ނަޞޭޙަތާއި އިރުޝާދު
މަސްޖިދުއް ނަބަވީގައި ކުނިކަހަން އުޅުނު ޞަޙާބިއްޔާ އަވަހާރަވި ހިނދު

އުއްމު މިޙްޖަން ނުވަތަ އުއްމު މިހްޖަނާ ނަމަކަށް ކިޔާ އަންހެން ޞަޙާބިއްޔާއެއް ނަބިއްޔާ ﷺ ގެ މިސްކިތް ފޮޅާ ސާފުކުރަން އުޅުއްވިއެވެ. ޢިލްމުވެރިންގެ މެދުގައި މިއީ އަންހެނެއްތޯ ނުވަތަ ފިރިހެނެއްތޯ ވަނީ ޚިޔާލުތަފާތުވެފައެވެ. އެއީ ބައެއް ރިވާޔަތްތަކުގައި އަންހެނެއްކަމަށް އަދި އަނެއްބައި ރިވާޔަތްތަކުގައި ފިރިހެނެއްކަމަށް އައިސްފައިވާތީއެވެ. ނަމަވެސް  އަންހެނެއްކަމަށް އައިސްފައިވާ ރިވާޔަތްތައް ގިނަވުމުގެ ސަބަބުން ޢިލްމުވެރިން މި ވާހަކަ ޒިކުރު ކުރައްވާ އިރު އެއީ އަންހެނެއްކަމަށް ވިދާޅުވެއެވެ.

عَنْ أَبِي هُرَيْرَةَ – رضى الله عنه – أَنَّ امْرَأَةً سَوْدَاءَ كَانَتْ تَقُمُّ الْمَسْجِدَ أَوْ شَابٌّ فَفَقَدَهَا رَسُولُ اللَّهِ ﷺ فَسَأَلَ عَنْهَا أَوْ عَنْهُ فَقَالُوا: مَاتَ. قَالَ: « أَفَلَا كُنْتُمْ آذَنْتُمُونِي؟ » قَالَ: فَكَأَنَّهُمْ صَغَّرُوا أَمْرَهَا أَوْ أَمْرَهُ. فَقَالَ: « دُلُّونِي على قَبْرِهِ » فَدَلُّوهُ، فَصَلَّى عَلَيْهَا. قَالَ: « إِنَّ هَذِهِ الْقُبُورَ مَمْلُوءَةٌ ظُلْمَةً عَلَى أَهْلِهَا وَإِنَّ اللَّهَ يُنَوِّرُهَا لَهُمْ بِصَلَاتِي عَلَيْهِمْ » ‏ ‏(‏‏(‏متفق عليه‏)‏‏)

أَبِي هُرَيْرَةَ رضى الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން، ކަޅު އަންހެނަކު، ނަބިއްޔާ ﷺ ގެ މިސްކިތް ސާފުކޮށް އުޅުނެވެ. ނުވަތަ އެ ކަލޭގެފާނު ވިދާޅުވީ، ޒުވާން ފިރިހެނަކު ކަމުގައެވެ. ފަހެ، ރަސޫލާ ﷺ އޭނާ އަށް އެ އަންހެނާ، ނުވަތަ އެ ޒުވާނާ (ފެނިވަޑައިނުގަންނަވާތީ) އަޞްޙާބުބޭކަލުންނާ ސުވާލުކުރެއްވިއެވެ. އެބޭކަލުން ދެންނެވޫއެވެ. އޭނާ ނިޔާވެއްޖެއެވެ. ޙަދީޘްކުރެއްވިއެވެ. “(އޭނާ ނިޔާވުމުން) ތިޔަބޭކަލުން ތިމަންކަލޭގެފާނަށް އެކަން ނޭނގެވީ ކީއްވެތޯއެވެ؟” ފަހެ، އެ ބޭކަލުން، އެ ކަނބުލޭގެ ނުވަތަ އެ ޒުވާނާއަށް އެހައި ޚާއްޞަކަމެއް ނުދެއްވީ ކަމަށް އެ ކަލޭގެފާނު ދެކެވަޑައިގަތެވެ. ފަހެ، އެ ކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނަށް އޭނާގެ މަހާނަ ތިޔަބޭކަލުން ދައްކަވާށެވެ”! ފަހެ، އެ ބޭކަލުން، އެ ކަލޭގެފާނަށް އޭނާގެ މަހާނަ ދެއްކެވިއެވެ. ފަހެ، އެ ކަލޭގެފާނު އޭނާގެ މައްޗަށް ނަމާދުކުރެއްވިއެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ޤަބުރުތަކަކީ، އެތާނގެ އަހުލުވެރިންނަށް އަނދިރިކަން ބޮޑުވެގެންވާ ތަނެކެވެ. ހަމަކަށަވަރުން، އެބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނުގެ ނަމާދުކުރެއްވުމުގެ ނަމާދުކުރެއްވުމުގެ ސަބަބުން މާތް ﷲ އެބައިމީހުންނަށް އަލިކަން ލައްވާހުއްޓެވެ.”

މި ޙަދީޘްފުޅުން އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ފިލާވަޅަކީ ހެޔޮކަމެއް އެއީ އޭގެ ޒާތުގައި ކިތަންމެ ކުޑަ ކަމެއް ވިޔަސް ހެޔޮކަމުގެ ތިލަފަތުގައި އެ ކަން ކުޑަވެދާނެކަމަށް ހީކޮށްގެން ނުވާނެކަމެވެ. އެހެނީ ޞަޙާބީންނަށް އެ ޞަޙާބިއްޔާގެ ހެޔޮޢަމަލު ވަޒަން ނުކުރެވުނު ކަމުގައި ވިޔަސް ރަސޫލާ ﷺ އެކަން ފާހަގަކުރައްވާ ވަޒަންކުރެއްވިއެވެ. އެއީ، އެންމެ ފުރަތަމަކަމަކަށް ރަސޫލާ ﷺ އަށް ވަނީ އެ ކަމަނާ ފާހަގަ ކުރެވިފައެވެ. އަދި ފެނިވަޑައިނުގަންނަވާތީ އެކަމާ ޞަޙާބީނާ ސުވާލުކުރެއްވިއެވެ. އަދި ޤަބުރުފުޅު ހޯދަވާ އެތަނަށް ވަޑައިގެން ބައެއް ޞަޙާބީންނާއެކު އެކަމަނާގެ މައްޗަށް ކަށުނަމާދު ކުރެއްވިއެވެ. ރަސޫލާ ﷺ ގެ މި ޢަމަލުފުޅުތަކުން ވެސް އެ ކަމަނާއަށް ދެއްވި ޙާއްޞަ ޤަދަރު އެނގިގެންދެއެވެ.

އަލް ޙާފިޡް އިބްނު ޙަޖަރު ފަތުޙުލް ބާރީގައި މި ޙަދީޘުން ލިބޭ ފައިދާތައް ބަޔާންކުރައްވާފައިވެއެވެ.

  • މިސްކިތް ސާފުކުރުމުގެ މާތްކަން
  • އެ މީހެއްގެ ރަޙުމަތްތެރިޔަކު ނުވަތަ ޚާދިމެއްވިއަސް ނުފެނި ގިނަދުވަސްވުމުން، އެ މީހަކު ކޮބައިތޯ އޮޅުންފިލުވުމަކީ ކުރަންޖެހޭނެ ކަމެއްކަން
  • އެބައިމީހުންނަށް ހެޔޮދުޢާކޮށްދިނުމާއި، ހެޔޮލަފާ މީހުންގެ ޖަނާޒާގައި ބައިވެރިވުމަށް ހިތްވަރުދެއްވުން
  • އެމީހެއްގެ މައްޗަށް ތިމާ ކަށުނަމާދު ކޮށްފައިނުވާ މައްޔިތެއްގެ ޤަބުރުކައިރީގައި ކަށުނަމާދުކުރުން ހުއްދަކަން
  • މީހަކު މަރުވުމުން އެކަން މީސްތަކުންނަށް އެންގުމަކީ އެދެވިގެންވާ ކަމެއްކަން

 

އެހެނިހެން ބައެއް ރިވާޔަތްތަކުގައި ވާގޮތުން ޞަޙާބީން ރަސޫލާ ﷺ އަށް އެކަން ނޭންގެވީ އެ ޞަޙާބިއްޔާ އަވަހާރަވީ ރޭގަނޑެއްގައި ކަމަށްވުމުން، ރަސޫލާ ﷺ އަށް އުނދަގޫފުޅު ވެދާނެކަމަށްޓަކައެވެ.

އަދި ޝައިޚް އިބްނު ޢުޘައިމީން ވެސް މި ޙަދީޘްގެ ބައެއް ފައިދާތައް ޒިކުރު ކުރައްވާފައިވެއެވެ.

  • ނަބިއްޔާ ﷺ މީސްތަކުންނާމެދު މާތްކޮށް ހިއްތަވަނީ އެމީހެއްގެ ޢަމަލުތައް ހުންނަގޮތެއްގެ މައްޗަށްކަން
  • އަންހެނުންނަށް މިސްކިތް ފޮޅާ ސާފުކުރުމަކީ ހުއްދަކަމެއް ކަމާއި އެކަމަށް އަޖުރު ވެސް ލިބޭނެކަން
  • އެމީހެއްގެ މައްޗަށް ކަށުނަމާދު ކުރެވުމަކާ ނުލާ ވަޅުލެވިފައިވާ މީހާގެ މައްޗަށް ކަށުނަމާދު ކުރުން ހުއްދަކަން
  • އުންމަތުގެ މައްޗަށް އެކަލޭގެފާނު ބަހައްޓަވާ އޯގާތެރިކަން
101