އަޚްލާޤު
ޢީސާ عليه السلام ފައިބާވަޑައިގަތުން

ޢީސާ عليه السلام ގެ ޒަމާނުގައި އެކަލޭގެފާނު ޤަތުލުކޮށްލުމަށް ބަޔަކު މަސައްކަތްކުރަމުން ދަނިކޮށް ﷲ ތަޢާލާވަނީ އެކަލޭގެފާނު އުޑަށް އުފުއްލަވާފައެވެ. އެކަލޭގެފާނު ފައިބައިވަޑައިގަންނަވާނީ ދައްޖާލު ފާޅުވެ، ބިން ފަސާދަވެ، ޤިޔާމަތް ގާތްވެފައިވަނިކޮށެވެ. މިއީ އަދި ހިނގާފައިވާ ކަމެއް ނޫނެވެ. އެކަލޭގެފާނު ފައިބައިވަޑައިގަންނަވާނީ ދެމަލާއިކަތް ބޭކަލުންގެ ފިޔަފުޅުގައި ދެއަތްޕުޅު ބާއްވަވައިގެން ދިމިޝްޤުގެ ހުދު މުންނާރު ކައިރިއަށެވެ. އިބްނު ކަޘީރު ވިދާޅުވެފައިވަނީ ހިޖުރައިން ހަތްސަތޭކަ ސާޅީސް އެއްވަނަ އަހަރު، އެކަލޭގެފާނުގެ ޒަމާނުގައި އެތަނުގައި ހުރި މުންނާރެއް މުސްލިމުން އާކުރި އިރު ހުދުހިލައިން ހަދާފައިވާ ކަމަށެވެ.

 

ޢީސާ عليه السلام އަކީ ހަމުގެ ކުލަ ރަތް، އިސްކޮޅުގައި މެދުމިން، ބައިމަތި ފުޅާ، އިސްތަށިފުޅު ދިގު ބޭކަލެކެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު ފެންނައިރު ތެތްކަމެއް ހުންނަހެން ހީވާނެއެވެ.

 

އެކަލޭގެފާނު ފައިބައިވަޑައިގަންނަވާނީ ފަހު ޒަމާނުގައި ޙައްޤުގެ މަތީގައި ހަނގުރާމަކުރަމުންދާ ޖަމާޢަތުގެ ކައިރިއަށެވެ. އޭރު އެބައިމީހުން ތިބޭނީ ދައްޖާލާ ހަނގުރާމަކުރަން ޖަމާވެގެންނެވެ. ދެން އެބައިމީހުން ފަލަސްޠީނުގެ ބާބު ލުއްދާ ދިމާލަށް ދާނެއެވެ. އެތަނުން ދައްޖާލާ އަރާ ހަމަކޮށް ޢީސާ عليه السلام އޭނާ ޤަތުލުކުރައްވާނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

 

 

 

«وَالَّذِي نَفْسِي بِيَدِهِ، لَيُوشِكَنَّ أَنْ يَنْزِلَ فِيكُمْ ابْنُ مَرْيَمَ صَلَّى اللهُ عَلَيْهِ وَسَلَّمَ حَكَمًا مُقْسِطًا، فَيَكْسِرَ الصَّلِيبَ، وَيَقْتُلَ الْخِنْزِيرَ، وَيَضَعَ الْجِزْيَةَ، وَيَفِيضُ الْمَالُ حَتَّى لَا يَقْبَلَهُ أَحَدٌ» [متفق عليه]

 

މާނައީ: “ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ޙަދީޘްކުރައްވަމެވެ. ޢަދުލުވެރި ޙާކިމެއްގެ ގޮތުގައި މަރްޔަމްގެފާނުގެ ދަރިކަލުން (ޢީސާގެފާނު) ތިޔަބައިމީހުންގެ ގާތަށް ފައިބައިވަޑައިގަތުން ގާތްވެއްޖެއެވެ. ފަހެ އެކަލޭގެފާނު ޞަލީބު ހަލާކުކުރައްވާނެއެވެ. އަދި އޫރުތައް މަރާނެއެވެ. އަދި ޖިޒްޔަ މާފުކުރާނެވެ. (އެބަހީ: ޖިޒުޔަދިނުމުގެ މުއްދަތަކީ އެކަލޭގެފާނު ފައިބައިވަޑައިގެންފުމަށް ދާންދެނެވެ.) އަދި މުދާ އިތުރުވެގެން އެކަކުވެސް މުދާ ޤަބޫލުނުކުރާނެ ވަރަށް މުދާ އިތުރުވާނެއެވެ.”

 

 

 

ޢީސާ عليه السلام ފައިބައިވަޑައިގަންނަވާނެކަން ބަޔާންކުރައްވާފައިވާ ޙަދީޘްތައް ވަރަށް ގިނައެވެ. އަދި އިބްނު ޖަރީރާއި އިބްނު ކަޘީރު ވިދާޅުވެފައިވަނީ އެ ޙަދީޘްތައް މުތަވާތިރު ދަރަޖައަށް ފޯރާކަމަށެވެ. އެހެންކަމުން މިއީ އެއްވެސް ޝައްކެތް ނެތް މިންވަރަށް ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެ އަރިހުގައި ޘާބިތުވެފައިވާ ކަމެކެވެ.

 

ފަހު ޒަމާނުގައި އެކަލޭގެފާނު ފައިބައިވަޑައިގަތުމުގެ ޙިކުމަތުގެ ތެރޭގައި: އެކަލޭގެފާނު ޤަތުލުކުރިކަމަށް ބުނާ ޔަހޫދީންނަށް ރައްދުދެއްވުމާއި އެކަލޭގެފާނުގެ އަޖަލު ގާތްވުމުން ބިމުގައި ފަސްދާނު ލެވުމަށްޓަކައި ބިމަށް ފައިބައިވަޑައިގެންނެވުމާ އަދި އެކަލޭގެފާނާ ބެހޭގޮތުން ނަޞާރާއިން ދައްކާ ބާޠިލު ވާހަކަތައް ދޮގުކުރުން ހިމެނެއެވެ. އަދި އެކަލޭގެފާނު ބިމަށް ފައިބައިވަޑައިގެންނެވުމަށް ފަހު ޙުކުމްކުރައްވާނީ މުޙައްމަދު صلى الله عليه وسلم ގެ ޝަރީޢަތަށެވެ.

 

އެކަލޭގެފާނު ދުނިޔޭގައި އުޅުއްވާ ދުވަސްވަރަކީ ބަރަކާތްތެރި ދުވަސްވަރަކަށް ވެގެންދާނެއެވެ. އަދި ބިމުން މޭވާތައް ލިބި، މުދާ އިތުރުވެ، މީސްތަކުންގެ މެދުގައިވާ ރުޅިވެރިކަމާއި ޙަސަދަވެރިކަން ނެތިގެންދާނެއެވެ.

 

އެކަލޭގެފާނު ދުނިޔެއަށް ފައިބާވަޑައިގެންނެވުމަށް ފަހު އަވަހާރަވާނީ ހަތް އަހަރު އުޅުއްވުމަށް ފަހުގައެވެ. [1]

 

[1] ބައްލަވާ: البداية والنهاية لابن كثير (19 / 231).

 

މަސްދަރު: ދިސަލަފިއްޔާ

3