ނަޞޭޙަތާއި އިރުޝާދު
ދަރިންނަށް ޤުރްއާން ކިޔަވައިދޭއިރު….

ދަރިންނަކީ ކޮންމެ މަންމައާއި ބައްޕައެއްގެ ލޮލުގެ ފިނިކަމެވެ. ކުއްޖާ ދުނިޔެއަށް އައުމާއެކު އެ މަންމައާއި ބައްޕަގެ ހިތުގައި އެކުއްޖާއަށްޓަކައި އެތައް ހުވަފެންތަކެއް ދެކެއެވެ. ބޮޑުވަމުން އަންނަ ކުއްޖަކު  ޤުރްއާނާއި ސުންނަތަށް ލޯބިކޮށް، ފަރުޟް ފަސްނަމާދު ކޮންމެ ދުވަހަކު ކުރާތަން ފެނުމަކީ މުސްލިމް މަންމައަކާއި ބައް÷ޕައަށް ބަޔާންކުރަންވެސް ނޭނގޭފަދަ ހިތްހަމަ ޖެހުމަކާއި އުފާވެރިކަމެއް ލިއްބައިދޭ ކަމެކެވެ.

ބޮޑެތި މީހުންނަށް ކިޔަވައިދޭ ފަދައިން ތުއްތު ކުދިންނަށް ޤުރްއާން ކިޔަވައި ދިނުމަކީ ހަމަގައިމުވެސް ފަސޭހަކަމަކަށް ނުވާނެއެވެ. ކިޔަވައި ދިނުމުގައި ބެލެނިވެރިންގެ ކެތްތެރިކަމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކުދިންނަކީ އަލަށް ދަސްކުރާ އަދި އެފަދަ ކަންކަމުގައި ގިނަ ވަގުތު ހޭދަކުރަން އުނދަގޫ ކުދިންނެވެ. ވުމާއެކު އެކުދިންނާ މުޢާމަލާތްކޮށް، ކިޔަވައި ދިނުމުގައި އެކުދިން ފޫހިނުވާނެ ފަދަގޮތަކަށް ގެންދިޔުމަކީ ބޭނުންތެރި ކަމެކެވެ. އަދި އެކުދިންގެ ހިތުގައި ޤުރްއާނަށް ލޯބި އުފެދޭނެ ކަމެކެވެ.

ކިތަންމެ ކުޑަ ސޫރަތެއް ނުވަތަ އާޔަތެއް ނަމަވެސް ދަސްވުމުން އެކުދިންނަށް ހިތްވަރުދިނުމަކީ އެކުދިން އެކަން ކުރާހިތްވާނެ ސަބަބެކެވެ. ކޮންމެ ފަހަރަކު ހިތްވަރު ދިނުމުގެ ގޮތުން އަގުބޮޑެތި އެއްޗެހި ގަނެނުދެވުނަސް، “މާޝާ ﷲ ދަރިފުޅު ހާދަ މޮޅޭ” ބުނެ ބޮލުގައި ފިރުމާލުމަކީ ވެސް ކުއްޖާއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. ބޮޑު އުފަލެކެވެ.

އޭގެ އިތުރުން ސޫރަތްތައް ކިޔަވައިދޭއިރު ސޫރަތްތަކުގެ މާނަ ކުއްޖާއަށް ދޭހަވާ ގޮތަށް ނުވަތަ އެ ސޫރަތުގައި އެވަނީ ކޮންވާހަކަ އެއްކަން ކިޔައިދިނުމަކީ ކުއްޖާ ފޫހިނުވެ، ޝައުޤުވެރިކަން އިތުރުވާނެ ކަމެވެ. އޭގެ ސަބަބުން އާ ބަސްތަކާއި އާ ވާހަކަތައް ކުއްޖާއަށް ދަސްވެގެން ދެއެވެ. އެކުދިން ތަބީޢަތުގައި ވެސް އާ ކަންތައްތަކާއި އާ އެއްޗެހި ދަސްކޮށް އަޑު އެހުމަށް ޝައުޤުވެރި ވެއެވެ. ކިޔަވައިދިނުމުގައި ޚާއްސަކޮށް ޤުރްއާން ކިޔަވައި ދިނުމުގައި މިފަދައިން ތަފާތުތައް ގެނެވޭނަމަ ކުއްޖާ ފޫހިނުވެ އެކަމުގައި ކުރިއަށް ދިނުމަށް ބާރަކަށް ވެދެއެވެ.

ދަރިންގެ ހިތުގައި ޤުރްއާނަށް ލޯބި ޖައްސާ، ޤުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރަން އަޅުގަނޑުމެން ލޯބި ކުރާނަމަ، ހުދު އަޅުގަނޑުމެންނަކީވެސް އެދަރިންނަށްވާ ނަމޫނާއަކަށް ވާންވާނެއެވެ. ހަމައެކަނި އެދަރިންނަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އިޙްސާސްވިޔަ ނުދީ، އެއީ އަޅުގަނޑުމެންވެސް ކޮންމެ ދުވަހަކު ކުރާ ކަމެއްކަން ފެންނަން ވާނެއެވެ. ކޮންމެ ދުވަހަކު ޤުރްއާން ކިޔެވުމުގައި އަޅުގަނޑުމެން ވަގުތު ހޭދަކުރާތަން ފެންނަނަމަ، އެކުދިންވެސް އަހަރެމެންގެ ކިބައިން އެކަން ދަސްކުރާނެއެވެ. އެގޮތަށް ނަމޫނާ ދައްކާ ދޭށެވެ. ﷲ ގެ އިރާދަފުޅުން އެކުދިންވެސް އެގޮތަށް ކަންތައް ކުރާނެއެވެ.

މިފަދަ ހުރިހާ ކަމަކާއެކު އަޅުގަނޑުމެން ހަނދާންނައްތާ ނުލަންޖެހޭ ކަމެއްވެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުން އެހީއާއި މަދަދަށް އަބަދުވެސް އެދުމެވެ. އެކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ.

ކީރިތި ޤުރްއާނަކީ އަޅުގަނޑުމެނާއި އަޅުގަނޑުމެންގެ ދަރިންގެ ހިތުގެ ނޫރުކަމުގައި ލައްވާށި!

0