އިބުރަތްތެރި ވާހަކަ
ގޭންގްސްޓާރެއްގެ ތައުބާ

އެމެރިކާގެ އާދައިގެ ވަރެއްގެ މިސްކިތެކެވެ. ވަގުތަކީ ޢަޞުރު ނަމާދުވަގުތެވެ. މާގިނައިން މީހުން ނަމާދަށް އަންނަ ވަގުތެއްވެސް ނޫނެވެ. ޢަޞުރު ނަމާދުގެ ބަންގިއަށްފަހު ޤަމަތަށް އިންތިޒާރުގައި މަދު މީސްކޮޅެއް ތިއްބެވެ. ހަމަހިމޭންވެފައިވާ މިސްކިތުގެ މައިދޮރުން ކުއްލިއަކަށް ވަދެގެން އެއައީ އެހެންޏާ އެތަނުން ފެންނަ ޒުވާނެއް ނޫނެވެ. އޭނާގެ މަސްފުރާއަރާފައިވާ އަތާއި ފައި ފުރިފައިވަނީ ޖަހާފައިވާ ތަފާތު ޓެޓޫތަކުންނެވެ. މުޅި ކަރުމަތީގައިވެސް ހުރީ ހުސް ޓެޓޫއެވެ. މަޝްހޫރު ގޭންގުތަކަށް ނިސްބަތްވާ ނިޝާންތަކެވެ. މިސްކިތަށް އައިސްތިބި މީސްކޮޅު ބިރުން ކަންތައް ބޮޑު ވެއްޖެއެވެ. މުސްލިމުންނާ ދެކޮޅު ޙަރަކާތްތައް ގިނަ ދުވަސްވަރެއްގައި އަނެއްކާ މިސްކިތަށް މިގޭންގުސްޓާރު މިވަނީ ކޮން ނިޔަތެއްގައިބާވައެވެ؟ އެންމެންގެ ހާސްކަން ފިލައިގެން ދިޔައީ މިސްކިތުގެ އިމާމް ޝައިޚް ޢަބްދުއްނާޞިރު ޖަންގްޑާ އިސްވެ އެޒުވާނާއަށް ސަލާމް ގޮވާލެއްވުމުންނެވެ. އެޒުވާނާވެސް ސަލާމުގެ ޖަވާބުދީފިއެވެ. ޤަމަތްދެވުނު ވަގުތުކަމުން ޝައިޚް ވަޑައިގަތީ އިމާމުވެ ނަމާދުކުރައްވާށެވެ. އެޒުވާނާވެސް ނަމާދުގައި ބައިވެރިވެއްޖެއެވެ.

ނަމާދުކޮށް ނިމުމުން، ޝައިޚް އެޒުވާނާއާ ވާހަކަދައްކަވަން ފެއްޓެވިއެވެ. “އައްސަލާމް ޢަލައިކުމް، އަޚާ! ކުރިން މި މިސްކިތުން ފެންނަ ކުއްޖެއް ނޫންދޯ!”

“އަހަރެން މިދިޔަ ހަފްތާގައި މި ހިސާބުގަނޑަށް މިބަދަލުވީ. މިތާ ކައިރި ތަނަކުން ވަޒީފާއެއް ލިބިގެން. ވަރަށް ފަހުން މިތާ މިސްކިތް ހުންނަކަން އެނގުނީ. އެހެންވެ މިއަދު މަސައްކަތް ނިންމާލާފައި ނަމާދުކޮށްލަން އަންނާނީއޭ ހިތަށްއެރީ.” އެޒުވާނާ އެއްވެސް ފޮރުވުމެއް ނެތި ވަރަށް ސާފުކޮށް އޭނާގެ ވާހަކަ ކިޔާދިނެވެ.

ތެދެކެވެ. އެޒުވާނާ ހުރީވެސް އޭނާގެ މަސައްކަތު ޔުނީފޯމުގައެވެ. އޭނާގެ ވާހަކަދެއްކުމުންނާއި އުޅުމުންވެސް އެއީ މަޑުމައިތިރި، ރިވެތި އަޚްލާޤެއްގެ ޒުވާނެއްކަން އެނގެއެވެ. ނަމަވެސް އެޒުވާނާގެ ގައިގައި ހުރި ޓެޓޫތަކުން އެމަޑުމައިތިރި ޒުވާނާގެ އެހެން ޙަޔާތެއްވެސް ވެއްޖެކަން އެނގެއެވެ. އެހެންކަމުން ނަމާދުން އަވަދިވެގެން، އޭނާގެ ވާހަކަ ކިޔާދިނުމަށް ޝައިޚް އެދުނެވެ. އެޒުވާނާ އޭނާގެ ޙަޔާތުގެ ވާހަކަ ކިޔާދިނެވެ.

***

އަހަރެމެންނަކީ ތައިލޭންޑުން އެމެރިކާއަށް ހިޖުރަކުރި މުސްލިމް ޢާއިލާއެކެވެ. ނަމަވެސް އަހަރެމެންނަކީ އެހާ ދީންވެރި ބަޔެއް ނޫނެވެ. ދީންވެރި ކީއްކުރަންތޯއެވެ؟ ރަނގަޅު އުޅުމެއްވެސް އުޅޭ ބައެއް ނޫނެވެ. އަހަރެންގެ ބޮޑުބޭބެއަކީ މަސްތުވާ އެއްޗެހި ވިއްކުމުގައި މުޅި ކެލިފޯނިއާގައިވެސް ނަންވިކޭ މީހެކެވެ. އަހަރެން އުޅެ ބޮޑުވީ މިކުށުގެ މާޙައުލުގައެވެ. އެމެރިކާގެ ތަރައްޤީއާއި ތަމައްދުނުގެ ތެރޭގައެވެ. ކެލިފޯނިއާގެ މިނިވަން ޖައްވުގައި މަސްތުވާއެއްޗެއްސާއި ހިތަށް އަރުވަންވެސް ނޭނގޭހާ ކުށްތަކުގެ ތެރޭގައި އެއެއްޗެހި ބޭނުންއިރަކު ބޭނުން ގޮތަކަށް ލިބޭ ގޮތެއްގައެވެ.
ނަމަވެސް އަހަރެންގެ މަންމައަކީ ޞާލިޙް މައިކަނބަލެކެވެ. މަންމަ ބޭނުންވީ އަހަރެންނަކީ ބޮޑުބޭބެމެން ފަދައިން ކުށުގެ ކަނޑަށް ޣަރަޤުވެފައިވާ މީހަކު ކަމުގައި ނުވުމަށެވެ. މަންމަ އަބަދުވެސް އަހަރެންނަށް ހަނދާންކޮށްދެމުން ދިޔައީ ކާފަގެ ވާހަކަތަކެވެ.

“ދަރިފުޅާ! ދަރިފުޅުގެ ކާފައަކީ ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޒެއްކަން ދަރިފުޅަށް އެނގޭތަ؟ ކާފައަކީ ވަރަށް ރަނގަޅު މާތް އިންސާނެއް. މަންމަ ބޭނުން ދަރިފުޅަކީވެސް ކާފަ ފަދަ ރަނގަޅު މީހަކަށް ވާން. ބޮޑުބޭބެމެން އެއުޅޭ ނުލަފާ ގޮތްތަކަށް އުޅެން ހެޔޮ ނުވާނެ.” އަހަރެންގެ މަންމަގެ އަބަދުގެ ދުޢާއަކަށްވީ، އަހަރެންނަކީ ކާފަ ނެތް ދުނިޔޭގައިވެސް، ބޮޑުބޭބެމެންގެ ވަކިތަކުގެ ދަށުން ސަލާމަތްވެފައިވާ ޠާހިރު ކުއްޖަކަށް ވުމެވެ.

ނަމަވެސް، ކާފަގެ މާތް އުޅުން ކާފަގެ ދަރިންގައި ނެތް ފަދައިން، މަންމަ އެދުނު ހެޔޮގޮތް އަހަރެންގެ ކިބައިން ފެނުންވީ ނާދިރުކަމަކަށެވެ. ކިރިޔާ އަމިއްލައަށް އުޅެވެން ފެށި ހިސާބުން އަހަރެން ކުށްތަކަށް އަރައިގަންނަން ފެށީމެވެ. ޢުމުރުން އެންމެ 14 އަހަރުގައި އަހަރެން ސްކޫލުން ކެނޑުނީމެވެ. ކީއްކުރަން ދާ ތަނެއް ހެއްޔެވެ؟ އެއްވެސް މީހަކަށް އަހަރެންގެ މައްޗަށް ބަހެއް ނުކިޔޭނެއެވެ. އަހަރެން އުޅޭނީ އަހަރެން ބޭނުންވާ ގޮތަކަށެވެ. އަހަރެން ކުރާނީ އަހަރެން ބޭނުންކަމެކެވެ. އަހަރެންނަށް ހިތްހަމަޖެހުން ލިބޭ ކަމެކެވެ.

ސްކޫލުން ކެނޑިގެން އަހަރެން ވަނީ، ބޮޑުބޭބެ ފަދައިން މަސްތުވާއެއްޗެހި ވިއްކާ ވިޔަފާރީގެ ތެރެއަށެވެ. ކަންކަން މަތިން، ގޯޅިގޯޅި ތެރެއިން ޑްރަގުކޮޅުކޮޅު، ޕީސްކޮޅުކޮޅު ވިއްކުމުގައި އަވަދިނެތި އުޅުނީމެވެ. އަދި މަސްތުވާއެއްޗެއްސާއެކު ނައިސްނުދާނޭ ފޭރުމާއި ޓެކުމާއި ވައްކަމުގެ ތެރެއަށްވެސް ރަނގަޅަށް އަހަރެން ވަދެވި ބެދިއްޖެއެވެ. ޢުމުރުން 23 އަހަރުވީއިރު 2 ފަހަރަށް ޖަލަށް ވަނީމެވެ. ކުށުގެ މައްޗަށް ކުށްކުރާ ވެއްޓެއްގައި އުޅޭ ބަޔަކަށް އެއީ އާދައިގެ ކަމެކެވެ.

އަހަރެންގެ ޙަޔާތް ބަދަލުވާން ދިމާވީ، 23 އަހަރުގައި 3 ވަނަ ފަހަރަށް ޖަލަށް ލެވުމުންނެވެ. ކެލިފޯނިއާގެ ޤާނޫނު ބުނާގޮތުން ކުށް ޘާބިތުވެގެން 3 ވަނަ ފަހަރަށް ޖަލަށް ލެވޭ މީހާ ޢުމުރުދުވަހުގެ ޙުކުމެއް ތަންފީޒުކުރަން ޖެހޭނެއެވެ. އަހަރެން މިހާ ޒުވާން ޢުމުރަކުން ފެށިގެން މުޅި ޙަޔާތް މި އަނދިރި ކުޑަގޮޅީގައި ހޭދަކުރަންވީއެވެ. އަހަރެން އުފަލާ މަޖަލުގައި ވޭތުކުރަން އުއްމީދުކުރި ޙަޔާތް މިހާ ޒުވާން ޢުމުރަކުން ފެށިގެން ޖަލަކަށް ލެވި ބަންދުވީއެވެ. މާދަމާ ފަނޑިޔާރުކަލޭގެ އަހަރެންގެ މައްޗަށް ކުށް ޘާބިތުކޮށްފިނަމަ އަހަރެންގެ ދުވަސްދިޔައީއެވެ. އެންމެ 23 އަހަރުގައި އަހަރެންގެ ދުވަސް ޢުމުރަށް މިދިޔައީއެވެ.

އެރޭ އަހަރެން ވަރަށް ރުއީމެވެ. 13 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އަހަރެން ﷲއަށްޓަކާ ބިންމައްޗަށް ތިރިވެ ސަޖިދަ ޖެހީމެވެ. އެންމެ ފަހުން ސަޖިދަ ޖެހުނު ކަމަށް އަހަރެން ހަނދާންވަނީ ޢުމުރުން 10 އަހަރުގައި މަންމަ އަތުގައި ހިފަހައްޓައިގެން މިސްކިތަށްގޮސް ނަމާދެއް ކުރި ދުވަހެވެ. އޭގެ ފަހުން، އަހަރެން ބާލިޣުޥީފަހުން އުޅުނީ ކުށުގެ ވެއްޓެއްގެ ތެރޭގައެވެ. ނަމަވެސް، އެރޭ އަހަރެންނަށް ވިސްނަން މަޖްބޫރުވިއެވެ. ވިސްނުނެވެ. އެއްކުށުން އަނެއް ކުށަށް އަރައިގަންނަން ސުމާރެއް ނެތި އުޅުނު އިރު ވިސްނާ ފިކުރުކޮށްލަން ވަގުތުނުވި ކަންތައްތަކާމެދު ވިސްނެން ފެށިއެވެ. މިދުނިޔެ މަތީގައި ހޭދަކޮށްލަން މިލިބޭ އެންމެ ޙަޔާތް މާތް ރަސްކަލާނގެ ރުއްސަވާ މަގުން ހޭދަނުކުރެވި، ވަގުތީ އުފަލެއް ހޯދަން އުޅުމަކީ އަވާމެންދުރެއްކަން ވިސްނުނެވެ.

އަހަރެން ﷲއަށް ޚާލިޞްވެހުރެ ދުޢާކުރީމެވެ. “އޭ ﷲއެވެ! އަހަރެންގެ ޙަޔާތުން އަހަރެންނަށް ބޭނުންކުރެވުނު ނުބައި ގޮތް އަހަރެންނަށް ވިސްނިއްޖެއެވެ. މިއަޅާއަށް އިތުރު ފުރުޞަތެއް ދެއްވާށިއެވެ! މިއަޅާގެ އުޅުން ބަދަލުކުރާނަމެވެ. މިއަޅާ މިއަށްވުރެ ރަނގަޅު ގޮތަކަށް މިޙަޔާތް ހޭދަކުރާނަމެވެ. ހެޔޮ ކަންތައްތައް ކުރާނަމެވެ.”

ނަމަވެސް އަހަރެން އަނެއްކާވެސް ހިތަށް އެރިއެވެ. ރަނގަޅު ކަމަކަށް އަހަރެން ކުރާނީވެސް ކޮންކަމެއް ހެއްޔެވެ؟ އަހަރެންގެ ހަނދާނަށްއައީ ކުޑައިރުއްސުރެ މަންމަ އަހަރެން ގާތު ބުނާ ވާހަކައެވެ. މަންމަގެ އެދުމެވެ. ކާފަ ފަދައިން އަހަރެންނަކީވެސް ޤުރުއާން ހިތުދަސް ޙާފިޒަކަށްވުމެވެ. ޢާއިލާގެ އެންމެން ކާފަގެ މާތް އުޅުމާ ދުރުވެފައިވިޔަސް، ކާފަގެ ޛިކުރާ އާކުރާނެ ދަރިއަކަށް އަހަރެންވުމަށްއެދި މަންމަ ކުރި އާދޭހެވެ.

އަހަރެން ވަގުތުން ދުޢާކުރީމެވެ. “ޔާﷲއެވެ! މިއަޅާ މިޖަލުން ސަލާމަތްކުރައްވާ މިނިވަން ކުރައްވައިފިނަމަ، މިއަޅާ ގޮސް އިބަ އިލާހުގެ ފޮތްކަމުގައިވާ ޤުރުއާން ހިތުދަސްކުރާނަމެވެ.”

***

އަނެއްދުވަހުގެ ހެނދުނުގެ ވަގުތެވެ. ފަނޑިޔާރުކަލޭނގެ އަހަރެންގެ މައްޗަށް 3 ވަނަ ޙުކުމްކޮށް ޢުމުރަށް ޖަލަށްދާން ކުރާ ޙުކުމުކުރާން އަހަރެން ހުރީ ކޯޓަށް ޙާޟިރުކުރެވިފައެވެ. އެކޮޓަރީގެ ފަހަތު ގޮނޑިއެއްގައި ރޮއިލަރޮއިލާ އޭނީ އަހަރެންގެ މަންމައެވެ. ބައެއް ބޮޑުބޭބެމެންވެސް އެމީހުންގެ ދަރިންނާއެކު އައިސް ތިއްބެވެ. ފަނޑިޔާރުކަލޭގެ އަހަރެންގެ ކުށުގެ ރެކޯޑުތައްހުރި ފައިލް ހުޅުވައިގެން ކިޔަން އިނެވެ.

އިރުކޮޅަކުން އޭނާ އަހަރެންނާ ދިމާއަށް ބަލާލިއެވެ. އަދި ދެން އަހަރެންގެ މަންމައާ ދިމާއަށް ބަލާލިއެވެ. އަނެއްކާވެސް ފައިލަށް ބަލާލިއެވެ. އަހަރެންގެ މިނުވިސްނޭ ޅަޢުމުރުގައި ކުރެވުނު ކުށްތަކެއްގެ ސަބަބުން ޢުމުރަށް މިއުފުލަން ޖެހުނު ތަކުލީފާމެދު ޙަމްދަރުދީވަނީއޭވެސް ހިތަށް އަރައެވެ. ކުއްލިއަކަށް ފައިލު ލައްޕާލުމަށްފަހު ފަނޑިޔާރުކަލޭގެ ބުންޏެވެ. “ކޮޅަށް ތެދުވެބަލާށެވެ!” އަހަރެން ވަގުތުން ކޮޅަށް ތެދުވީމެވެ.

“މިވަގުތުން ވަގުތަށް ކަލޭ މިނިވަންކޮށް ދޫކޮށްލައިފިނަމަ، ކަލޭ ކުރާނީ ކޮންކަމެއް ހެއްޔެވެ؟”

ފަނޑިޔާރުކަލޭގެ ތީރެއްހެން ފޮނުވާލި ސުވާލަށް އަހަރެން ހިންދެމިލުމަށްފަހު ޖަވާބުދިނީމެވެ. “ތިސުވާލު ތިޔަކުރެއްވީ ވަރަށް މުނާސަބުކޮށެވެ. އަޅުގަނޑު ރޭގައި ހަމަމިސުވާލާމެދު ވިސްނާލީމެވެ. އަހަރެން މިހާރު އަހަރެންގެ ވިސްނުން ބަދަލުކޮށްފީމެވެ. ތައުބާވެއްޖައީމެވެ. އަހަރެންގެ ދިރިއުޅުން އަހަރެން ބަދަލުކުރާނަމެވެ. މިތަނުން ގޮސް އަހަރެން އަހަރެންގެ ދީން ކިޔަވާނީއެވެ. ﷲގެ ފޮތް ޤުރުއާން އަހަރެން ދަސްކުރާނަމެވެ. ރަނގަޅު މީހަކަށް ވެވޭތޯ އަހަރެން މަސައްކަތްކުރާނީއެވެ.”

ﷲގެ ކުޅަދުންވަންތަކަމެވެ. ފަނޑިޔާރުކަލޭގެ ވަގުތުން މިމައްސަލަ ނިންމީ އަހަރެންނަކީ މިނިވަނެއްކަމުގައި ނުކުމެގެން ދިޔުމަށެވެ. ﷲގެ ކުޅަދުންވަންތަކަމެވެ. އަހަރެންގެ މަންމަ އަނެއްކާވެސް ރޯންފެށިއެވެ. އުފަލުންކަމެއް، ވީ ޙައިރާނުންކަމެއް ނޭނގެއެވެ. މިހެން ކަންތައް ވެގެންދާނެކަމަށް ޤަބޫލުކުރާނީ ކާކު ހެއްޔެވެ؟

އަހަރެން ކޯޓުރޫމުން ނިކުމެ، މަންމައާ ބައްދަލުކޮށްފައި އެހީ އެންމެ ސުވާލެކެވެ. “މަންމާއެވެ! މަންމަ އަތުގައި މިވަގުތު ކިހާ ފައިސާއެއް އެބަހުރިތޯއެވެ؟”

މަންމަ ޕާސްނަގާފައި ސާޅީސް ކޮންމެވެސް ވަރެއްގެ ޑޮލަރުކޮޅެއް ދިއްކޮށްލިއެވެ. އެވަގުތު އެތާތިބި ބައެއް ބޮޑުބޭބެއިންވެސް އަހަރެންނަށް ދިން ލާރިކޮޅާއެކު ދުއިސައްތަ ވަރަކަށް ޑޮލަރު އަހަރެންގެ އަތަށް އެރިއެވެ. ވަގުތުން އެތަނުން ބޮޑުބޭބެއެއްގެ ކާރުގައި އަހަރެން އެންމެ ކައިރި ބަސްހުއްޓިއަކަށް ގެންގޮސްދިނުމަށް އެދުނީމެވެ. އެމީހުން އަހަރެންގެ އެދުން ފުއްދާދިނެވެ.
އެންމެ 200 ޑޮލަރު ހިފައިގެން އަހަރެން މިނުކުތީ އަހަރެންގެ ތައުބާވެފައިވާ ހަޔާތުގެ ދަތުރައިގެންނެވެ. އަހަރެން އެންމެ ފުރަތަމަ ދަތުރުކުރީ އެތަނާ އެންމެ ކައިރި އިސްލާމީ މަރުކަޒަކަށް ދިޔުމަށެވެ. އެތަނަށް ގޮސް ޤުރުއާން ހިތުދަސްކުރަން ދާންވީ ތަނެއް ބުނެދޭން އެދުމުން ދިނީ އެތަނާ 200 ވަރަކަށް މޭލު ދުރުގައި ހުންނަ ޤުރުއާން ދަސްކޮށްދޭ މަދަރުސާއެއްގެ އެޑްރެހެވެ. އެންމެ އަވަހަށް ލިބުނު ބަހުގައި އަހަރެން އެސިޓީއަށް ދަތުރުފެށީ އަތުގައި އެންމެ 200 ޑޮލަރު ނޫން އިތުރު އެއްވެސް އެއްޗެއް ނެތިއެވެ.

ޤުރުއާން ދަސްކޮށްދޭ ކުލާހަށް ދިޔުމުން އެތަނުން އޭނާއަށް މަރުޙަބާކިޔެވެ. ނަމަވެސް އޭނާއަށް ޖެހުނީ އަލިފުބާއިން ފަށާށެވެ. ނަމަވެސް ﷲގެ ފަޟްލުވަންތަ ކަމުން، އަލިފުބާއިން ފަށައިގެން، އެންމެ 8 މަސްދުވަސް ތެރޭގައި، އެއްކޮޅުން އަނެއްކޮޅަށް މުޅި ޤުރުއާން އޭނާ ހިތުދަސްކުރިއެވެ. ސުބްޙާނަﷲ! ޤުރުއާން ހިތުދަސް ޙާފިޒަކަށްވެ އޭނާގެ ވަޢުދު ފުއްދީއެވެ.

***

މިއަޚާގެ ވާހަކަ ދަރުހެއްގައި ބަޔާންކުރައްވަމުން އައްޝައިޚް ޢަބްދުއްނާޞިރު ޖަންގްޑާ ކިޔާދެއްވިއެވެ. “އެންމެ 8 މަހުން އޭނާ މުޅި ޤުރުއާން ހިތުދަސްކުރިއެވެ. އޭނާގެ ފަހަތުގައި އަހަރެން ނަމާދުކުރީމެވެ. އޭނާގެ ކިޔެވުން އަހަރެން އަޑުއެހީމެވެ. އެއީ ރިވެތި ކިޔެވުމެކެވެ. އޭނާއަށް އޭނާއެކިޔަވާ ޤުރުއާން އެނގެއެވެ. މިއަދު އޭނާއަކީ ފިރިއެކެވެ. އަދި ބައްޕައެކެވެ. އަދި އޭނާގެ ދަރިންގެ ވާހަކަ… އެކުދިން ތިބާއަށް ފެނިއްޖެ ނަމަ، އެކުދިންގެ އަދަބުވެރިކަމާއި ރިވެތި އުޅުން ތިބާ ދެކެފިނަމަ، ޢަޖާއިބުވާވަރުވާނެއެވެ. އެކުދިންނަކީވެސް ޤުރުއާން ހިތުދަސްކުދިންނަށް ހެދުމަށްޓަކާ މިއަދު އެމަސައްކަތްކުރަނީ ޚުދުއޭނާއެވެ. ޢަޖާއިބުވާފަދަ ކަންކަމެވެ. މީހުންގެ މާޟީއެވެ. އަދި ފަހުން ބަދަލުގެނެވިދާނެ ގޮތްތަކެވެ.”

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. މިއީ މިޒަމާނުގައި ހިނގާފައިވާ ޙަޤީޤީ ޙާދިޘާއެކެވެ. ވަކި ޢާއިލާއަކަށް ނިސްބަތްވުމަކުން މީހާ ގޯހެއްވެސް ނުވާނެއެވެ. ރަނގަޅެއްވެސް ނުވާނެއެވެ. އެއީ ތިމާ އަމިއްލައަށް އިޚްތިޔާރުކުރާ ގޮތެކެވެ. ތިމާގެ ޢަމަލުތަކުގެ ޒިންމާ ނަގާނީ ތިމާއެވެ. ތިމާގެ ދިރިއުޅުން އެއީ ތިމާގެ ޒިންމާއެކެވެ. އަދިވިސްނަވާށެވެ. އިޚްލާޞްތެރިކަމާއެކު ތައުބާވާ މީހާއަށް އަދިވެސް ފުރުޞަތު އެބައޮތެވެ. މިޙަޔާތަކީ ތިބާގެ ފުރުޞަތެވެ. ތައުބާ ލަސްނުކުރައްވާށެވެ!

0