ނަޞޭޙަތާއި އިރުޝާދު
ކަލަކު ވޮޑިގެންވާނަމަ ދުނިޔޭގައި މީސްތަކުންނަށް ނުބައި ކަންކަން ކުރިމަތިވަނީ ކީއްވެގެން ހެއްޔެވެ؟

ދުނިޔޭގައި އަޅުގަނޑުމެންނަށް ބަޔެއްފަހަރު ބޮޑެތި ހިތާމަތަކާއި ކުރިމަތިލާން ޖެހެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ވަރަށް ޙާލުގައި އުޅޭ މަންޒަރުވެސް ފެނެއެވެ. އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތަކާއި ނާއިންސާފުން ކަންކަން ހިނގާތަންވެސް ފެނެއެވެ. ބައެއް ފަހަރު އަޅުގަނޑުމެނަށް މިފަދަ ކަންކަން ދިމާވުމުން ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހަކު ވޮޑިގެންވޭތޯ ސުވާލު ކުރެވެއެވެ.

މި ސުވާލަށް ދެ ގޮތަކަށް ޖަވާބު ދެވިދާނެއެވެ:

ފުރަތަމަ ގޮތް: މި ސުވާލު އުފައްދާހިނދުގައި އަޅުގަނޑުމެންގެ ވިސްނުން ހުއްޓެނީ ހަމައެކި ﷲ ތަޢާލާގެ ބައެއް އިސްމުފުޅުތަކަށެވެ. އަޅުގަނޑުމެން ﷲ އަށް އީމާންވާހިނދުގައި އެއިލާހުގެ އެންމެހައި އިސްމަފުޅުތަކާށާއި ސިފަފުޅުތަކަށް އީމާންވާންޖެހެއެވެ. އެއިލާހަކީ އެންމެ ރަޙްމާންވަންތަ ރަޙީމްވަންތަ އެންމެ އޯގާތެރި އިލާހުކަމުގައި ޤަބޫލުކުރާ ހިނދުގައި އެއިލާހަކީ އެންމެ ޙަކީމްވަންތަ އެންމެ މޮޅަށް ކަންކަން ދެނެވޮޑިގެންވާ އިލާހުކަމުގައިވެސް އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ.

ދެވަނަ ގޮތް: މި ސުވާލުކުރާ ފަރާތަށް އެފަދައިން އެ ސުވާލުކުރެވެނީ ދުނިޔޭގައި ހިނގާ ކަންކަމާއި މެދު ހަމައެކަނި އޭނާގެ އަމިއްލަ ނަޒަރުން ވިސްނާ ފިކުރުކުރާތީއެވެ. ނޭންގި ނަމަވެސް އޭނާ ބުނާކަހަލައެވެ. ﷲ ތަޢާލާވެސް ދުނިޔޭގެ ކަންކަން ހިންގަވަން ޖެހޭނީ އަހަރެންގެ ވިސްނުމާއި އެއްގޮތަށެވެ. އަހަރެން ބޭނުންވާގޮތަށެވެ.

އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އިންސާނާއަކީ އުނި ފަރާތެއްކަމެވެ. އިންސާނާއަށް ލިބިފައިވާ ހިއްސުތަކާއި ވިސްނާފިކުރު ކުރުމުގެ ޤާބިލިއްޔަތުކަމަކީ ވަކި ހައްދެއްވާ އުނި އެއްޗެކެވެ. ނަމަވެސް މިއާއި ޚިލާފައް ﷲ ތަޢާލާއަކީ އެއްވެސް އުނިސިފައެއް ލިބިގެންނުވާ އެންމެހައި ރިވެތި ސިފަފުޅުތަކެއް ލިބިގެންވާ އެންމެ ފުރިހަމަ ފަރާތެވެ.

ޢިލްމުވެރިން ވިދާޅުވާގޮތުގައި ﷲ ތަޢާލާ އެއްވެސް ހެވެއްނުވާ ނުބައިކަންން އިރާދައެއް ނުކުރައްވައެވެ. ﷲ އިރާދަކުރަށްވާ ކޮންމެ ކަމެއްގައިވެސް ހެވެއް ވެއެވެ. އަދި އެއިލާހު އިރާދަކުރަށްވާ ކޮންމެ ކަމެއްގައިވެސް މަތިވެރި ޙިކްމަތްތަކެއް ވެއެވެ. އެގޮތުން ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ނަރަކާއާއި އިބިލީސް ޚަލްޤުކުރެއްވުމުގައިވެސް މަތިވެރި ޙިކްމަތްތަކެއް ވެއެވެ. އޭގެތެރޭގައި މީސްތަކުން އިމްތިޙަން ކުރައްވާ، އިސްނާނުންގެ ތެރެއިން ރަނގަޅު މީހުންނާއި ނުބައި މީހުން ވަކިކުރަށްވާ އަދި މީސްތަކުންގެ ތެރެއިން އެކަކު އަނެކަކަށް އަނިޔާވެރިވެ ބިމުގައި ފަސާދަކުރިމީހުންނަށް ޙައްޤު އަދަބު ދެއްވުން ހިމެނެއެވެ.

އެހެންކަމުން އަޅުގަނޑުމެން އަބަދުވެސް ވިސްނަންވީ ކަމަކީ، ދުނިޔޭގައި ހިނގައި އަޅުގަނޑުމެން ހިތް ނޭދޭ ކަންކަމުގައިވެސް އަޅުގަނޑުމެނަށް ނުވިސްނޭ އެތައްބައިވަރު ހެވެއް އެއިލާހު ލައްވަވާފައި ވާނެކަމެވެ. އަޅުގަނޑުމެނަށް އެ ހެވެއް ނުވިސްނުމުގެ މާނައަކީ އޭގައި ހެވެއް ނުވުމެއް ނޫނެވެ. މުސީބާތެއް ފިލާދިޔުމުން އެއީ ތިމަންނައަށް ރަނގަޅަކަށް ވީކަމެކޭ ބުނަނީ ކިތައް މީހުންތޯއެވެ؟

އަޅުގަނޑުމެންގެ އަތުގައިވަނީ ފޮޓޯއެއްގެ ކުޑަކުޑަ ތަންކޮޅެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައިވަނީ މުޅި ފޮޓޯއެވެ.

އަޅުގަނޑުމެނަށް ﷲ ތަޢަލާގެ ރަޙްމަތްފުޅުން ދީނުގައި ޘާބިތުކަން ދެއްވާ ހެޔޮ ނިމުމެއް މިންވަރުކުރަށްވާންދޭވެ! އަމީން!

5