ނަޞޭޙަތާއި އިރުޝާދު
24 ގަޑިއިރު އަޅުކަން ކުރެވިދާނެތަ؟

އަޅުގަނޑުމެން އެންމެންވެސް ޚަޔާތުގައި ވަރަށް ގިނަ ހެޔޮކަންކަން ކުރެވޭތޯ މަސައްކަތް ކުރަމެވެ.

ނަމަވެސް ދިރިއުޅުމުގެ ކަންކަން ހުންނަގޮތުން ބައެއްފަހަރު އަޅުގަނޑުމެން ބޭނުންވާ ވަރަށް އަޅުކަމުގައި ވަގުތު ހޭދައެއް ނުކުރެވެއެވެ.

ނަމަވެސް މިކަމާ ދެރަ ނުވާށެވެ!

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: (إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى)  (ބުޚާރީ އަދި މުސްލިމް)

މާނައީ: “ޢަމަލުތައް ބިނާވަނީ، ނިޔަތްތަކުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް ވާހުށީ އެމީހަކު އެ ނިޔަތްގަތް ކަމެކެވެ.”

އިސްވެ ބަޔާންވެފައިވާ ޙަދީޘްބަސްފުޅުގެ އަލީގައި އިލްމުވެރިން ވިދާޅުވާ ގޮތުގައި، މުބާޙް ނުވަތަ ހުއްދަ ކަންކަން ޞޯލިޙް ނިޔަތެއްގައި ކޮށްފިނަމަ އޭގެ ޘަވާބާއި ދަރުމަ ﷲ ތަޢާލާ ދެއްވާނެއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެހެންކަމުން ޙަޔާތުގައި ކުރަންޖެހޭ އެކި ކަހަލަ މަސައްކަތްތައް ކުރާއިރު ނިޔަތް ބަދަލުކޮށްލާށެވެ!

ޢާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ އަޅުކަމަކަށް ބަދަލުކޮށްލާށެވެ! އެއީ އަނބިދަރީންނަށް ޚަރަދުކުރުމުގެ ވާޖިބު އަދާކުރުމަށްޓަކައި ތިބާ ކުރާ މަސައްކަތެކެވެ. ﷲ ތަޢާލާގެ މަގުގައި ހޭދާކުރުމަށް ފައިސާ ހޯދުމަށް ކުރާ މަސައްކަތެކެވެ. އަމިއްލަ ނަފްސަށް ވާ ޙައްޤުތައް އަދާކުރުމަށް ތިބާ ކުރާ މަސައްކަތެކެވެ.

ބަދިގޭގައި ކާތަކެތި ތައްޔާރު ކުރާ ހިނދުގައި ﷲ ތަޢާލާ އަށްޓަކައި އެކަންކުރާށެވެ! އެއީ ތިބާއަށް ދެވޭ ޞަދަޤާތެކެވެ. އާއިލާގެ އަފްރާދުންނަށް ވެވޭ އިޙްސާންތެރިކަމެކެވެ.

ދަރިންގެ ކަންތައްތައް ކޮށްދިނުމުގައި ޘަވާބާއި ދަރުމައަށް އެދޭށެވެ! އެއީ ﷲ ދެއްވާފައިވާ އަމާނާތަށް ފަރުވާތެރިވުމުވެ. އެއީ މުސްލިމު އުންމަތަށް މަންފާކުރުވަނިވި ދަރީންތަކެއް ތައްޔާރުކުމަށް ވެވޭ ޤުރުބާނީއެކެވެ. އެއީ މަރުވުމަށްފަހުގައިވެސް ތިބާއަށްޓަކައި ދުޢާކޮށް ހެޔޮޢަމަލު ކޮށްދޭނެ ދަރީންތަކެއް ތައްޔާރުކުރުމެވެ.

ދެމަފިރިން އެކަކު އަނެކަކަށް ވަގުތު ދޭ ހިނދުގައިވެސް ﷲ ތަޢާލާ ގެ ޙަޟްރަތުން ޘަވާބާއި ދަރުމަށް އެދޭށެވެ! އެއީ އެކަކު އަނެކަކަށް ވެވޭ ހެޔޮކަމެކެވެ. އިޙްސާންތެރިކަމެވެ.

ނިދާވަގުތުގައި އަދި ކެއުމާއި ބުއިމުގެ ވަގުތުގައިވެސް ނިޔަތް ބަދަލުކޮށްލާށެވެ! އެއީ ﷲ އަށް އަޅުކަން ކުރުމަށްޓަކައި ހަށިގަނޑުގައި ވަރުޖެއްސުމަށް ކުރާކަމެކެވެ. ﷲ ދެއްވަފައިވާ ސިއްޙަތުގެ ނިޢުމަތައް ޝުކުރުވެރިވެ ފަރުވާތެރިވުމަށްޓަކައި ކުރާ ޢަމަލެކެވެ.

ތިބާގެ ހަޔާތުގައި ކުރާ ކޮންމެ ކަމަކީވެސް ﷲ ތަޢާލާއަށް ޓަކައި ކުރާ ކަމެއްކަމުގައި ހަދާށެވެ! ޘަވާބާއި ދަރުމަ ހޯދުމުގެ ނިޔަތުގައި ކުރާކަމެއް ކަމުގައި ހަދާށެވެ! އޭރުން ތިބާގެ މުޅި ޙަޔާތް ވެގެންދާނީ އަޅުކަމަކަށެވެ.

މާތްﷲ އަޅުގަނޑުމެނަށް ހެޔޮޢަމަލު ކުރުމުގެ ތައުފީޤު ދެއްވާށި!

3