ދީން
އައްރައްޔާން – ރޯދަވެރިންނަށް ޚާއްޞަ ސުވަރުގޭގެ ދޮރުކޮޅު

ޞުބްޙާނަހޫ ވަތަޢާލާ ވަނީ ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރައްވައި އެރޯދައިގެ ސަބަބުން ގިނަގުނަ ޘަވާބާއި ދަރުމަ ދެއްވާނެކަން އަންގަވައިދެއްވާފައެވެ. އެކަލާނގެ ޤުދުސިއްޔަ ޙަދީޘް އެއްގައި ވަޙީކުރެއްވިއެވެ. “كُلُّ عَمَلِ ابْنِ آدَمَ لَهُ إِلا الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ” البخاري (1761) ومسلم (1946)

މާނައީ: ރޯދަ ފިޔަވައި އާދަމްގެ ދަރިޔާގެ ކޮންމެ ޢަމަލެއްވަނީ އޭނާއަށެވެ. އެރޯދަވަނީ ތިމަން ﷲ އަށެވެ. އަދި ތިމަން އިލާހު އެރޯދައަށް ޖަޒާދެއްވާހުށީމެވެ.” މިޙަދީޘްފުޅުން އެނގިގެންދަނީ ރޯދައިގެ މާތްކަމާއި އެރޯދައިގެ ދަރުމައާއި ޘަވާބުގެ ބޮޑުކަމެވެ.

ރަމަޟާންމަހުގެ ރޯދަ އެތައް ގޮތަކުން މާތްކުރެވިގެންވެއެވެ. އޭގެތެރޭގައި ސުވަރުގޭގައި ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅެއް ލައްވާފައިވުން ހިމެނެއެވެ. އެއީ އެދޮރުކޮޅަކުން ރޯދަވެރިން ފިޔަވައި އެހެން ބަޔަކު ނުވަންނާނެ ދޮރުކޮޅެކެވެ. ރަސޫލުﷲ ﷺ ޙަދީޘްފުޅުކުރެއްވިއެވެ. “‏ إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ، يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ، لاَ يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ، لاَ يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ، فَإِذَا دَخَلُوا أُغْلِقَ، فَلَمْ يَدْخُلْ مِنْهُ أَحَدٌ ‏”‏‏  البخاري ( 1763 ) ومسلم ( 1947)

މާނައީ: “ހަމަކަށަވަރުން ސުވަރުގޭގައި “އައްރައްޔާން” އޭ ކިޔޭ ދޮރުކޮޅެއްވެއެވެ. ޤިޔާމަތްދުވަހު އެދޮރުކޮޅުން ރޯދަވެރިން ވަންނާނެއެވެ. އެބައިމީހުން (ރޯދަވެރިން) ފިޔަވައި އެހެން ބަޔަކު އެދޮރުކޮޅުން ނުވަންނާނެއެވެ. ދެންނެވޭނެއެވެ. ރޯދަވެރިން ކޮބާހެއްޔެވެ؟ އެހިނދު ރޯދަވެރިން ތެދުވާނެއެވެ. އެބައިމީހުން ފިޔަވައި އެހެން ބަޔަކު އެދޮރުކޮޅުން ނުވަންނާނެއެވެ. އެބައިމީހުން ވަދެނިމުމުން އެދޮރުކޮޅު ބަންދުކުރެވޭނެއެވެ. ދެން އިތުރު އެއްވެސް މީހަކަށް އެދޮރުކޮޅުން ނުވަދެވޭނެއެވެ.”

ސުވަރުގޭގައި އަށް(8) ދޮރުކޮޅެއް ވާކަމަށް ޞައްޙަ ޙަދީޘްތަކުން އަޅުގަނޑުމެންނަށް އެނގެއެވެ. “އައްރައްޔާން” އަކީ އެދޮރުކޮޅުތަކުގެ ތެރެއިން ރޯދަވެރިންނަށް ޚާއްޞަދޮރުކޮޅެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “‏ فِي الْجَنَّةِ ثَمَانِيَةُ أَبْوَابٍ، فِيهَا باب يُسَمَّى الرَّيَّانَ لاَ يَدْخُلُهُ إِلاَّ الصَّائِمُونَ ‏”‏‏ رواه البخاري ( 3017 )

މާނައީ: ” ސުވަރުގޭގައި އަށް ދޮރުކޮޅެއްވެއެވެ. އޭގެތަރޭގައި “އައްރައްޔާން” އޭ ކިޔުނު ދޮރުކޮޅުވެއެވެ. ރޯދަވެރިން ފިޔަވައި އިތުރު ބަޔަކު އެދޮރުކޮޅުން ނުވަންނާނެއެވެ.”

“އައްރައްޔާން” ގެމާނައަކީ ފެން ބޮއެ އަލާކެނޑިފައިވާ މީހާއެވެ. ނުވަތަ ކަރުހިއްކުން ފިލާފައިވާ މީހާއެވެ.

މާތް ﷲ އަޅަމެން މިހިފާ ރޯދަތައް ޤަބޫލުކުރައްވާ، “އައްރައްޔާން” ދޮރުކޮޅުން ސުވަރުގެ ވަންނަ މީހުންގެ ތެރޭގައި ލައްވާށިއެވެ. އާމީން!

0