ނަބީކަމައިގެން ފޮނުއްވުނުތާ 10 ވަނަ އަހަރެވެ. ރަސޫލާ ﷺ އިސްލާމީ ދައުވަތުގެ މަސައްކަތް މުރާލި ކަމާއިއެކު ކުރައްވަމުންގެންދަވާ. ރަސޫލާﷺ ގެ ހެޔޮ ނަސޭހަތްޕުޅު ތަކުގެ އަޑު މީސްތަކުންނަށް ފޯރިޔަނުދިނުމަށް ކާފަރުންނަށް ކުރެވުނު މަސައްކަތެއް ކުރަމުން ދިޔައެވެ. ރަސޫލާﷺ ގެ އަރިހަށް މީހަކު ދާހެން ހީވިޔަސް އެތަނަކަށް ގޮސް ހަޅޭފަޅޭ ލަވާ އަޑުގަދަ ކުރެއެވެ. މިގޮތައް ދައުވަތުގެ މަސައްކަތްޕުޅު ރަސޫލާ ﷺ ކުރައްވަމުންގެންދެވިއިރު މާތް ހިތްޕުޅު ފުރިފައި ވަނީ ހިތާމައިންނެވެ. އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން ޚަދީޖާرضي الله عنها އާއި އަބޫ ޠާލިބު ނިޔާވުމުން ލިބިވަޑައިގަތް ހިތާމައެވެ. އަބޫޠާލިބް އާއި ޚަދީޖާرضي الله عنها އަވަހާރަވުމާއި އެކު މައްކާގެ ކާފަރުންގެ އުނދަގޫތައް ވަނީ ހައްދުންނައްޓާފައެެވެ.
އަބޫތާލިބުގެފާނު އަވަހާރަވުމުން ވިއްސަކަށް ދުވަސްވަންދެން އަބޫލަހަބު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ހިމާޔަތްދިނެވެ. އެކަމަކު ކުފުރުވެރިކަމާއި ނޭންގާނީކަން އޭނާގެ މައްޗަށް ގަދަވެ ގަނެ، އެކަން ހުއްޓާލިއެވެ. މިހާހިސާބުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަޅެއްކަމުގައިވާ ޒައިދު ބިން ހާރިޘް ރަޟިޔަﷲ ޢަންހް އާ އެކީގައި ފައިމަގުގައި ތާއިފަށް ދިޔުމަށް ނިކުންނެވިއެވެ. ތާއިފްޚިޔާރުކުރެއްވީ އެއީ މައްކާއާއި އެންމެ ކައިރި ރަށް ކަމުގައިވުމުންނެވެ. ޒަމާނުއްސުރެ މި ދެރަށުގެ މީހުން އެއްބަޔަކު އަނެއްބަޔަކު ދެކެފަރިތައެވެ. ކައިރިކައިރީގައި ދެރަށްއޮތުމުން ދެރަށުގެ ދެމެދުގައި ވާދަވެރިކަންވެސް އޮތްމެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފައިމަގުގައި ނިކުންނެވީ ސަވާރީއެއްގައި ނުކުތްނަމަ ޤުރައިޝުންނަށް އެކަލޭގެފާނުގެ މަޤްސަދު އެނގި އެކަމަށް ހުރަސްއަޅާނެތީއެވެ. އެއީ ނަބީކަމާއިގެން ފޮނުއްވުނުތާ 10 ވަނައަހަރުގެ ޝައްވާލުމަހުގައެވެ. ތާއިފަކީ މައްކާއާއި 157 ކިލޯމީޓަރ ދުރުގައި އޮންނަ ފަރުބަދަމަތީ ރަށެކެވެ. ފައިމަގުގައި ތާއިފަށް ދިޔުމަށް އެންމެ މަދުވެގެންވެސް ދެ ދުވަސް ހޭދަވާނެއެވެ. ރިސާލަތު ފޯރުކޮށްދެއްވުމަށްޓަކައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އުފުއްލެވި ބުރަ ނިކަން ތަޞައްވަރު ކޮށްލައްވާށެވެ.
އޭރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ޒައިދުގެފާނުވަނީ ވަރަށް ބޮޑަށް ވަރުބަލިފުޅުވެވަޑައިގެންފައެވެ. ލިބިފައިވާ ހާނީއްކަތަކުގެ ސަބަބުން ދެބޭކަލުންގެ ގައިކޮޅުން ލޭ އޮހެރެނީއެވެ. އުފަންރަށުން ލިބޭ ހާނީއްކަތަކާއި ވޭނަށްވުރެވެސް ބޮޑު ވޭނެއްމިރަށުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ލިބިއްޖެއެވެ. މިފަދަ ދަނޑިވަޅެއް އަޅުގަނޑުމެންނަށް ކުރިމަތިވެއްޖެނަމަ ކުރެވޭނެ އިޙްސާސް ނިކަން ވިސްނާލައްވަވާށެވެ. ވަރުބަލިފުޅުވެވަޑައިގެންފައިވާލެއް ބޮޑުކަމުން އެހިސާބުގައިހުރި މޭބިސްކަދުރު ބަގީޗާއެއްގެ ހިޔަލުގައި އެ ދެބޭކަލުން އިށީނދެވަޑައިގަތެވެ. ކަންދިމާކުރިގޮތުން، މި ބަގީޗާއަކީ މައްކާގެ މުޝްރިކެއްކަމުގައިވާ ރަބީޢާގެ ދެދަރިންގެ ބަގީޗާއެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނިކަމެތި ހާލުކޮޅުފެނިފައި އެމީހުންގެ ހިތަށް ހަމްދަރުދީވަނެވެ. އަދި މޭބިސްކަދުރުކޮޅެއް ތަބަކަކަށްލާފައި އެމީހުންގެ ނަޞްރާނީ (ކުރިސްޓިއަން) ޚާދިމެއްކަމުގައިވާ ޢައްދާސް ފޮނުއްވިއެވެ. މޭބިސް ކަދުރުފަރިއްކުޅުއްވުމުގެ ކުރިން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބިސްމި ކިޔުއްވިއެވެ. މިކަންވީ ޢައްދާސް ވަރަށް ހައިރާން ކުރުވިކަމެއްކަމުގައެވެ. ޢައްދާސް ބުންޏެވެ. “މިއީ މިޢަރަބިކަރައިގެ މީހުން ބޭނުންނުކުރާ ޢިބާރާތެކެވެ.” ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢައްދާސްއާ ސުވާލުކުރެއްވިއެވެ. ”ތިބާއަކީ ކޮންރަށެއްގެ މީހެއްތޯއެވެ؟ އަދި ތިބާގެ ދީނަކީ ކޮބައިތޯއެވެ.؟” ޢައްދާސް ޖަވާބުދިނެވެ. ”ތިމަންނައަކީ ނައިނަވާގެ ނަޞްރާނީއެކެވެ.” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ. ”އެހެންވީމާ ތިބާއަކީ ޞާލިޙްއަޅާ ޔޫނުސް އިބްނި މައްތާގެ ރަށުގެމީހަކީމުތާއެވެ.” ޢައްދާސް ގެ ހައިރާންކަން ކުރިޔަށްވުރެ އިތުރުވިއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ޔޫނުސްގެފާނާއި ބެހޭގޮތުން އެނގެނީ ކޮން މަޢުލޫމާތެއްތޯ ސުވާލުކުރިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖަވާބުދެއްވެވިއެވެ.
((ذاك أخي، كان نبيًّا وأنا نبيٌّ))
”އެއީ ތިމަންކަލޭގެފާނުގެ އަޚެކެވެ. އެއީ ނަބިއްޔެކެވެ. އަދި ތިމަންކަލެގެފާނަކީވެސް ހަމައެފަދައިން ނަބިއްޔެކެވެ.”
އެހިނދު ޢައްދާސް އިސްލާމްވެ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިސްތަށިފުޅުގަޔާއި، އަތްޕުޅުގަޔާއި، އަދި ފައިންޕުޅުގައި ބޮސްދެއްވަންފެއްޓެވިއެވެ. މިގޮތަށް ކަންތައްކުރެއްވުމަށްފަހު، ޢައްދާސް އެނބުރި އޭނާގެ ސާހިބުން ކައިރިޔަށް ދިޔުމުން އެކަމާ ނުރުހުންފާޅުކޮށް އިސްލާމްވުމަށްވުރެ، ޢައްދާސް ކުރިން ހުރި ދީނުގައި ހުރުންވެސް މާރަނގަޅުވާނެކަމުގައި ބުންޏެވެ. ނަމަވެސް ޢައްދާސް ރަޟިޔަﷲ ޢަންހު އީމާންކަންމަތީ ސާބިތުވެހުންނެވިއެވެ.
ތާއިފްގެ ހާދިސާއާއި ބެހޭގޮތުން ޞަޙީހް ބުޚާރީގައި އައިސްފައިވާހަދީޘްގައި އިތުރަށްވެއެވެ.
”….(ޤަރްން-އަލްޘަޢާލިބުގައި) ތިމަންކަލޭގެފާނު އިސްއުފުލާލިއިރު ބޯމަތިން ތިމަންކަލެގެފާނަށް ހިޔާދޭ ވިލާގަނޑެއްފެނުނެވެ. އަދި ހަމަ އެވިލާގަނޑުގެ ތެރެއިން ތިމަން ކަލޭގެފާނަށް ޖިބްރީލްގެ ފާނު ފެނިވަޑައިގަތެވެ. ޖިބްރީލްގެފާނު ތިމަންކަލޭގެފާނަށް ގޮވާލެއްވިއެވެ.
ކަލޭގެފާނުގެ ޤައުމުގެމީހުން ކަލެގެފާނަށް ދެއްވި ޖަވާބު ﷲ އައްސަވާވޮޑިގެންފިއެވެ. އަދި މާތް ﷲ ފަރުބަދަތަކުގެ މަލާއިކަތާ ފޮނުއްވައިފިއެވެ. ކަލޭގެފާނު އެދިލައްވައިފިނަމަ، އަލްއަޚްޝަބައިނިއޭކިޔުނު ދެފަރުބަދަ އެމީހުންގެ މައްޗަށް ކުނޑިކުނޑިކޮށްލައްވާނެއެވެ.”
އެހިނދު ރަޙްމަތުގެ ނަބިއްޔާދެއްވެވި ޖަވާބު އަދި އަދަށްދާންދެންވެސް އެކި ޖަލްސާތަކުގައި ތަކުރާރުކުރެވެމުންދެއެވެ.
((بل أرجو أن يُخْرِج الله من أصلابهم مَن يعبد الله وحده لا يُشرك به شيئًا))
”ނޫނެކެވެ. ތިމަންކަލޭގެފާނު އުއްމީދުކުރައްވަނީ އެމީހުންނަށް ލިބޭ ދަރިން ﷲ އެއްކައުވަންތަކޮށް، އެހެންފަރާތެއް ބައިވެރިކުރުމެއްނެތި އަޅުކަންކުރާނެކަމުގައެވެ.”
ވިސްނާލައްވާށެވެ. އެހާ އިހާނެތިކޮށް އެކަލޭގެފާނާއިމެދު ކަންތައްކުރެވުމުންވެސް، އެކަލޭގެފާނުއެމީހުންނާއިމެދު އިސްކުރެއްވީ އޯގާވެރިކަމެވެ. މި އޯގާވެރިކަމުގެ ނަތީޖާއަކީ ތައުހީދުގެ މަތީގައި ﷲ އަށް އަޅުކަންކުރާ އެތައް ޖީލެއް އޭގެފަހުން އެމީހުންގެ ދަރިފަސްކޮޅުން އަދިވެސް އަންނަމުންދިޔުމެވެ.
މި ބަގީޗާއިން ނުކުމެ ވަޑައިގެން ދެން ރަސޫލާ ﷺ ވަޑައިގަތީ ވާދީ ނަޚްލާއަށެވެ. އެތަނުގައި ދަމުނަމާދުކުރެއްވި ރެއެއްގައި މާތް ﷲ سبحانه و تعالى ނަބިއްޔާ ﷺ ގެ އަރިހަށް ޖިންނީންގެ ޖަމާޢަތެއް ފޮނުއްވިއެވެ. މި ޖިންނީންގެ ވަފުދުވެސް އިސްލާމްވިއެވެ. މިކަން ބަޔާންކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِّنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا حَضَرُوهُ قَالُوا أَنصِتُوا ۖ فَلَمَّا قُضِيَ وَلَّوْا إِلَىٰ قَوْمِهِم مُّنذِرِينَ (29)
ތިމަންރަސްކަލާނގެ ޖިންނީންގެ ތެރެއިންބަޔަކު، ޤުރުއާނުގެ ގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެއުރެން، އެކަލޭގެފާނުގެ އަރިހަށް ޙާޟިރުވިހިނދު (އެކަކު އަނެކަކަށް) ބުނޫއެވެ. ތިޔަބައިމީހުން ކަނުލައި އަހައިބަލާށެވެ! ދެންފަހެ ކިޔަވައިވިދާޅުވެ ނިމުމުން އެއުރެން، އެއުރެންގެ ޤައުމުގެމީހުންގެ ގާތަށް އިންޛާރުކުރާ ބަޔެއްގެގޮތުގައި އެނބުރި ހިނގައްޖައޫއެވެ.
ޠާއިފުގެ ހާދިސާ އަކީ ސީރަތުގެ މުހިއްމު ބާބެކެވެ. ރަސޫލާ ﷺ ގެ ސީރަތު މުޠާލިޢާކޮށްފި ކޮންމެ މީހަކަށް އެނގި ޔަޤީންވާނެކަމަކީ އެކަލޭގެފާނަކީ އިންސާނީ ތާރީޚު ދުށް އެންމެ މަތިވެރި ޝަޚްސިއްޔަތު ކަމެވެ.