ނަޞޭޙަތާއި އިރުޝާދު
މަލާއިކަތުންގެ ދުޢާ ލިބޭނެ 7 ޢަމަލެއް

1. ބަލިމީހަކަށް ނުވަތަ އަޚަކަށް ޒިޔާރަތް ކުރުން

ރަސޫލު ﷲ ޙަދީޘްކުރެއްވިއެވެ.

( مَنْ عَادَ مَرِيضًا أَوْ زَارَ أَخًا لَهُ فِي اللَّهِ نَادَاهُ مُنَادٍ : أَنْ طِبْتَ وَطَابَ مَمْشَاكَ وَتَبَوَّأْتَ مِنْ الْجَنَّةِ مَنْزِلا ). ރިވާކުރެއްވީ އަޙްމަދާއި އައްތިރްމިޛީ އަދި އަލްއަލްބާނީ ރަޙިމަހުﷲ ޞައްޙަ ކަމަށް ވިދާޅުވެފައިވޭ

މާނައީ: ”މީހަކު ﷲ އަށް ޓަކައި ބަލިމީހަކަށް ޒިޔާރަތްކޮށްފިނަމަ ނުވަތަ އޭނާގެ އަޚާއަށް ޒިޔާރަތް ކޮށްފިނަމަ ގޮވާލެވޭ ފަރާތަކުން އޭނާއަށް ގޮވާލާނެވެ. ”ދުނިޔެއާއި އާޚިރަތުގައި ތިބާއަށް ރިވެތި ދިރިއުޅުމެއް ހުއްޓެވެ. އަދި ތިބާއަށް ރިވެތި އަޚްލާޤެއް ހުއްޓެވެ. އަދި ތިބާ ސުވަރުގެ މަންޒިލެއްގެ ގޮތުގައި ލިބިގަންފިއެވެ.“

2. ޞަދަޤާތްކުރުން

ރަސޫލު ﷲ ޙަދީޘްކުރެއްވިއެވެ. (مَا منْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا ، وَيَقُولُ الآخَرُ : اللَّهُمَّ أَعْطِ مُمْسِكًا تَلَفاً ) ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް

މާނައީ: ”އެއްވެސް އަޅަކު އެ ދުވަހެއްގައި ދެ މަލާއިކަތުން ފައިބާ ވަޑައިނުގަންނަވާނެ ދުވަހަކަށް ހެނދުނު ނުކުރެއެވެ. އޭގެ ތެރެއިން އެއް މަލާއިކަތަކު ވިދާޅުވެއެވެ. އޭ ﷲއެވެ! ހޭދަކުރާ މީހާއަށް އޭގެ ބަދަލުގައި ދެއްވާޑިއެވެ. އަދި އަނެއް މަލާއިކަތާ ވިދާޅުވެއެވެ. އޭ ﷲ އެވެ! ހޭދަނުކޮށް ހިފަހައްޓާ މީހާ ހަލާކުކުރައްވާށިއެވެ!“

3. ސިއްރިއްޔާތުގައި އަޚާއަށް ދުޢާކޮށްދިނުން

ރަސޫލު ﷲ ޙަދީޘްކުރެއްވިއެވެ. ( مَنْ دَعَا لِأَخِيهِ بِظَهْرِ الْغَيْبِ، قَالَ الْمَلَكُ الْمُوَكَّلُ بِهِ : آمِينَ، وَلَكَ بِمِثْلٍ ) ރިވާކުރެއްވީ މުސްލިމް

މާނައީ: ”މުސްލިމަކު އޭނާގެ އަޚާއަށް ސިއްރިއްޔާތުގައި ދުޢާކޮށްދީފިނަމަ އޭނާއާ ހަވާލުކުރެވިގެންވާ މަލާއިކަތާ ވިދާޅުވާނެއެވެ. ދުޢާ އިޖާބަކުރައްވާށިއެވެ. އަދި ތިބާއަށްވެސް އެދުޢާކުރި ފަދައިން ދެއްވާށިއެވެ!“

4. ހާ ގޮވާއަޑު އިވުމުން ﷲ ގެ ފަޟްލުވަންތަވެރިކަމަށް އެދުން

ރަސޫލު ﷲ ޙަދީޘްކުރެއްވިއެވެ. (إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ ؛ فَإِنَّهَا رَأَتْ مَلَكًا ) ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް

މާނައީ: ”ތިޔަބައިމީހުންނަށް ހާ ގޮވާއަޑު އިވިއްޖެނަމަ ފަހެ ﷲ ގެ ފަޟްލުވަންތަވެރިކަމަށް އެދޭށެވެ. ފަހެ އެ ހާ އެގޮވަނީ މަލާއިކަތަކު ފެނިގެންނެވެ.“

އިމާމް އައްނަވަވީ ވިދާޅުވިއެވެ. ”އަލްޤާޟީ ވިދާޅުވިއެވެ. “އޭގެ ސަބަބަކީ އެފަދައިން ދުޢާކުރުމުގެ ސަބަބުން މަލާއިކަތުން އާމީން ވިދާޅުވުމަށް އުއްމީދު ކުރުމެވެ. އަދި މަލާއިކަތުން އެދުޢާކުރާ މީހާއަށް ފާފަފުއްސެވުމަށް އެދި ދުޢާކުރުމަށް އުއްމީދުކުރުމެވެ.”“

5. ނަމާދަށް އިންތިޒާރުކުރުން

ރަސޫލު ﷲ ޙަދީޘްކުރެއްވިއެވެ. (الْمَلَائِكَةُ تُصَلِّي عَلَى أَحَدِكُمْ مَا دَامَ فِي مُصَلَّاهُ الَّذِي صَلَّى فِيهِ مَا لَمْ يُحْدِثْ ؛ تَقُولُ : اللَّهُمَّ اغْفِرْ لَهُ، اللَّهُمَّ ارْحَمْهُ ) ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް

މާނައީ: ”މީހަކު ނަމާދުކުރި ތަނުގައި މަޑުކޮށްގެން އިންނަހާ ހިނދަކު މަލާއިކަތުން އެމީހެއްގެ މައްޗަށް ދުޢާ ދަންނަވައެވެ. އޭނާ ޙަދަޘްވެރި ނުވާނަމައެވެ. އެމާލާއިކަތުން ވިދާޅުވެއެވެ. “ އެމީހާއަށް ފާފަފުއްސަވާށިއެވެ. އެމީހާއަށް ރަޙްމަތް ލައްވާށިއެވެ.““

މި ޙަދީޘްގެ ތެރެއަށް ނަމާދު ކުރާ މީހުންނާއި, ނަމާދަށް އިންތިޒާރުކުރާ މީހުން ވަންނާނެއެވެ. އަދި އަންހެނާ ގޭގައި ނަމާދުކުރާތަނުގައި ނަމާދަށް އިންތިޒާރުގައި އިންނަ ކަމުގައިވާނަމަވެސް މި ޙަދީޘްގެ ތެރެއަށް ވަދެގެން ދާނެއެވެ.

6. މީސްތަކުންނަށް ހެޔޮކަން އުގަންނައިދިނުން

ރަސޫލު ﷲ ޙަދީޘްކުރެއްވިއެވެ. (إنَّ اللَّهَ وملائِكتَهُ وأَهلَ السَّماواتِ والأرضِ حتَّى النَّمْلةَ في جُحْرِها وحتَّى الحوتَ – ليُصلُّونَ على معلِّمِ النَّاسِ الخيرَ) ރިވާކުރެއްވީ އައްތިރްމިޛީ

މާނައީ: ”ހަމަކަށަވަރުން ﷲ އާއި އެކަލާނގެ މަލާއިކަތުންނާއި އުޑުތަކާއި ބިމުގެ އަހުލުވެރިން މީސްތަކުންނަށް ހެޔޮކަން(ހެޔޮ ޢިލްމު) އުގަންނައިދޭ މީހާއަށް ޞަލަވާތް ލައްވައެވެ. ހޮރުގައިވާ ހިންޏާ މަސްމާހާމެހި ވެސް މެއެވެ.“

7. ފުރަތަމަ ސަފުގައި ނަމާދުކުރުން

ރަސޫލު ﷲ ޙަދީޘްކުރެއްވިއެވެ. (إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى الصَّفِّ الْأَوَّلِ ) ރިވާކުރެއްވީ އަޙްމަދު އަދި އިބްނު މާޖާ

މާނައީ: ”ހަމަކަށަވަރުން ﷲ އާއި އެއިލާހުގެ މަލާއިކަތުން ފުރަތަމަ ސަފަށް ޞަލަވާތް ލައްވައެވެ.“

 

(ނޯޓް: ﷲ ގެ ޞަލަވާތަކީ އެއިލާހު މަތިވެރިވެގެންވާ މަލާއިކަތުންގެ އަރިހުގައިގައި އެއަޅަކަށް ޘަނާކިޔުއްވުމެވެ. މަލާއިކަތުންގެ ޞަލަވާތަކީ އެބޭކަލުންގެ ދުޢާއެވެ. އަދި ފާފަފުއްސެވުމަށް އެދި ދެންނެވުމެވެ.)

ދުޢާއަކީ އަޅަމެންނަށް މިފަދަ ހެޔޮ ޢަމަލުތައް ކުރުމުގެ ހެޔޮ ތައުފީޤު މާތް ﷲ މިންވަރުކުރެއްވުމެވެ.

10