ނަޞޭޙަތާއި އިރުޝާދު
ޒައްރެއްގެ މިންވަރުގެ ހެޔޮކަމެއް: އަސްލު ޒައްރަކީ ކިހާ ވަރެއް؟

ހެޔޮކަމުގެ ތެރެއިން ކިތަންމެ ކުޑަ ވިންވަރެއްގެ ޢަމަލެއް ކުރި ކަމުގައި ވިޔަސް އެ ޢަމަލަކަށް މާތް ﷲ ޖަޒާ ދެއްވާނެކަން ވަނީ ބަޔާންކުރައްވާފައެވެ. އެންމެ ކުޑަ މިންވަރު ބަޔާންކޮށްދެއްވުމުގެ ގޮތުން ނުވަތަ ތަފްސީލުކޮށްދެއްވުމުގެ ގޮތުން އެކަލާނގެ ވަނީ އަހަރެމެން ދަންނަ ތަކެތިން ޤުރްއާނުގައި މިސާލު ޖައްސަވާފައެވެ. އެ ގޮތުން ޒައްރެއްގެ މިންވަރުގެ ހެޔޮކަމަކަށް ވެސް ޖަޒާ ދެއްވާނެކަން ބަޔާންކުރައްވާފައިވެއެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ﴾ ]الزلزلة: 7[ މާނައީ: “ފަހެ، ޒައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.”

ޒައްރަކީ ކޮބައި ހެއްޔެވެ؟ ދިވެހި ބަހުގެ ރަދީފުގައި ޒައްރަކީ “ވައިގެ ތެރޭގައި އުދުހޭ ކުދިކުދި އެތިއެތި ކޮޅު”އެވެ. އަހަރެމެން އެންމެ ކުރިއްސުރެ އަޑު އަހާގޮތުގައި، އަނދިރިކޮށް އޮންނަ ތަނަކަށް އިރުގެ އަލި އެޅުމުން އެ ދޯދީގެ ތެރޭގައި އުދުހޭ ކުނޑި ކޮޅުކޮޅު އެއީ ޒައްރެވެ. އަދި އިނގިރޭސި ބަހުން މިކިޔަނީ “އެޓޮމް” އެވެ.

ތަފްސީރު އިބްނި ކަޘީރާއި އައްޠަބަރީގައި ދެ ބޭކަލުން ވެސް މި އާޔަތުގެ ތަފްސީރުގައި “ޒައްރު” މި ބަސް ތަފްސީރު ކުރައްވަމުން ޢިލްމުވެރިންގެ ބަސްފުޅު ނަޤުލުކުރައްވާ ގެންނަވާފައިވެއެވެ. ޒައްރަކީ އޭގައި އެއްވެސް ބަރުދަނެއް ނުވާ ކުދި ރަތް ހިންޏެވެ.

އެހެންކަމުން ހެޔޮކަމުގެ ތެރެއިން ކިތަންމެ ކުޑަ މިންވަރަކީ ވެސް މީޒާނުގައި އެ އެއްޗެއްގެ ބަރުދަން ކިރޭނެ އެއްޗެކެވެ. އެއީ އަހަރެމެން އިންސާނުންނަށް ކައްޓާއަކުން ނުކިރޭ ކުދިކުދި އެއްޗެއްގެ މިންވަރުގެ ޢަމަލު ކަމުގައި ވިޔަސް މެއެވެ. ނުވަތަ އެ ޢަމަލެއްގެ ކުޑަ ކަމުން ލަދުގަންނަ ނުވަތަ ހިނި އަންނަ ވަރުގެ ކުދިކުދި ޢަމަލު ކަމުގައި ވިޔަސް މެއެވެ. ޞަޙާބީން ވަނީ މިކަމުގައި އަހަރެމެންނަށް ނަމޫނާ ދައްކަވާ ދެއްވާފައެވެ.

އިމާމް މާލިކު ރިވާކުރައްވާފައިވެއެވެ. ޢާއިޝާ رضي الله عنها ގެ އަތްޕުޅުގައި މޭބިސްކަދުރު ތަކެއް ވަނިކޮށް މިސްކީނެއް ކާއެއްޗަކަށް އެދި އެކަމަނާގެ އަރިހަށް އައެވެ. އޭގެން މޭބިސްކަދުރު އޮށެއް އެމީހާއަށް ދިނުމަށް އެކަމަނާ މީހެއްގެ ގާތުގައި ވިދާޅުވިއެވެ. އެމީހަކު އެކަމާ އަޖައިބު ވިއެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. “ތިބާ އަޖައިބުވީ ހެއްޔެވެ؟ މި އޮށުގެ ބުރަދަނުގައި ޒައްރެއްގެ މިންވަރު ކިހާވަރަކަށް ވާނެކަމަށް ތިބާއަށް ފެނޭ ހެއްޔެވެ؟”

ޢަބްދުއް ރަޙްމާން ބުން ޢައުފްގެ އަތްޕުޅުގައި މޭބިސް ކަދުރު އަޅާފައިވާ ތައްޓެއް ވަނިކޮށް މީހަކު އެ ކަލޭގެފާނުގެ އަރިހަށް އެއްޗަކަށް އެދި (ސަލާންޖަހަން) އައެވެ. ދެން އޭގެން (މޭބިސްކަދުރު އެތިން) އެއް މޭބިސް ކަދުރު އޮށް އޭނާއަށް އެކަލޭގެފާނު ދެއްވިއެވެ. ދެން އޭނާއަށް ބުނެވުނެވެ. “އޭގައި ބަރުވެގެންވާ ބައިވަރު ޒައްރުތަކެއް ވެއެވެ.”

ސަޢުދު ބުން އަބީ ވައްޤާޞްގެ އަތްޕުޅުގައި ކަދުރު އަޅާފައިވާ ތައްޓެއް ވަނިކޮށް މީހަކު އެ ކަލޭގެފާނުގެ އަރިހަށް އެއްޗަކަށް އެދި (ސަލާންޖަހަން) އައެވެ. ދެން އޭގެން ކަދުރު އޮށެއް އޭނާއަށް ދިނެވެ. ދެން އޭނާގެ އަތުގައި ހިއްޕަވާފައި ވިދާޅުވިއެވެ. “މީގައި ޒައްރެއްގެ މިންވަރު ކިހާވަރަކަށް އެކުލެވިގެން ވާނެހެއްޔެވެ؟”

މިއީ ޞަޙާބީން އުންމަތަށް ދޫކޮށްދެއްވާފައިވާ ތަރުބަވީ މަތިވެރި މިސާލުތަކެކެވެ. ހެޔޮކަމެއް އެއީ އޭގެ ޒާތުގައި ކިތަންމެ ކުޑަ ކަމެއް ކަމުގައި ވިޔަސް އެ ބޭކަލުން އެއީ ކުޑަ ކަމެއް ކަމަކަށް ދެކި ނުލައްވައެވެ. ފަހަރުގައި މިފަދަ ކުޑަ ޢަމަލެއް މީހަކު ކުރުމުން، އެ ކަން ކުޑަވުމުގެ ސަބަބުން މީހަކަށް މަލާމާތް ކުރެވިދާނެއެވެ. ނަމަވެސް ކުރިން މި ދެންނެވި ފަދައިން ޞަޙާބީންގެ ތަރުބިއްޔަތަކީ ހެޔޮކަމުގެ މީޒާނުގައި މާތް ﷲ ކިތަންމެ ކުޑަ ކަމެއް ވިޔަސް ކިރުއްވާނެކަން ދަނެގެން ހެޔޮ ޢަމަލު ކުރުމެވެ. ނުބައި ޢަމަލު ވެސް ހަމަ މިފަދަ އެވެ.

24