ދީން
އެންމެ މާތް ތިން މިސްކިތް

الحمد لله

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާވެގެން އައިސްފައިވާ ޞައްޙަ ޙަދީޘްތަކުން ދަލީލް ލިބޭގޮތުގައި ބިންމަތީގައިވާ ﷲ ތަޢާލާގެ ގެކޮޅުތައް ނުވަތަ މިސްކިތްތަކުގެ ތެރެއިން އެއްމެ މާތް 3 މިސްކިތަކަކީ މަސްޖިދުލް ޙަރާމް އާއި މަސްޖިދުއްނަބަވީ އާއި މަސްޖިދުލް އަޤްޞާއެވެ.

އަބޫޛައްރު ރަޟިޔަﷲ ޢަހު ވިދާޅުވިއެވެ. (( ތިމަން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެންމެ ފުރަތަމަ ބިންމަތީގައި އެޅުނު މިސްކިތަކީ ކޮބާހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” މަސްޖިދުލް ޙަރާމް އެވެ. ” . ތިމަން ދެންނެވީމެވެ. ދެން ކޮންމިސްކިތެއް ހެއްޔެވެ؟ އެކެލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” މަސްޖިދުލް އަޤްޞާއެވެ. ” . ތިމަން ދެންނެވީމެވެ. އެ ދެމެދުގައި ވީ ކިހާ މުއްދަތެއްހެއްޔެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” ސާޅީސް އަހަރެވެ. ” … )) – رواه البخاري و مسلم –

މި ތިން މިސްކިތުގައި ކުރެވޭ ނަމާދުގެ މަތިވެރިކަމާއި ބެހޭގޮތުން ޖާބިރު ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (( މަސްޖިދްލް ޙަރާމް ފިޔަވައި އެހެން މިސްކިތްތަކުގައި ކުރާ އެއްހާސް ނަމާދައްވުރެ ތިމަންކަލޭގެފާނުގެ މިސްކިތުގައި ކުރާ އެންމެ ނަމާދެއް މާ ހެޔޮވެގެން ވެއެވެ. އަދި މަސްޖިދުލް ޙަރާމްގައި ކުރާ އެންމެ ނަމާދެއް ، އެނޫން މިސްކިތެއްގައި ކުރެވޭ އެއްލައްކަ ނަމާދަށްވުރެ މާ ހެޔޮކަން ބޮޑުވެގެން ވެއެވެ. )) – صححه الألباني في صحيح ابن ماجه –

އަދި އަލްއިމާމް ޙާކިމް ރިވާކުރައްވައި ޞައްޙަކުރައްފައިވާ އެެހެން ރިވާޔަތަކުން ދަލީލް ލިބޭގޮތުގައި މަސްޖިލް އަޤްޞާގައި ކުރެވޭނަމާދުގެ ޘަވާބު 250 ގުނައަށް އިތުރުވެގެން ވެއެވެ. އަދި އަލްއިމާމް އައްޒަހަބީ އާއި އަލްއިމާމް އަލްބާނީ ރަޙިމަހުމުﷲ ވެސް މި ރިވާޔަތް ޞައްޙަކުރައްވާފައިވެއެވެ.

ބައިތުލް މަޤްދިސްގައި ކުރެވޭ އެންމެ ނަމާދެއް ފައްސަތޭކަ ނަމާދާއި އެއްވަރުވެގެންވާކަމަށް މަޝްހޫރުވެފައި އޮންނަ ރިވާޔަތް، ” تمام المنة ” ގައި އަލްއިމާމް އަލްބާނީ ރަޙިމަހުﷲ ޟަޢީފްކުރައްވާފައިވެއެވެ.

އަދި މި ތިން މިސްކިތުގެ މާތްކަމާއި ބެހޭގޮތުން އައިސްފައިވާ އެހެން ރިވާޔަތެއްގައި ވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވަކުރައްވާފަވެއެވެ. (( ތިން މިސްކިތަކަށް ފިޔަވައި ދަތުރު ހަދާފައި ނުދާށެވެ. އެއީ ތިމަންކަލޭގެފާނުގެ މި މިސްކިތްކޮޅާއި، މަސްޖިދުލް ޙަރާމްއާއި މަސްޖިދުލް އަޤްޞާއެވެ. )) – متفق عليه –

މި ޙަދީޘްގެ މުރާދު ކަމުގައި ޢިލްމުވެރިން ވިދާޅުވަނީ، މި ތިން މިސްކިތް ނޫން އެހެން މިސްކިތްތަކަށް ދަތުރުހަދާފައި ދިޔުން މަނާވަނީ، އެ މިސްކިއްތަކުގެ މާތް ކަމަށްޓަކައި ނުވަތަ އެމިސްކިތުން މާތްކަމެއް ޙާޞިލްވެދާނެ ކަމަށްޓަކައި ދަތުރު ހަދާފައި ދާނަމައެވެ. ނަމަވެސް ޢިލްމު އުނގެނުމަށްޓައި ނުވަތަ އުނގަންނައި ދިނުންފަދަ، އަޚަކަށް ޒިޔާރަތްކުރުންފަދަ އެހެން މަޤުޞަދަަކަށްޓަކައި ދާ ދިޔުން ހުއްދަ ވާނެކަމުގައެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އެ ތިން މިސްކިތް ނޫން އެހެން މިސްކިތްތަކަށް، އެތަންތަނުގެ ޒާތުން އިތުރު މާތްކަމެއް ޙާސިލްވެދާނެކަމަށް، ދަތުރު ހަދާފައި ނުދިޔުމަށް އައިސްފައި އޮތުމުން، އެނޫން ތަންތަނަށް ނުވަތަ ބިންބިމަށް ( ނަބީބޭކަލުންގެ އެކި އެކި މަޤާމުތަކަށް އަދި ޤަބުރުތަކަށް ) އެތަންތަނުގެ ޒާތުން އިތުރު މާތްކަމެއް ޙާސިލްވެދާނެކަމަށް ދިޔުންު ޝަރުޢުވެގެން ނުވުން މާ އައުލާވެގެން ވެއެވެ. އެހެނީ ބިންމަތީގައިވާ އެންމެ މާތް ބިންތަކަކީ މިސްކިތްތަކެވެ.

13