Uncategorized
ފިތުރު ޒަކާތް ދައްކަންވީ ކޮން ވަޤުތަކު؟

ފުރަތަމަކަމަކަށް، ފިތުރު ޒަކާތް ނެރުމުގެ ވަޤުތަކީ އަދި ނެރުން ވާޖިބުވާ ވަޤުތަކީ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ އިރު އޮއްސުމާއެކުއެވެ. މިވަގުތުން ފެށިގެން ޢީދު ނަމާދުފެށުމާ ދެމެދު ފިޠުރު ޒަކާތް ދެއްކުން ވާޖިބު ވާނެއެވެ. އަދި މިވަޤުތަކީ ޙަޤީޤަތުގައި ފިޠުރު ޒަކާތް ދައްކަން ޖެހޭ ވަޤުތެވެ.

ފިޠުރު ޒަކާތް ދެއްކުން ލަސްކުރުމަކީ އެންމެ މޮޅުއިތުރުވެގެންވާ ގޮތެވެ. ސަބަބަކީ މިޒަކާތުގެ އެންމެ މުހިންމު އެއް މަޤުސަދަކީ ޢީދު ދުވަހުގައި ފަޤީރުންވެސް ރަނގަޅަށް ކައިގެން ތިބެ ޢީދުގެ އުފަލުގައި ބައިވެރިވުން ކަމަށްވާތީއެވެ. މާކުރިން ފިޠުރު ޒަކާތް ނެރެފިނަމަ ޢީދު ދުވަހާ ޖެހޭއިރު ގިނަފަހަރަށް އެފަޤީރު މީހާއަށް އޮންނާނީ އެލިބުނު އެތިކޮޅު ހުސްވެފައެވެ. އެހެންކަމުން އޭރުން ފިޠުރު ޒަކާތުގެ މަޤުސަދު ޙަޤީޤަތުގައި ޙާސިލެއް ނުވެއެވެ. އަދި ބައެއް ޞަޙާބީ ބޭކަލުން، ފިޠުރު ޒަކާތް ދެއްކުން ޢީދު ދުވަހުގެ ހެނދުނާ ހަމައަށްވެސް ލަސްކުރައްވައެވެ. އަބޫ ސަޢީދުލް ޚުދްރީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. كُنَّا نُخْرِجُ فِي عَهْدِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَ الفِطْرِ صَاعًا مِنْ طَعَامٍ (رواه البخاري (1510))

މާނަ: “ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރު، ޢީދު ދުވަހުގައި (ފިޠުރު ޒަކާތުގެ ގޮތުގައި) ކާބޯތަކެތީގެ ޞާޢެއްގެ މިންވަރު ތިމަންބޭކަލުން ނެރުއްވަމެވެ.”

ނަމަވެސް ޒަކާތަކީ އެދައްކަންޖެހޭ ވަގުތައްވުރެ އަވަހަށް ދެއްކުން ހުއްދަ އެއްޗެކެވެ. މިއީ ޢިލްމުވެރިން އިޖުމާޢުވެލައްވާ ކަމެކެވެ. މުދަލުގެ ޒަކާތްވެސް އަހަރު ހަމަވުމުގެ ކުރިން ދެއްކިދާނެއެވެ. އެހެންކަމުން ފިޠުރު ޒަކާތްވެސް މަތީގައި ޒިކުރު މިކުރެވުނު ވަޤުތައްވުރެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ދެއްކުމުގައި މައްސަލައެއް ނެތެވެ. ޚާއްސަކޮށް ޙާޖަތެއް މެދުވެރިވެގެން ޢީދު ދުވަހު ނުވަތަ ޢީދު ވިލޭރޭގައި ޒަކާތް ނުނެރެވިދާނެ މީހަކަށް އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ޒަކާތް ދެއްކުން ހަމަ އެންމެ ރަނގަޅެވެ. އަދި ބައެއް ޞަޙާބީ ބޭކަލުންވެސް މިފަދައިން ޢަމަލު ކުރައްވާފައިވާކަން ސައްޙަ ސުންނަތުން ސާބިތުވާން އެބަ އޮތެވެ. ނާފިޢުގެ އަރިހުން ރިވާވެގެންވެއެވެ. كَانَ ابْنُ عُمَرَ «يُعْطِي عَنِ الصَّغِيرِ، وَالكَبِيرِ، حَتَّى إِنْ كَانَ لِيُعْطِي عَنْ بَنِيَّ»، وَكَانَ ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا «يُعْطِيهَا الَّذِينَ يَقْبَلُونَهَا، وَكَانُوا يُعْطُونَ قَبْلَ الفِطْرِ بِيَوْمٍ أَوْ يَوْمَيْنِ» (رواه البخاري (1511)

މާނަ: “ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފަރާތުންވެސް އިބްނު ޢުމަރު رَضِيَ اللَّهُ عَنْهُمَا ފިޠުރު ޒަކާތްދެއްވައެވެ. އަދި ތިމަންގެ ދަރިންގެ ފަރާތުންވެސް އެކަލޭގެފާނު ފިޠުރު ޒަކާތް ދެއްވައެވެ. އަދި އެ ޤަބޫލުކުރާ (ފަޤީރުންނަށް) އެ ދެއްވައެވެ. އަދި ފިޠުރު ޢީދުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން އެ ނެރުއްވައެވެ.”

ނަމަވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ނެރުމުގެ ވަޤުތު ފެށުނީ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ރާއްޖޭގައިވެސް މިފަދައިން ބައެއް މީހުން ޢަމަލު ކުރެއެވެ. ނަމަވެސް މިއީ ޙަޤީޤަތުގައި އެހާ ރަނގަޅު ގޮތެއް ނޫނެވެ. އެބޭކަލުން ޙުއްޖަތަކީ ފިޠުރު ޒަކާތް ޝަރުޢުވުމުގެ ސަބަބުތައް ކަމަށްވާ ރޯދަ ހިފުމާއި ރޯދަ ދޫކޮށްލުމެވެ. އެހެންކަމުން މިދެކަމުން ކުރެ ކަމެއް މެދުވެރިވުމާއެކު ފިޠުރު ޒަކާތް ދެއްކިދާނެއެވެ. އަދި އެއީ ޒަކާތެއް ކަމަށްވާތީ ޒަކާތް އެދައްކަން ޖެހޭ ވަޤުތައްވުރެ އަވަހަށް އަދި ދެއްކުމަކުން އޭގައި މައްސަލައެއް ނެތެވެ. ނަމަވެސް މިއީ ޤުރްއާން އެބައެއްގެ މައްޗަށް ބާވައިލެއްވުނު އަދި އަދި ނަބިއްޔާއާއެކީ ދިރިއުޅުއްވި މަތިވެރި ޞަޙާބީންނާއި މާތް ސަލަފުއް ޞާލިޙުންގެ ކިބައިން ފެނުނު ނަމޫނާއެއް ނޫނެވެ. އަދި އެބޭބޭކަލުން ކަންތައް ކުރެއްވި ގޮތެއްވެސް ނޫނެވެ. އެބޭކަލުން ފިޠުރު ޒަކާތް ނެރުން އެންމެ އަވަސްވެސް ކުރައްވާފައިވަނީ ޢީދު ދުވަހުގެ ދެތިން ދުވަހުގެ ކުރިއަށެވެ. އެއަށްވުރެ އަވަހެއް ނުކުރައްވައެވެ. އަދި ކުރިން ބުނެވި ދިޔަ ފަދައިން މާ ކުރިން ފިޠުރު ޒަކާތް ދެއްކުމަކީ މިޒަކާތް ދެއްކުމުގެ މަޤުސަދާވެސް ޚިލާފު ކަމެކެވެ. ބައެއް ފަރާތްތަކުން ރަމަޟާން މަހުގެ ކުރީބައިގައި ފިޠުރު ޒަކާތް ދައްކަން ހިފާލާފައި ތިބޭތަން ފެނެއެވެ. އެހެން ނަހަދާށެވެ. ޞަޙާބީންނާއި ސަލަފުއްޞާލިޙުން އުޅުއްވި ގޮތަށް އުޅެގެން ވާނީ ކޮން ދެރައެއް ހެއްޔެވެ؟

ފިޠުރު ޒަކާތް ދެއްކުން އަވަސް ކުރާނަމަ ޞަޙާބީން އަވަސްކުރެއްވި މިންވަރު ކަމަށްވާ ޢީދު ދުވަހުގެ ދުވަހެއް ނުވަތަ ދެދުވަސް ކުރިއަށްވުރެ އަވަސް ކޮށްގެން ނުވާނެ ކަމަށް އިމާމް އައްޝައުކާނީ ވިދާޅުވެފައި ވެއެވެ. ((السيل الجرار المتدفق على حدائق الأزهار)) (ص: 268، 269).

އަދި މިފަދައިން ޝައިޚް އިބްނު ބާޒު ((مجموع فتاوى ابن باز)) (14/32) އަދި ޝައިޚް އިބްނު ޢުޘައިމީން ((مجموع فتاوى ورسائل العُثيمين)) (18/270). ރަޙިމަހަމުﷲ ވެސް ވިދާޅުވެފައިވެއެވެ. އަދި ފަހުގެ ގިނަ ޢިލްމުވެރިންގެ ރަޢުޔަކީވެސް މިއީއެވެ.

ވީމާ އެންމެ ރަނގަޅު ގޮތަކީ ޢީދު ދުވަހުގެ ހެނދުނު ނުވަތަ ޢީދު ވިލޭރޭގައި އާންމުކޮށް ކާން ގެންގުޅޭ މައިގަނޑު ކާނާގެ ބާވަތުން (މިސާލަކަށް ހަނޑޫ) ޞާއެއްގެ މިންވަރެއް ކޮންމެވެސް ފަޤީރަކަށް ދިނުމެވެ. އަދި ދޭއިރު އެއަށްވުރެ ގިނައިން ދިނުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ވާޖިބު ވާނީ ޞާއެއްގެ މިންވަރެވެ. އަދި ޢީދު ދުވަހުގައި ފިޠުރު ޒަކާތް ނުނެރެވިދާނެކަމަށް ހީވާނަމަ ނުވަތަ އެދުވަހު މިޒަކާތް ނެރުން އުޒުރުވެރިވާ ފަދަ ޙާޖަތެއް މެދުވެރިވާނަމަ ޢީދު ދުވަހުގެ އެއްދުވަސް ނުވަތަ ދެދުވަހުގެ ކުރިން ފިޠުރު ޒަކާތް ދައްކާލާ ނިންމާލުމެވެ.

0