ނަޞޭޙަތާއި އިރުޝާދު
ޤުރްއާން ހިތުދަސް ކުރުމުގެ މާތްކަން އެނގޭތަ؟

އިމާމު ބުޚާރީ ރަޙިމަހުﷲރިވާކުރައްވާފައިވާ ރަސޫލާ ﷺ ގެ ޙަދީޘެއްގައިވެއެވެ.(مَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ حَافِظٌ لَهُ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ،) “ޤުރްއާން ހިތުދަސް ޙާލު، ރިވެތިކޮށް ތަރުތީރުކޮށް އެފޮތް ކިޔަވާ މީހާވާހުށީ، ކިޔަމަންތެރި މާތްވެގެންވާ ހެޔޮލަފާ މަލާއިކަތުންނާ އެކުގައެވެ.”

އާދެ! ﷲ ގެ ކަލާމްފުޅު ދަސްކޮށް އެފޮތް ހިތުދަސް ކުރުމަކީ މާތް މަތިވެރި އަޅުކަމެކެވެ. އެހާމެ ދަރުމައާއި ޘަވާބު ލިބޭ ކަމެކެވެ. ޢިލްމުވެރިން ބަޔާން ކުރައްވާފައިވާ ޤުރްއާން ބާއްވާލެވުނު މަޤްޞަދުތަކުގެ ތެރެއިން އެއްމަޤްޞަދެވެ. އެފޮތް ހިދުތަސް ކުރުމަށް ހޭދަކުރާ ވަގުތާއި އެއަށްފަހު އެއާޔަތްތައް ތަކުރާރު ކުރާ ވަގުތުތަކީ އެއްވެސް ޙާލެއްގައި ގެއްލިގެން ދާނެ ވަގުތުތަކެއް ނޫނެވެ. އަދި ބޭކާރު ވަގުތު ތަކެއް ވެސް ނޫނެވެ. އަދި ކިއެއްތަ އެއީ ތިބާގެ ހަޔާތުގައި ބަރަކާތް ލެއްވިގެންވާ ކަމުގެ ޢަލާމާތެކެވެ. ލިބޭ ހުސްވަގުތު ތަކުގަޔާއި ސަވާރީއެއްގައި ވާހިނދުގަޔާއި ހިނގާފަ އުޅޭއިރު ތިބާގެ ދޫ ﷲ ގެ ފޮތުގެ އާޔަތްތައް ކިޔުމުގައި ހޭދަ ކުރުމަކީ ބޮޑުވެގެންވާ ނަޞީބެކެވެ.

ބައެއް ބޭފުޅުންނަކީ ވަރަށް އުނދަގުލުން، ވަރަށް ގިނަ އިރުން ދަސްވާ ބޭފެޅުންނެވެ. އެހެންނަމަވެސް އެއީ އެއްވެސް ވަރަކަށް މާޔޫސްވާންވީ ކަމެއް ނޫނެވެ. ކީރިތި ޤުރުއާން ކިޔަވާ، އެފޮތުގެ އާޔަތްތައް ތަކުރާރު ކުރުމަށް ތިބާގެ ހަޔާތުގެ ވަގުތު ތަކުގެ ތެރެއިން ގިނަ ވަގުތު ހޭދަކޮށްލުމަށްވުރެ ވަކިންބޮޑު އުފަލެއް ހިތް ހަމަޖެހުމެއް ނުވޭ!

ޢައްޝައިޚް އިބްނު އަލްއުޘައިމީން ރަޙިމަހުﷲ ގެ އަހިރުން ޤުރްއާން ހިތުދަސް ކުރުމަށް ތަކުރާރުކޮށް ކިޔަވާ ކިޔެވުމަށް ކޮންމެ އަކުރަކަށް 10 ހެޔޮކަން ލިބިގެންވާނެތޯ ސުވާލު ދެންނެވުން؟ އޭގެ ޖަވާބުގައި ޝެއިޚް ވިދާޅުވެފައިވެއެވެ. ޙަދީޘްގައި އައިސްފައިވާ ޤުރްއާނުން ކިޔަވާ ކޮންމެ އަކުރަކަށް 10 ޘަވާބު ލިބުމުގެ ތެރެއަށް އެކަން ވަދެގެންދާނެއެވެ. ﷲ ގެ ތަނަވަސް ރަޙުމަތާއި ފަޟްލުވަންތަކަމާއެވެ!

މިކަން މިހެން ހުރިކަމުގައި ވިޔަސް ދަންނަވާލަން ޖެހޭ ހަޤީޤަތަކީ ބައެއް މީހުން ޤުރުއާން ހިތުދަސް ކުރުމުން މަނާވެގެންނަން ގެންނަ އެއްސަބަބަކީ މީކަމެވެ. “ތިމަންނައަށް ދަސްކުރަން ވަރަށް އުނދަގުލޭ…!” “ވަރަށް ވަގުތު ނަގަޔޭ…!” މިފަދަ ޢުޒުރު ތަކެވެ. އެހެންނަމަވެސް އެބައިމީހުން އެ ދުރެވެގަންނަނީ ކޮންފަދަ ހެޔޮކަމަކުންތޯއެވެ! މޫނު އަނބުރާ އެލަނީ ބޮޑުވެގެންވާ ދަރުމައާއި ޘަވާބުންނެވެ. އަޅުގަނޑުމެންނަށް ދަރުމަޔާއި ޘަވާބުއެއީ ރަނާއި ޖަވާހިރުފަދައިން ފެންނަން ހުންނަ އެއްޗެއް ނަމަ، މީހުން އެމީހަކާ ދިމާލަށް ބޮޑު މޮޔައެކޭ ގޮވާނެކަށް ކަށަވަރެވެ.

އެހެންނަމަވެސް އަޅުގަނޑުމެން އުޅެމުން މިދާ ދުނިޔޭގެ ވަގުތީ ޙަޔާތަކީ އިމްތިޙާނެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިޚްލާޞްތެރިވެ، އެކަލާނގެ ރުއްސެވުން ލިބިގަތުމަށް ގަދަ އަޅާ މަސައްކަތް ކުރަނީ ކޮންބައެއްތޯ ބައްލަވާ އެމީހުންނަށް އެމީހުންގެ ޢަމަލާ ނުބައްދަލު ޖަޒާދެއްވުން ވަނީ އުޚްރަވީ ޙަޔާތުގައެވެ. ރަސޫލާ z ގެ ހަދީޘް ބަސްފުޅެއްގައި، ﷲ ގެ ފަޟްލުވަންތަ ކަމުން މެނުވީ އެއްވެސް މީހަކު ސުވަރުގެ ނުވަންނާނެ ކަމަށް އައިސްފައިވެއެވެ.

އެއްދުވަހަކު އައްޝައިޚް ފަހުދު އަލްކަންދަރީ ގެނެސް ދެއްވި ޤުރްއާނާ ބެހޭ ޕްރޮގުރާމެއްގައި ލޯފަން ކުއްޖަކާ އިންޓަވިޔު ކުރިއެވެ. އިންޓަވިޔުގެ ތެރޭގައި އެކުއްޖާ ބުނި ވާހަކައަކީ އަޅުގަނޑުމެން ވިސްނާ ފިކުރުކޮށް، އަޅުގަނޑުމެންގެ ޢަމަލުތަކާ މެދު ހިސާބުކޮށްލަން ލިބުނު ނަޞޭޙަތެކެވެ. އެކުއްޖާ ބުންޏެވެ. “ތިމަން ލޯފަންވުމުގެ ސަބަބުން ޤުރާއާނާ މެދު ކަންތައް ކުރީ ކޮންފަދަޔަކުންތޯ ކުރެވޭ ސުވާލު  ﷲ ސުބުޙާނަހޫ ވަތަޢާލާ ތިމަންނާއަށްޓަކައި ލުއިކުރައްވާނެ ކަމަށް ތިމަން އުންމީދު ކުރަމެވެ.” އަސްތަޣްފިރުﷲ.. އަޅުގަނޑުމެން، ގުނަވަންތައް ސަލާމަތުން ހުރެމެ، އެކަލާންގެ ދެއްވި ގުނާ އަދަދު ނުކުރެވޭ ނިޢުމަތްތަކުގައި އުޅޭ އިރު އަޅުގަނޑުމެންގެ ޙާލަކީ ކޮބައިތޯއެވެ؟ އަޅުގަނޑު ދޭނީ ކޮން ޖަވާބެއްތޯ! އަހަރެމެން ހިތްއެދޭ ލޯބިވާ ކަންތައްތައް ކުރުމަށް ވަގުތު ހުސްކުރި އިރު، އެފޮތުން އެންމެ ސޮފްޙާއެއް ކިވާލަން ވަގުތު ނުލިބުން އެއީ ހިތާމަ ހުރި ކަމެކެވެ.

اللَّهُمُّ اِجْعَلِ الْقُرْآنَ رَبِيعَ قَلْبِي, وَنُورَ صَدْرِي, وَجَلَاَءَ حُزْنِي, وَذَهَابَ هَمِّي وَغَمِّيٍّ.

ޔާﷲ…! ޤުރްއާނަކީ މިއަޅާގެ ހިތުގެ ރަބީޢު ކަމުގައްޔާއި ހިތުގެ ނޫރު ކަމުގައި ލައްވާނދޭވެ! އަދި މިއަޅާގެ ހިތާމަ ފިއްލަވާ އަދި ކަންބޮޑުވުން ނެތިކުރާ އެއްޗެއް ކަމުގައި ލައްވާނދޭވެ!

0