ދީން
ދެމަފިރިން ކުރެ މީހަކު ޒިނޭ ކޮށްފި ނަމަ ކައިވެނި ރޫޅޭނެތަ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ޒިނޭ ކުރުމަކީ އެންމެ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ފާފައެކެވެ. ނަމަވެސް ޒިނޭ ކުރުމަކީ ކައިވެނި ރޫޅޭ ކަމެއް ނޫނެވެ. ވީމާ މީހަކު ކައިވެނި ކޮށްގެން ހުރެ ޒިނޭ ކުރުމަކުން ވަރިއެއް ނުވާނެއެވެ. ވަރިވާނީ ވަރި ކޮށްފި ނަމައެވެ. ނަމަވެސް، ޒިނޭކޮށް އެކަމުން ތަޢުބާނުވެ ހުރި މީހަކާއި އިނދެގެން އުޅުމަކީ ޙުއްދަކަމެއް ނޫނެވެ. ވީމާ، އެފަދަ ޢަމަލެއް ކުރެވިއްޖެ މީހަކު ލަސްނުކޮށް އަވަހަށް ތައުބާވުމަކީ ވާޖިބެކެވެ. ތައުބާ ވުމުން އެމީހާގެ ފާފަ މާތް ﷲ ފުއްސަވާނެއެވެ. އޭނާގެ މައްޗަށް ލާޒިމުވެގެންވަނީ: ތެދުވެރި، އިޚްލާޞްތެރި ތަޢުބާއަކުން ތައުބާވުމެވެ. އެކަލާނގެ ބަސްފުޅުގައިވެއެވެ. {{ يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا عَسَى رَبُّكُمْ أَنْ يُكَفِّرَ عَنْكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الأَنْهَارُ…}} التحريم 8 . “އޭ އީމާންވީ މީސްތަކުންނޭވެ! ތެދުވެރި އިޚްލާޞްތެރި ތަޢުބާއަކުން ﷲ ގެ ހަޞްރަތަށް ތަޢުބާވާށެވެ. ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންގެ ފާފަތައް ފުއްސެވުން ކައިރިއެވެ. އަދި އެތަނުގެ ދަށުން ކޯރުތައް ދެމިދެމި އޮންނަ ސުވަރުގެތަކަށް ވައްދަވާނެއެވެ.” {{وَمَنْ تَابَ وَعَمِلَ صَالِحًا فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَابًا }} الفرقان 71. މާނައަކީ “އަދި ތައުބާވެ، ޞާލިޙު ޢަމަލު ކޮށްފި މީހަކީ (ޙައްޤު ގޮތުގައި) ﷲ ގެ ޙަޟްރަތަށް ރުޖޫޢަ ވެއްޖެ މީހެކެވެ. އެމީހާގެ ފާފަ އެކަލާނގެ ފުއްސަވާނެއެވެ.

والله أعلم، وصلى الله على محمد وآله وصحبه وسلم

ޖަވާބު ދެއްވީ ޝައިޚް އާދަމް ޝަމީމް ބިން އިބުރާހީމް

0