ޚަބަރު
އަނެކާގެ ކުރިމަތީގައި ހިނިތުންވެލުމުން، ރަން އަކުރުން އޭނާގެ ހިތުގައި ލިޔެވިގެންދާ މެސެޖެގެ އަސަރު ވަރަށް ފުންވާނެ: ހުކުރުޚުތުބާ

އަނެކާގެ ކުރިމަތީގައި ހިނިތުންވެލުމުން، ރަން އަކުރުން އޭނާގެ ހިތުގައި ލިޔެވިގެންދާ މެސެޖެގެ އަސަރު ވަރަށް ފުންވާނެކަމަށް މިއަދުގެ ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.

ކީރިތި ރަސޫލާ އަހަރެމެންނަށް އަންގަވަނީ، ރިވެތި އަޚުލާޤުން ޒީނަތްތެރިވުމަށެވެ. އެކަލޭގެފާނު އަންގަވަނީ ހިނިތުންވުމާއިއެކު އަނެކުންނާއި ބައްދަލު ކުރުމަށެވެ. މިއީ ވަގުތަކަށް، މުދަލަކަށް، ތަނަކަށް ބޭނުންވާނެ ކަމެއްނޫނެވެ. އަނެކާގެ ކުރިމަތީގައި ހިނިތުންވެލުމުން، ރަން އަކުރުން އޭނާގެ ހިތުގައި ލިޔެވިގެންދާ މެސެޖެގެ އަސަރު ވަރަށް ފުންވާނެއެވެ. ވަރަށް ދިގު މުއްދަތަކަށް އަސަރުދެމިގެންދާނެއެވެ.އޯގާވެރިކަމާއި، އިޙްސާންތެރިކަމާއި، މާފުކުރުމަކީ، އެސިފަތަކުން މީސްތަކުން ޒީނަތްތެރިވުމަށް ނަސޭހަތް ދޭ މީހާގެ ނަފުސުގައި އަށަގެންފައި ހުންނަން ޖެހޭނެ ސިފަތެކެވެ.

ކައުއިތުރު ރަސޫލާ އަކީ، ﷲ އަށް ދިކުރު ކުރެއްވުމުގައި، އެފަދަ ދެވަނަ މިސާލެއް ނެތް ބޭކަލެކެވެ. އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ޒިކުރެވެ. ގިނަގިނައިން ޒިކުރުކުރުމަށް އެކަލޭގެފާނުވަނީ އުއްމަތަށް އިރުޝާދު ދެއްވާފައެވެ. ޒިކުރުކުރާ މީހާއާއި ޒިކުރުނުކުރާ މީހާގެ މިސާލު ޖައްސަވަމުން އެކަލޭގެފާނު ހަދީޘް ކުރައްވާފައި މާނާގައިވެއެވެ. ” އޭނާގެ ވެރިރަސްކަލާނގެ ހަނދުމަކުރާ މީހާއާއި، އޭނާގެ ވެރިރަސްކަލާނގެ ހަނދުމަ ނުކުރާ މީހާގެ މިސާލަކީ ދިރިހުރި މީހާއާ މަރުވެފައިވާ މީހާގެ މިސާލެވެ”.

1