ނަޞޭޙަތާއި އިރުޝާދު
ނަބިއްޔާ ﷺ އަބޫބަކުރުގެފާނަށް ދަސްކޮށްދެއްވި ދުޢާ

އަބޫބަކުރު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނު ރަސޫލު الله ﷺ  އަށް ދެންނެވީމެވެ. “ތިމަން ކަލޭގެފާނު ނަމާދުގައި ކުރާނެ ދުޢާއެއް ދަސްކޮށްދެއްވާށެވެ!” އެހިނދު ނަބިއްޔާ ﷺ  ޙަދީޘްކުރެއްވިއެވެ. ކަލޭގެފާނު ކިޔާށެވެ!

(اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا، وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ، وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ )

“އޭ الله އެވެ! ހަމަކަށަވަރުން މި އަޅާ, މިއަޅަގެ އަމިއްލަ ނަފްސަށް ގިނަވެގެންވާ އަނިޔާވެރިވުމަކުން އަނިޔާވެރިވީމެވެ. އަދި އިބަ الله ފިޔަވައި ފާފަ ފުއްސަވާނެ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. ފަހެ އިބަ الله ގެ ޙަޟްރަތުންވާ ފާފަފުއްސެވުމަކުން މިއަޅާއަށް ފާފަފުއްސަވާނދޭވެ! އަދި މި އަޅާއަށް އޯގާވެރިވެ ވޮޑިގަންނަވާނދޭވެ! ހަމަކަަށަވަރުން އިބަ الله އީ ފާފަފުއްސަވާ އޯގާވަންތަ އިލާހެވެ!”

ނަބިއްޔާ ﷺ އެކަލޭގެފާނުގެ އެންމެ މާތް ޞަޙާބީ ދުޢާއެއް ދަސްކޮށްދެއްވުމަށް އެދުމުން ފާފަފުއްސެވުން އެދި ދެންނެވުމަށް ދަސްކޮށްދެއްވުމުން އެނގިގެންދަނީ އަހަރެމެން އެންމެންނަކީ ވެސް ފާފަތައް ކުރެވޭނެ އަދި އެ ފާފަތައް ފުއްސަވާދެއްވާތޯ އަބަދުވެސް އެދެން ޖެހޭނެ މީހެއް ކަމެވެ. މި ދުޢާ ކުރުން އެންމެ ރަނގަޅީ ފަހު އައްތަޙިއްޔާތުގައި ސަލާމް ދިނުމުގެ ކުރިންނެވެ. ދިރިއުޅުމުގެ އެހެން ޙާލަތްތަކުގައިވެސް ކުރެވޭނެއެވެ. މިއީ ކުރު އެހެން ނަމަވެސް ފުރިހަމަ ރީތި ޖާމިޢު ދުޢާއެކެވެ. މި ދުޢާގައި ފާފައަށް އިޢުތިރާފުވުން ހިމެނިގެންވެއެވެ. މި ދުޢާގައި ތަޥްޙީދު ހިމެނިގެންވެއެވެ. ވީމާ ހިތުދަސްކޮށްލައިގެން މި ދުޢާ ކުރެވޭތޯ ބަލާށެވެ!

75