގޮތުން ދެކެވޭ ޞައްޙަ ނޫން ވާހަކަތައް
- އެރޭ ކުއްތާއާއި ޙިމާރު ނުގޮވުން
- ކަނޑުގެ ލޮނުގަނޑު މީރުފެނަށް ބަދަލުވުން
- ގަސްތައް ވެއްޓި އޭގެ އަޞްލު ޖަގަހަތަކަށް ރުޖޫޢަވުން
- އެރެއަކީ އަލިވެގެންވާ ރެއެއްކަމުގައި ވުން
- އެރޭ ހުރިހާ އެއްޗެއް ސަޖިދަ ޖެހުން
ވަރަށް ރަނގަޅު ވާހަކައެއް