ނަޞޭޙަތާއި އިރުޝާދު
އޭއަޚުންނާއި އުޚުތުންނޭވެ. ޙަސަދަވެރިނުވާށެވެ.

ޙަސަދަވެރިކަމަކީ، ނުބައިކަން ބޮޑު ހުތުރު ސިފަތަކުގެ ތެރެއިން ސިފައެކެވެ. އެއް އިންސާނަކު އަނެއް އިންސާނަކާއިމެދު އުފެދޭ ޖަޒުބާތުތަކާއި އިޙްޞާސްތަކުގެ ތެރެއިން އިންސާނާއަށް އެންމެ ގެއްލުންކުރަނިވި އެންމެ ހިތްދަތިކަން ދެނިވި ޖަޒުބާތެވެ. މި ޖަޒުބާތުގެ ސަބަބުން އަނެކާގެ މައްޗަށް މުސީބާތް ކުރިމަތިވުމަށް އެދުންވެރިވެއެވެ. އަދި އަނެކާއަށް ކުރިމަތިވާ މުސީބާތްތަކުގެ ސަބަބުން ތިމާގެ ހިތަށް އުފާވެރިކަމުގެ އިޙްސާސްކުރުވައެވެ.

ހަސަދަވެރިކަމުގެ ނުބައިކަމުން ރައްކާތެރިވުމަށް މިއުންމަތަށް އިރުޝާދު ދެއްވަމުން މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަސަދަވެރިކަން ސިފަކުރައްވާފައިވަނީ އެ އަލިފާނަކަށް ލެވޭ ދަރުތައް އެކީ އަނދާ ހުސްކޮށްލާ މިސާލުގައެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅުގެ މާނައިގައިވެއެވެ. “ހަސަދަވެރިކަމުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން އެއީ އަލިފާނުން ދަރު އަންދާފަދައިން ހެޔޮ ކަންތައްތައް އަންދާލާކަމެކެވެ.” (އަބޫ ދާވޫދް) އަދި މާތް ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި އަންގަވާ ވަޙީކުރައްވާފައިވެއެވެ.

“أَمْ يَحْسُدُونَ النَّاسَ عَلَي مَاآتاَهُمْ مِن فَضْلِهِ ” ނުވަތަ ﷲގެ ފަޟްލުވަންތަވެރިކަމުގެ ތެރެއިން އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާއިމެދު އެއުރެން (ޔަހޫދީން) މީސްތަކުންނަށް ޙަސަދަވެރިވަނީ ހެއްޔެވެ؟”

މި އާޔަތުގެ މާނައަށް ވިސްނާލާއިރު އެއްވެސް މީހަކު ﷲ އަނެކުންނަށް ދެއްވި ނިޢުމަތެއްގެ މައްޗަށް ޙަސަދަވެރިވުމަކީ، ކޮށްގެން ވާނެ ކަމެއް ނޫންކަން އެނގިގެންދެއެވެ.  އަދި އެއީ ﷲ ނުހަނު ބޮޑަށް ކޯފާވެ ވޮޑިގެންވާ ކަމެއްކަން ސާފުކޮށް އެނގެއެވެ. ފަހެ ކީރިތި ރަސޫލާ صلى الله عليه و سلم ރަސޫލު ކަމައިގެން ވަޑައިގެންނެވި ހިނދު މައްކާ އާއި މަދީނާގައި ތިބި ޔަހޫދިންނާއި މުޝްރިކުން އެކަލޭގެފާނުގެ މައްޗަށް ޙަސަދަވެރިވިއެވެ.

އެމީހުން މި ކަންކަން ހިތުގައި ފޮރުވައިގެން ތިބީ އަކީ ނޫނެވެ. އެކަމަކު ޢަމަލީގޮތުން އެކަން އެމީހުންގެ ބަހުންނާއި ޢަމަލުން ގެންދިޔައީ ދައްކަމުންނެވެ. މި މީހުންގެ ޙަސަދައިގެ ނަތީޖާއެއްގެ ގޮތުން ކީރިތި ރަސޫލާ صلى الله عليه و سلم އަށް ކުރަމުން މީސްތަކުންގެ ޙަސަދައިން ރައްކައުތެރިވުމަށް ﷲގެ ޙަޟްރަތުގައި ދަންނަވާނެ ދުޢާއެއްގެ ގޮތުން سورة الفلق ގައި އެކަލާނގެ އުނގަންނައި ދެއްވާފައިވަނީ މިފަދައިންނެވެ.

“وَمِنْ شَرِّ حَاسِدٍ إذَا حَسَدَ “އަދި ޙަސަދަވެރިވާ މީހާ ޙަސަދަވެރި ވެއްޖެ ހިނދު އޭނާގެ ނުބައިކަމުން (މިއަޅާ ﷲގެ ޙަޟްރަތުން) ރައްކައުތެރިކަން އެދެމެވެ.”

ﷲ ރުއްސުންލެއްވި އަނަސުބިން މާލިކުގެ އަރިހުން ދެ އިމާމުންގެ އިއްތިފާޤުން ރިވާވެފައިވާ ޙަދީޘެއްގައި ވެއެވެ. “لاَ تَبَاغَضُوا وَلاَتَحَاسَدُوا وَلاَتَدَابَرُوا وَلاَ تَقَاطَعُوا وَكُونُوا عِبَادَاللهِ إِخْوَانًا وَلاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثٍ”  މާނައަކީ، “ތިޔަބައިމީހުން އެކަކު އަނެކަކާ ރުޅިވެރި ނުވާށެވެ. އެކަކު އަނެކަކާ ޙަސަދަވެރި ނުވާށެވެ. އެކަކު އަނެކަކަށް ފުރަގަސް ނުދޭށެވެ. އެކަކު އަނެކަކާ ގުޅުން ކަނޑައިނުލާށެވެ. ﷲގެ އަޅުންތަކެއްގެ ގޮތުގައި އެއްބަނޑު އެއްބަފައި އަޚުންތަކެއް ފަދައިން އުޅޭށެވެ. މުސްލިމަކަށް އޭނާގެ އަޚާއާ ރުޅިވެ، ވާހަކަ ނުދައްކައި ތިން ދުވަހަށްވުރެ އިތުރަށް ހުރުން ހުއްދަވެގެންނެއް ނުވެއެވެ.”

މިދުނިޔެމަތީގައި މާތް ﷲ އިންސާނުންނަށް ދެއްވާ ނިޢުމަތްތަކަކީ އެބައިމީހުންނަށްޓަކައިވާ އިމްތިޙާނެކެވެ. އެމީހަކަށް ނިޢުމަތް އިތުރުކުރެއްވި މިންވަރަކުން އެމީހެއްގެ އިމްތިޙާން އިތުރުވެގެންދެއެވެ. އަލް ހަސަން އަލް ބަސްރީ ވިދާޅުވެފައިވެއެވެ. އުމަރުބުން ޚަތާބު އަބޫ މޫސާ އަލް އަޝްއަރީއަށް ފޮނުއްވެވި ސިޓީފުޅެއްގައި ލިޔުއްވާފައިވެއެވެ. “ތިބާއަށް ދުނިޔެއިން ލިބިފައިވާ މިންވަރާއިމެދު ތިބާ ރުހޭހުށިކަމެވެ. ހަމަކަށަވަރުން ރަޙުމާނުްވަންތަ ރަސްކަލާނގެ އެކަލާނގެ އަޅުތަކުންގެ ތެރެއިން އެއްބަޔަކަށް އެކަލާނގެ ނިޢުމަތް އިތުރުކޮށްދެއްވާ އަނެއްބަޔަކަށް އުނިކުރެއްވީ އެދެބައިމީހުން އިމްތިޙާން ކުރެއްވުމަށްޓަކައެވެ. އެބައިމީހުންގެ ތެރެއިން ނިއުމަތް އިތުރުކުރެއްވިމީހުން އިމްތިޙާން ކުރެވޭ ހުށީ އެބައިމީހުން އެ ނިޢުމަތަަަަށް ޝުކުރުވެރިވޭތޯ ބެއްލެވުމާއި އެބައިމީހުންގެ މުދާވެރިކަމުން އެބައިމީހުންގެ މައްޗަށް އެކަލާނގެ ކަނޑައަޅުއްވާފައިވާ ކަންތައްތައް ފުރިހަމަ ކުރޭތޯ ބެއްލެވުމަށެވެ.” (އިބްނު ހާތިމް)

އިސްވެދެންނެވުނު ސަބަބުތަކަށްޓަކައި އެހެންމީހުންނަށް މާތްﷲ ދެއްވާފައިވާ މުދާވެރިކަމާއި ދުނިޔޭގެ ނިޢުމަތްތަކަށް އެދުންވެރިނުވުމަށް މާތް ﷲ ވަނީ އެކަލާނގެ އަޅުތަކުންނަށް އަންގަވާފައެވެ.
وَلاَ تَتَمَنَّوْا مَا فَضَّلَ اللَّهُ بِهِ بَعْضَكُمْ عَلَى بَعْضٍ لِلرِّجَالِ نَصِيبٌ مِمَّا اكْتَسَبُوا وَلِلنِّسَاءِ نَصِيبٌ مِمَّا اكْتَسَبْنَ وَاسْأَلُوا اللَّهَ مِنْ فَضْلِهِ إِنَّ اللَّهَ كَانَ بِكُلِّ شَيْءٍ عَلِيمًا (النِّسَاء 32)

މާނައީ: “(އެކަމެއްގެ ސަބަބުން) ތިޔަބައިމީހުންގެ ތެރެއިން އެއްބައެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވައި، މޮޅުކުރެއްވި ކަންތަކަށް ތިޔަބައިމީހުން ނޭދޭށެވެ! ފިރިހެނުންނަށްވެސް، އެއުރެން ހޯދިކަމެއްގެ (ހެޔޮ) ޖަޒާވެއެވެ. އަދި، އަންހެނުންނަށްވެސް، އެކަނބަލުން ހޯދި ކަމެއްގެ (ހެޔޮ) ޖަޒާ ވެއެވެ. އަދި، ﷲ ގެ ފަޟުލަވަންތަކަމުގެ ތެރެއިން، (ދެއްވުމަށް) ތިޔަބައިމީހުން އެދޭށެވެ! ހަމަކަށަވަރުން، ﷲ އީ، ކޮންމެކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައިވެއެވެ.”
ހަސަދަވެރިވުމުން ދުރުވެގަތުމަށް ބާރުއެޅުއްވުމުގެ ގޮތުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ތިޔަބައިމީހުންގެ މަތީގައިވާ މީހުންނަށް ދެއްވާފައިވާ ނިޢުމަތްތަކަށް ނުބަލާށެވެ. އެކަމަކު ތިޔަބައިމީހުންގެ ދަށުގައިވާ މީހުންނަށް ތިޔަބައިމީހުން ބަލާހުށިކަމެވެ. އޭގެ ސަބަބުން މާތް ﷲ ތިޔަބައިމީހުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ތިޔަބައިމީހުން ހަނދާންވާނެއެވެ. (ބުޚާރީ) އަދިވެސް އެކަލޭގެފާނު ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު މުދާވެރިކަމާއި ޖާހުގެ ގޮތުން ތިބާއަށްވުރެ މަތިވެރި މީހަކަށް ބަލައިފިނަމަ ތިމާއަށް ވުރެ މުދާވެރިކަމާއި ޖާހުގެ ގޮތުން ދެރަ ނިކަމެތި މީހަކަށްވެސް ބަލާހުށިކަމެވެ.” (މުސްލިމް)

އަޅުގަނޑުމެން އެންމެންނަކީ ނުބައިވެގެންވާ ޙަސަދަވެރިކަމުން މުޅިން ދުރުވެގެންވާ ބަޔަކު ކަމުގައި ލެއްވެވުން އެދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅަމެންނަށް އެކަލާނގެ ރުއްސަވާ މަގަށްް ތަޢުފީޤު ދެއްވާށިއެވެ. އާމީން!

0