އަޤީދާ
ޤިޔާމަތްދުވަހު ކާފިރު މީހާގެ ދަތް އުޙުދު ފަރުބަދައާ އެއްވަރުވާނެ!

ނަބިއްޔާ ﷺ ބައެއްފަހަރަށް ނަރަކައާއި ބެހޭގޮތުން އިންޒާރުދީ ހައްދަވައެވެ. އެތާގެ ބިރުވެރިކާމާއި ވޭންދެނިވި ޢަޛާބު ޞަޙާބިންނަށް ވިދާޅުވެދެއްވައެވެ. އޭގެ ސަބަބުން އެނަރަކައިން ސަލާމަތްވުމަށް މީސްތަކުން މަސައްކަތް ކުރުމަށް ހިތްވަރު ލިބިގެންދާނެތީއެވެ. އަދި ﷲގެ ޢަޛާބަށް ބިރުވެތިވެ ނަފްސުތައް ޚުޝޫޢަތްތެރިވާނެތީއެވެ.

އާނއެކެވެ! އެއީ ވޭނާއި ކެކުޅުމާއި ޢަޒާބުގެ ގޮވައްޗެކެވެ. އެއީ ﷲގެ ޢަދާވާތްތެރިންގެ ޖަޒާއެވެ. ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމްވެ ތިބޭ ވަޒަނެއްގެ ގޮތުން އެތަން ހާދަހައި ނުބައިވެގެންވެއެވެ.

ނަރަކައަކީ ވޭންދެނިވި ޢަޛާބުދެއްވުމަށް ތައްޔާރުކުރެވިފައިވާ ތަނަކަށްވާއިރު އެތަނުގައި ދެވޭ ޢަޛާބު ބޮޑުކުރެއްވުމަށްޓަކައި ނަރަކައިގެ އަހުލުވެރިންގެ ހަށިތައް ބޮޑުކުރެވޭނެއެވެ. އެއީ އެބައިމީހުންނަށް ލިބޭ ޢަޛާބުގެ އަސަރު ބޮޑުކުރުމަށްޓަކައެވެ.

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ”‏ضِرْسُ الْكَافِرِ أَوْ نَابُ الْكَافِرِ مِثْلُ أُحُدٍ وَغِلَظُ جِلْدِهِ مَسِيرَةُ ثَلاَثٍ“‏ (ރިވާކުރެއްވީ މުސްލިމް)

މާނައީ: ”(ޤިޔާމަތްދުވަހު) ކާފިރުމީހާގެ އެތެރޭ ކޮލުދަތް ނުވަތަ މެދުދަތް އުޙުދު ފަރުބަދައާއި އެއްވަރެވެ. އަދި އޭނާގެ ހަންގަނޑުގެ ބޯމިން ތިން ރޭގެ ރާސްތާއާއި އެއްވަރެވެ.“

އާދެ, ދަތަކީ އިންސާނަގެ ގުނަވަންތަކުން އެންމެ ކުޑަ އެއް ގުނަވަނެވެ. އެ ގުނަވަން އެހާ ބޮޑުކުރެވޭއިރު ދެން ހުރި ގުނަވަންތައް ކިހާ ބޮޑެތިވާނެ ހެއްޔެވެ! ދެން އެވަނީ ހަންގަނޑުގެ ވާހަކައެވެ. ބައެއް ރިވާޔަތްތަކުގައި ހަންގަނޑުގެ ބޯމިނުގައި 70 ޛިރާޢު ހުންނާނެކަމަށް އައިސްފައިވެއެވެ. އެއް ޛިރާޢަކީ 46 ސެންޓިމީޓަރާއި 61 ސެންޓިމީޓަރާއި ދެމެދެވެ. ނަރަކައިގައި ދެވޭ ޢަޛާބުގެ ބޮޑުކަމުން އެ ބޯ ހަންގަނޑު އަނދައަނދައި ހުންނާނެއެވެ. އަނދައިގެން ދިއުމުން އަނެއްކާ އެ ހަންގަނޑު ބަދަލުކުރައްވާނެއެވެ. އަނެއްކާވެސް އެފަދައި އަނދައިގެން ދާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

{كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ} [النساء: 56]

“އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ، އެއުރެން ޢަޛާބުގެ ރަހަ ލިބިގަތުމަށްޓަކައެވެ.”

މާތްﷲ އަޅަމެން ނަރަކައިގެ ވޭންދެނިވި ޢަޛާބުން ސަލާމަތްކުރަށްވާށިއެވެ!

0