ނަޞޭޙަތާއި އިރުޝާދު
ނިދުމުގެ ކުރިން ކުރަންޖެހޭ މުހިންމު 4 ކަމެއް

ނިންޖަކީ އިންސާނާގެ ފުރާނަ އޭނާގެ ހަށިގަނޑުން ވަކިވާ ވަކިވުމެކެވެ. އެހެންކަމުން ނިދިން ހޭލައިގެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާ ދުޢާތަކުގެ ތެރޭގައި ވިދާޅުވެއެވެ. ((الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ)) މާނައީ: “އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ އަޅަމެން މަރުގެންނެވުމަށްފަހު، އަޅަމެންނަށް ދިރުންދެއްވި ރަސްކަލާނގެއެވެ. އަދި (ކަށްވަޅުތަކުން) ތެދުވެގެން ދިޔުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.”

ނިދުމުގެ ކުރިން ކުރަންޖެހޭ މުހިންމު އެތައްކަމެއް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ބަޔާންކޮށްދެއްވާފައެވެ. ނަމަވެސް އަޅުގަނޑުގެ މި ލިޔުމުގައި ބަޔާންކޮށްލަން ބޭނުންވަނީ އޭގެތެރެއިން ހަތަރު ކަމެކެވެ. އެއީ:

  1. އަލިފާނުން އެއްޗެއް ދިއްލާފައިވާނަމަ އެ އެއްޗެއް ނިވާލުން

ގޭގައި އަލިފާނުން އެއްޗެއް ދިއްލާފައިވާނަމަ އެ އެއްޗެއް ނިވާލުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އިރުޝާދު ދެއްވާފައެވެ. ޖާބިރުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. ‏((أَطْفِئُوا الْمَصَابِيحَ بِاللَّيْلِ إِذَا رَقَدْتُمْ)) މާނައީ: “ތިޔަބައިމީހުން ރޭގަނޑުގައި ނިދާ ކަމުގައި ވާނަމަ ނިދާ ވަގުތުގައި ތިޔަބައިމީހުން ބައްތިތައް ނިވާށެވެ! (ބައްތީގެ މުރާދަކީ އަލިފާނުން ރޯކޮށްފައިވާ އެއްޗެއް ނަމަ އެއެއްޗެއް ނިވުން) އަދި ތިޔަބައިމީހުން ގޭގެ ދޮރުތައް ލައްޕާ ތަޅުލާށެވެ.”

ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ބައްތިތައް ނިވުމަށް އިރުޝާދެއްވާފައިވަނީ މީދާ ފަދަ ދިރޭ އެކި ޖަނަވާރުގެ ކިބައިން ރައްކާތެރިވުމަށްޓަކައެވެ. އެހެނީ މީދަލަކީ ޙަރަމުގައި ވެސް މެރުން ހުއްދަ އެއްޗެކެވެ.

ޖާބިރުގެފާނު ރިވާކުރައްވާފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި މަދީނާގެ ގެއެއް އަނދާ ހުލިވިކަމަށް ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. “މި އަލިފާނަކީ ތިޔަބައިމީހުންގެ ޢަދާވާތްތެރިއެކެވެ. ތިޔަބައިމީހުން ނިދާ ކަމުގައިވާނަމަ އަލިފާން ނިވާށެވެ.”

 

  1. ގޭގެ ދޮރުތައް ލެއްޕުން

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. ((‏أَطْفِئُوا الْمَصَابِيحَ بِاللَّيْلِ إِذَا رَقَدْتُمْ، وَغَلِّقُوا الأَبْوَابُ)) މާނައީ: “ތިޔަބައިމީހުން ރޭގަނޑުގައި ނިދާ ކަމުގައި ވާނަމަ ނިދާ ވަގުތުގައި ތިޔަބައިމީހުން ބައްތިތައް ނިވާށެވެ! އަދި ތިޔަބައިމީހުން ގޭގެ ދޮރުތައް ލައްޕާ ތަޅުލާށެވެ.”

މުސްލިމްގެ ރިވާޔަތެއްގައިވެއެވެ. ((وَأَغْلِقُوا الأَبْوَابَ وَاذْكُرُوا اسْمَ اللَّهِ فَإِنَّ الشَّيْطَانَ لاَ يَفْتَحُ بَابًا مُغْلَقًا)) މާނައީ: “އަދި ގޭގެ ދޮރުތައް ލައްޕާށެވެ! އަދި ﷲ ގެ އިސްމުފުޅު ޒިކުރު ކުރާށެވެ! އެހެނީ ހަމަކަށަވަރުން (ﷲ ގެ އިސްމުފުޅު ކިޔާ) ލައްޕާފައިވާ ދޮރެއް ޝައިޠާނާއަކަށް ނުހުޅުވޭނެއެވެ.”

މި ބަޔާންވެދިޔަ ޙަދީޘްފުޅުން ދުނިޔެވީ ފައިދާއަކާއި އުޚްރަވީ ފައިދާއެއް ވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެގޮތުން:

ދުނިޔެވީ ފައިދާ: ވަގުން ނުވަތަ ސިޙުރުވެރިން ފަދަ ގެއްލުންދޭ މީހުންގެ ކިބައިން ގެގާއި ގޭގެ އަހުލުވެރިން ސަލާމަތްކުރުން.

ދީނީ ފައިދާ: ޝައިޠާނާގެ ކިބައިން ގެގާއި ގޭގެ އަހުލުވެރިން ސަލާމަތްކުރުން.

 

  1. ކަންވާރުތަކުގައި މަތިޖެހުން

ކަންވާރަކީ ޚާއްޞަކޮށް ކާބޯތަކެތި އެޅުމަށް ނުވަތަ ކެއްކުމަށްޓަކައި އަޅުގަނޑުމެންގެ ގޭގައި ގެންގުޅޭ ތަކެއްޗެވެ. މީގެތެރޭގައި ތެލި، ދޮލަނގު ނުވަތަ ރުނބާ ފަދަތަކެތި ހިމެނޭނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. ((غَطُّوا الإِنَاءَ وَأَوْكُوا السِّقَاءَ فَإِنَّ فِي السَّنَةِ لَيْلَةً يَنْزِلُ فِيهَا وَبَاءٌ لاَ يَمُرُّ بِإِنَاءٍ لَيْسَ عَلَيْهِ غِطَاءٌ أَوْ سِقَاءٍ لَيْسَ عَلَيْهِ وِكَاءٌ إِلاَّ نَزَلَ فِيهِ مِنْ ذَلِكَ الْوَبَاءِ))‏‏ މާނައީ: “ތިޔަބައިމީހުން ކަންވާރުތަކުގައި މަތިޖަހާށެވެ! (އެބަހީ: ނިދުމުގެ ކުރިން މަތިޖަހާށެވެ.) އަދި ފެންއަޅައިގެން ގެންގުޅޭ އެއްޗެހީގެ މަތި އައްސާށެވެ! ފަހެ ހަމަކަށަވަރުން އިންސާނާގެ މައްޗަށް ވަބާތައް (ބަލާވެރިކަމާއި، މުޞީބާތްތައް، އާފާތްތައް) ފައިބާ ރެއެއް ކޮންމެ އަހަރެއްގައިވެސް ވެއެވެ. އެއްވެސް ކަންވާރެއްގައި މަތި ނުޖަހާ ހުރެއްޖެނަމަ، އަދި އައްސާ އެއްޗެއްގައި ވާގަނޑު މޮހާލާފައި ނާއްސާ ހުރެއްޖެނަމަ، އެރޭގައި އެ ފައިބާ ވަބާގެ ތެރެއިން ބައެއް އެއަށް ފައިބާނެއެވެ.”

 

  1. ނިދަން އެނދަށް އެރުމުގެ ކުރިން އެނދު ފޮޅާލުން

އަބޫހުރައިރާގެ ކިބައިން ރިވާވެގެންވާ ޙަދީޘްފުޅެއްގައިވެއެވެ. “ތިޔަބައިމީހުންކުރެ މީހަކު އޭނާގެ އެނދަށް އަރަން ގަސްތުކުރާ ހިނދުގައި (އެނދަށް އެރުމުގެ ކުރިން) އޭނާގެ އިޒާރުގެ އެތެރޭފުށުން އެނދު ފޮޅާލާށެވެ. އެހެނީ އޭނާ ތެދުވުމަށްފަހުގައި އެ އެނދަށް އަރާފައި އޮވެދާނެ އެއްޗެއް އޭނާއަކަށް ނޭނގޭނެއެވެ.” އަދި މިގޮތަށް އެނދު ފޮޅާލުމުގައި ﷲ ގެ އިސްމުފުޅު ޒިކުރު ކުރުމަށް ވެސް ރިވާވެގެން އައިސްފައިވެއެވެ.

މީގެ ސަބަބުން އަހަރެމެންނަށް ލިބޭ ފައިދާތަކުގެ ތެރޭގައި އެނދުގައި ކަށިޖަހާ ބާވަތުގެ ނުރައްކާތެރި ސޫތްޕެއް ފަދަ އެއްޗެއް އޮތްނަމަ އެ އެއްޗަކުން، ނުވަތަ ސިހުރުވެރިއެއްގެ ސިހުރެއް އޮތްނަމަ އެ އެއްޗަކުން ސަލާމަތް ވެގެންދާނެއެވެ. މީގެ އިތުރުން މައުނަވީ އެއްޗެއް (އަހަރެމެންގެ ލޮލަށް ނުފެންނަ ޖިންނި ޝައިޠާނުންފަދަ އެއްޗެހި) އޮތްނަމަ ވެސް ﷲ ގެ އިރާދަފުޅުން އެ އެއްޗެއްގެ ކިބައިން ވެސް ސަލާމަތްވާނެއެވެ.

 

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްވާފައިވާ އިރުޝާދުތަކަކީ އެ ކަންކަމުގައި ހިފައިފި ކަމުގައިވާނަމަ ދެ ދުނިޔޭގެ ބާއްޖަވެރިކަން އަހަރެމެންނަށް ލިބިގެންދާނެ ފަދަ ކަންކަމެވެ.

 

މަޢުލޫމާތު ނަގާފައިވަނީ އައްޝައިޚް އަޙްމަދު ސަމީރުގެ “مع الله” ގެ ދަރުހަކުން.

https://soundcloud.com/jamiyyathsalaf/audio-soundcloud

0