ޚަބަރު
ރިބާގެ ސަބަބުން: އެތައް ގެއެއް  ޚަރާބުވެ، ދިރިއުޅުން ބަރުބާދުވެ، އެތަށް ބަޔަކު ޖަލަށްލެވި، ހިތް ހުއްޓިފައި އެބަވޭ: ހުކުރުޚުތުބާ

ރިބާގެ ސަބަބުން: އެތަށް ގެއެއް  ޚަރާބުވެ، ދިރިއުޅުން ބަރުބާދުވެ، އެތަށް ބަޔަކު ޖަލަށްލެވި، ހިތް ހުއްޓިފައި އެބަވާކަމަށް މިއަދު ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.

ތަރައްޤީވެފައިވާ މި ޒަމާނުގައި، ރިބާގެ ބާވަތްތައް ވަރަށް ގިނައެވެ. މިއަދު އެއީ ގަވާއިދުތަކާއި، އުސޫލުތަކަގެ މަތން ކުރެވޭ މުޢާމަލާތެކެވެ.
އެކަމަށްޓަކައި ކުންފުނިތަކާއި، ބޭންކުތައް ގާއިމުކުރެވިފައި ވެއެވެ. މީސްތަކުންނަަން މިއަދު ރިބާ ފެންނަނީ ވަރަށް ރީތި ދަޅައެއްގެ ގޮތުގައެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ވަނީ އޭގެ ދަލުގައި ޖެހފިައެވެ.

އިސްލާމްދީނުގައި ރިބާ ހަރާމް ކުރައްވާފަނީ އެއީ މީހުންނަށް ކުރިމަތިވާ ބޮޑު މުސީބާތަކަށް ވާތީއެވެ. މި މުސީބާތް ފަރުދުންނާއި ޖަމާއަތްތަކަށާއި، ދައުލަތްތަކަށް ވެސް ކުރިމަތިވެއެވެ. މިކަމުން ފައިދާ ލިބެނީ މަދު ބަޔަކަށެވެ. ރިބާ ޙަރާމްކުރެއްވީ، އެއްވެސް ބުރައެއް އުފުލުމަކާނުލައި، އެންމެ ދާފޮދެއް ވެސް އޮހޮރުވާލުމަކާއިނުލާ، ފައިސާވެރިންނަށް، އެމީހުންގެ ފައިސާގެ މައްޗަށް، ފައިސާ އިތުރުކުރެވޭތީއެވެ. އެއީ ތަކެތީގެ އަގުބޮވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ތަކެތީގެ އަގު އިންތިހާ ދަރަޖައަށް އުފުލިގެން ދާނެ ކަމެކެވެ. އެއީ އިންސާނިއްޔަތާ ކުރިމަތިވެފައިވާ ބޮޑު ތުރާލެކެވެ. އެއީ ފަރުދުންގެ އަހުލާޤާއި ޒަމީރުފާސިދުކުރާ ކަމެކެވެ. އެކަމުގެ ސަބަބުން ޚަރާބުވެފައިވަނީ ކިތައް ކިތައް ގެ ހެއްޔެވެ؟ ބަނގުރޫޓުވެފައިވަނީ ކިތައްކިތައް ކުންފުނި ހެއްޔެވެ؟ ނުއަގުގައި ވިއްކައިލަން ޖެހުނީ ކިހާ ގިނަ ހަރުމުދަލެއް ހެއްޔެވެ؟ ޖަލަށް ވަންނަން ޖެހުނީ ކިތައްކިތައް މީހުންނަށް ހެއްޔެވެ؟ ހިތްހުއްޓިފައި ވަނީ ކިތައް މީހުންގެ ހެއްޔެވެ؟

3