އަޚްލާޤު
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް !!!

އޭނާޔަކީ އަހަރެންގެ ވަރަށްގާތް އަވަށްޓެރިއެކެވެ. އަހަރެން ބައެއްދުވަސް ދުވަހު އޭނާގެ ގެއަށްގޮސް ވާހަކަ ދައްކާ މަޖާކޮށް ހަދަމެވެ. އޭނަޔަކީ އަހަރެންގެ ރައްޓެސަކަށް ވީތީއެވެ. އަހަންނަކީ އޭނާގެ އޮފީހުގައި އުޅޭ މީހަކަށްވެސް ވުމާއިއެކުއެވެ.

އަހަރެންނަކީ އެއޮފީހަށް ވަތްތާ އެހާގިނަދުވަސް ވެފައިވާމީހެއް ނޫންކަމުން އޭނާއަކީ ކޮންކަހަލަ މީހެއްކަން އަހަރެންނަށް ކުރިއަކުން އެނގިފައެއް ނެތެވެ.

ކޮންމެ ދުވަހަކުވެސް އޮފީސް ނިންމާލުމަށްފަހު އޭނާ  ބޮޑު ހަތަރު ބަނަސް ގަނެއެވެ. އަހަރެން އެގެއަށް ދާއިރު އަބަދުވެސް ތިބެނީ އޭނަގެ އަންހެނުންނާއި ހަތަރުއަހަރަކަށްދާ ދަރިފުޅެވެ. އެހިސާބު މީހުން އަހަރެން އެގެއަށް ވަދެ ނިކުމެހަދާތީ އަހަރެންނާއި ދިމާޔަށް ވަރަށް ބަލަހައްޓައިގެންވެސް ތިބެއެވެ.

އަހަރެން އެގެއަށްދާއިރު އޭނާގެ އަވަށްޓެރިއެއްވެސް އެގެއަށް ވަދެލާ އިންނަތަނެއް ނުދެކެމެވެ. އޭނާ ކޮންމެ ދުވަހަކުވެސް މިގެންދާ ހަތަރުބަނަހާ މެދު އަހަރެންގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އަހަރެން މިކަމާ އެއްދުވަހު އޮފީސް ނިންމާލުމަށްފަހު މީހާއާއި ސުވާލުކުރީމެވެ. ކީއްކުރަން ކޮންމެދުވަހަކު ގެންދާ ބަނަހެއްތަ؟ އޭނާވަރަށް ހެވިލާފައި ޖަވާބުދިނެވެ. “އަހަރެންގެ ދަރިފުޅު ވަރަށް މީރުކޮށް ކާއެއްޗެއް މީ. ދަރިފުޅު މި ނުގެންގޮސްފިއްޔާ އެދުވަހު ނުވެސްކާނެ…” އަހަރެން ދެން އެކަމަކާ މާބޮޑަކަށް އަޅައެއްނުލަމެވެ.

ދެންއަހަރެން ސުވާލުއުފެދުނު އަނެއްކަމަކީ އެގޭގައި ވަކިން ހަދާފައި ހުރި ކޮޓަރިއަކާއި މެދުއެވެ. އެގެއަށް ދާއިރު، އެކޮޓަރީގައި އަބަދުވެސް ބޮތްކެއް ދިއްލާފައި ހުއްޓައި ފެނެއެވެ. އޭނާ އެކޮޓަރި ކައިރިއަށް ދާތީ އަހަންނަކަށް ނުވެސްފެނެއެވެ. އަދި އެކޮޓަރީގެ ތެރެއިން މީހަކު ނުކުމެ އުޅެނިކޮށްވެސް އަހަރެން ނުދެކެމެވެ. މިކަމާވެސް އަހަރެން ސުވާލެއް ރާވާލީމެވެ. “އޭ! ތިގޭގަ ވަކިން އެހުންނަނީނުދޯ ކޮޓަރިއެއް؟؟ އެތަން އެއީ ހުސްކޮށް ހުރިތަނެއްތަ؟ އެތަން މަށަށް ކުއްޔަށް ދޭންވީނު!” އަހަރެން މިހެން ބުނުމުން އޭނާ ހިނިގަނޑެއް ޖަހާލިއެވެ.

“ދޮންކަލޯ އެއީ ކުއްޔަށްދޭ ކޮޓަރިއެއް ނޫން އެތަނަށް ނިދަން އަންނަ ކުއްޖަކު އުޅޭނެ. އޭނަ ހިފާފަ ހުރިތަނެއް އެއީ” އޭނާ ބުންޏެވެ.

“އެހެންތަ! ކަލެއާ މަ ސަމާސާ ކޮއްލީ އިނގޭ… މަށަށް އިނގޭ މިހާ ބައިބޯ ތަނެއްގައި ކޮޓަރިއެއް ހުހަށް ނުހުންނާނެކަން” އަހަރެން ބުނެލީމެވެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުންގޮސް އޮފީސް ބަންދު ދުވަހެއްގައި އަހަރެން އަންހެނުންނާއިއެކު އެގެއަށް ދިޔައީމެވެ.

އަހަރެން އެގެއަށް ދިޔަ މަގުމަތީގައި ކައިރީގައި ހުރި ފިހާރައަކަށް ވަދެ ހަތަރު ބަނަސް ގަތީމެވެ. އަންހެނުން ކީއްކުރާ ބަނަހެއްތޯ އެހުމުން އަހަރެން ބުނީ މީ އޭނާގެ ދަރިފުޅަށް ވަރަށް މީރު އެއްޗެއްކަމުގައެވެ. އެދުވަހު އެގެއަށްގޮސް  އޭނަގެ ދަރިފުޅަށް އަހަރެން ބަނަސް ކޮތަޅު ދިއްކޮއްލާފައި ބުނީމެވެ. “ކޮއްކޯ! މިހިރީ ބަނަސް… ވަރަށް މީރުވާނެދޯ” އެކުއްޖާ އަހަރެންދެކެ ވަރަށް ރުޅިއައިސްފައި ހުރި ފާޑަކަށްހުރެ ބަލަހައްޓައިގެން ހުއްޓެވެ. އަހަރެންގެ ހިތުގައި އެވަގުތު ސުވާލުތަކެއް އުފެދުނެވެ. އެވަގުތު އޭނާގެ ބައްޕަ ހީލާފައި ބުންޏެވެ. “ތީ ވަރަށް ވަރުގަދަ ކުއްޖެއް! ބައްޕަ ގެންނަ ބަނަސް ނޫނިއްޔާ ކަމަކުނުދާނެ” އޭރުވެސް އެކުއްޖާ ވަރަށް ރުޅިއައިސްގެން އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެދުވަހު އެ ހިނގާދިޔަ ހާދިސާއާއިމެދު އަހަރެން މާބޮޑަކަށް ނުވިސްނަމެވެ.

އަހަރެން ޖެހިގެން އައިދުވަހު އޭނާގެ އަތުން ޕެންޑްރައިވްއެއް ނަގަންވެގެން އޭނާ ގޭގައި އުޅޭނެ ގަޑިއަކަށްވާތީ ނުގުޅައި ދިޔައީމެވެ. އަހަރެން އެގޭގެ ދޮރާށި ހުޅުވާލިތަނާ އޭނާގެ އަންހެނުން ދުރުގައި ވަކިންހުރި ކޮޓަރީގެ ދޮރުމަތީގައި ބަނަސް ކޮތަޅެއް ހިފައިގެން ހުއްޓެވެ. އޭނާއަކަށް އަހަންނެއް ނުފެންނާނެއެވެ. އަހަރެން ކުޑަކޮށް އެތެރެއަށް ޖެހިލިތަނާ އޭނާގެ އަންހެނުން އެކޮޓަރީގެ ދޮރު ހުޅުވާލާފައި އެ ބަނަސްކޮތަޅު އެކޮޓަރީގެ ތެރެޔަށް އެއްލާލުމަށްފަހު ބުންޏެވެ. “މިއޮތީ ކާނާ. ދެންވެސް މިކައިގެން އޮވެވޭތޯ ބަލާބަލަ”

މިހިސާބުން މިވާގޮތެއް ވަރަށް ރަނގަޅަށް ބަލަން އަހަރެން ބޭނުންވިއެވެ. އަހަރެން ހިތަށްއެރިއެވެ. އެކޮޓަރީގައި އަނެއްކާ މިމީހުން ގެންގުޅޭ ޖަނަވާރެއް އޮތީބާވާއެވެ؟ އަހަރެން ވަގުތުން އެގޭގައި ހުރި ބަގީޗާ ގަސްތަކުގެ ތެރެއަށް ތިރިވެ ނިވާވެލީމެވެ.

މި އަންހެނާ ކޮތަޅު އެއްލައިލުމަށްފަހު އެނބުރި އައިއިރު އޭނާގެ މޫނުމަތީގައި ރުޅިވެރިކަމުގެ އަސަރު އިންތިހާއަށް ހުއްޓެވެ. އެއަންހެނާ ދުވަހަކުވެސް އެހައި ރުޅިއައިސްފައި ހުއްޓައި އަހަރެން ނުދެކެމެވެ. މަޑުމަޑުން ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުން ގޮސް އެމީހުންގެ ކޮޓަރިއަށްވަނެވެ.

އަހަރެން ވަރަށް ނިވާވަމުންގޮސް މި ބަނަސް ކޮތަޅު އެއްލި ކޮޓަރި ބަލާލީމެވެ.

ޞުބުޙާނަ ﷲ އެވެ! އަހަރެންގެ ހަޔާތުގައިވެސް އެފަދަމަންޒަރެއް ނުދެކެމެވެ. ކޮޓަރި ތެރެއިން ދުވިވަހުން އަހަންނަށް ހޮޑުނުލެވުނީ ކިރިޔާއެވެ. އިންސާނުންގެ ނަޖިހުގެ ވަހެވެ! މުޅި ކޮޓަރި ތެރޭގައިވަނީ މަކުނު ވާފުރާފައެވެ. ކޮޓަރީގެ ތެރޭގައި ބައެއްކަހަލަ ބޭނުންނުކުރާ ފޮށިތަކާއި މޭޒުކަހަލަ އެއްޗެހި ހުއްޓެވެ. އަހަރެން ހިތްވަރު ކޮށްލާފައި ނޭފަތުގައި އަތްއަޅައި ކޮޓަރީގެ ތެރެއަށް ބަލަހައްޓައިގެން ހުރީމެވެ. ދެލޯވަޅުވަދެފައިވާ މުސްކުޅިއަންހެނަކު އެސްފިޔަ ޖަހާނުލައި އަހަންނާއި ދިމާއަށް ފެންކަޅިވެފައިވާ ޙާލު ބަލަހައްޓައިގެން އޮތެވެ. ގައިގައިވާ ހެދުމުގެ ކުލަވެސް ވަކިކުރަން ނޭގެއެވެ. ކިލަޔާ ނަޖިހާ ތަތްތެޅިފައި އޮތުމުންނެވެ. އެއަންހެނާ އޮތް އެނދުގެ ކައިރީ ބިންމަތިގައި ދެބާލީސް ވެއްޓިފައި އޮތެވެ. މީހާވަނީ ހިކިއަނަރޫފަ ވެފައެވެ.

އެއަންހެނާ ކަޅިޖަހާނުލައި ޤަބުވެފައިވާ ޙާލު ދެލޯބޮޑުވެފައި އޮވެ އަހަންނާއި ދިމާއަށް ބަލަހައްޓައިގެން އޮތެވެ. އެމީހާގެ ދެލޮލުން ކަރުނަތައް ފައިބަމުންދިޔައެވެ.

އަހަންނަށް އެތަނުގައި ވަސްދުވާކަން ފަހުން އިހުސާސްވެސް ނުވެއެވެ. އެއަންހެންމީހާ މަޑުމަޑުން އޮވެ އެނދުގެ މަގަތަށް ޖެހިއްޖެއެވެ. ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެ ހެންނެވެ. ކުއްލިއަކަށް އެނދުގެ އެއްފަރާތުގައި އަތްއަޅައި ބިންމައްޗަށް ތިރިވިއެވެ. އެނދުގެ ކައިރީގައި އޮތް ބަނަސް ކޮތަޅު ނަގައި ހުޅުވާލިއެވެ. އަދި ބިމުގައިވާ ކިލާތަކާއި އެކުވެފައިވާ ހާލު ބަނަސް ކާންފެށިއެވެ. ކައިރީގައި އޮތް ފެންފުޅިއެއް ނެގިއިރު އޭގައި މައްޗެއްވެސް ޖަހާފައެއްނެތެވެ.

އެއަންހެނާ އޭގެން ފެންބުޔެވެ.

ކިޔުންތެރިންނޭވެ. އަހަންނަށްވެސް ހުރެވުނީ ޤަބުވެފައެވެ. އޭނަގެ އެޙާލަތައް ހަމްދަރުދީ ވެވި ދުއްވައިގަނެވުނީވެސް މާލަހުންނެވެ.

އެއަންހެނާގެ އެންމެފަހުގެ ކެއުން އެކެއީ އަހަރެންގެ ކުރިމަތީގައެވެ. އެންމެފަހުގެ ފެންފޮދު އެބޮވުނީ އަހަރެންގެ ކުރިމަތީގައެވެ. إِنَّا لِلَّهِ وَ إِنَّا إِلَيهِ رَاجِعُونَ

އެއަންހެނާ މިދުނިޔޭ ހަޔާތާއި ވަކިވެގެން ދިޔަހާލަތެވެ.

އެކުވެރީންނެވެ. މިދުނިޔޭގެ ޙަޔާތާއި ވަކިވެގެން އެދިޔައީ އަހަރެންގެ އޮފީހުގެ އެކުވެރިޔާގެ ބަލާބޮޑުކުރި އޭނާގެ މަންމައެވެ. މިފަދަ ޙާލުގައި އޭނާ އެގެންގުޅުނީ އޭނާގެ މަންމައެވެ. އޭނާ ވިހެއި އޭނާގެ އަމިއްލަ މަންމައެވެ. އަނބިމީހާ ރުއްސުމަށްޓަކައި އެ މަންމައަށް މިފަދަ ނިކަމެތި ޙާލެއް ޖެއްސީއެވެ.

އެކުވެރިންނޭވެ! އޭގެ ފަހުން އަހަރެން އޭނާއާ ގުޅުންކަނޑާލީމެވެ. އަމިއްލަ މަންމައާ ދޭތެރޭ މިހާ އިޙާނެތިކޮށް ހިތި މީހަކާ އެކީ އުޅެވޭނީ ކިހިނެތްތޯއެވެ.

ފަހުން އޭނާގެ އަވައްޓެރިން ބުނެދިން ގޮތުގައި އެމީހުންވެސް ތިބީ އެގެއަށް ވަންނަން ނުކެރިފައެވެ. ސަބަބަކީ އެފިރިހެން މީހާގެ އަންހެނުންނާ ހެދިއެވެ. އޭނާގެ ޒީލަގަދަކަމާހެދިއެވެ.

އެކުވެރިންނޭވެ! މިފަދަ ވާހަކަތަކުން އަހަރެމެން އިބްރަތެއް ހާސިލްކުރަމާ ހިނގާށެވެ! މިއީ ޙަޤީޤީ ޙާދިސާއެކެވެ.

މިވާހަކަ އަކީ މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުގެ ޢަޚު އަބުދުއް ރަޙްމާން ނޫރުލް އިސްލާމް ވެބްސައިޓަށް ލިޔުއްވާ ޝާޢިޢުކޮށްފައިވާ ޢިބުރަތްތެރި ޙަޤީޤީ ވާހަކައެކެވެ. މި ވާހަކައިގެ ސަބަބުން ތިޔަބޭފުޅުންނަށްވެސް އިބުރަތެއް ޙާޞިލްކުރެވިދާނެ ކަމުގެ އުންމީދުގައި ހިއްސާކޮށްލީއެވެ.

0