ނަޞޭޙަތާއި އިރުޝާދު
މުޅި މީސްމީޑިއާގަ ހުސް ރެސިޕީ

ރަމަޟާން މަސް އައުމުން އަޅުގަނޑުމެނަށް އެންމެ އިވޭ އަޑަކީ ނުވަތަ އިސްތިހާރު ތަކުން އެންމެ ދެކެވޭ އެއްވާހަކަޔަކީ ރޯދައަށް ގޭތެރޭގެ ފަރުނީޗަރުތައް ބަދަލުކޮށްލާ ވާހަކައެވެ. ޙާއްސަކޮށް ބަދިގެ ސެޓްތައް އާކޮށްލާ ރޯދަމަހަށް ތައްޔާރުވާ ވާހަކައެވެ.

ބައެއް މީހުންގެ ޢަމަލުތައް ހުންނަ ގޮތުން ބައެއްފަހަރު ހީވާކަހަލައެވެ. ރަމަޟާން މަސް އެއީ ބަދިގެއަށް އަންނަ މޫސުމެކެވެ. ބަދިގޭގެ ހިފާ ގެންގުޅޭ ސާމާނުތައް ބަދަލުކުރުމާއި ކެއްކުމަށް ބޭނުންވާ އެންމެހާ ތަކެތި ގަނެ ވަރަށް ތައްޔާރީވެއެވެ. ރޯދަމަސް ފެށުމާއެކު މުޅި މީސްމީޑިއާ ފުރާލަނީ ރެސިޕީތަކުންނެވެ. އެހެންނަމަވެސް ހިތުގައި އުފެދޭ ސުވާލަކީ ރަމަޟާން މަހަކީ ކެއުމާއި ބުއިމުގެ މައްސަރެއް ހެއްޔެވެ؟ ދުވާލުގެ ވަކި ވަގުތުކޮޅެއްގަ ކެއުމާއި ބުއިމުން ދުރުހެލިވެގެން ހުންނާތީވެ، ބާކީ ވަގުތުތައް އެކަމުގައި މުޅިން ދުއްވާލަން ވީތޯއެވެ؟

އަޅުގަނޑުމެން ޝަރުޢީ ނަޒަރަކުން އެރޯދައަށް ބަލާލައިފިނަމަ، ފެނިގެންދަނީ ކުރިން ފާހަގަ ކުރި ގޮތަށް ހަމައެކަނި ކެއުމާއި ބުއިމުގެ މައްސަރެއްގެ ގޮތުގައެއް ނޫނެވެ. އެހެނެއްކަމަކު އެރޯދައަކީ ދުނިޔެވީ އަދި އުޚްރަވީ އެތައް މަންފާއަކާއި ފައިދާއެއް ލިބިދޭ މަތިވެރި އަޅުކަމެއްގެ ގޮތުގައެވެ. ރޫހާނީ ގޮތުން އަހަރެމެންގެ އީމާންކަމާއި ތަޤުވާވެރިކަން ތާޒާކޮށް އިޞްލާޙް ކުރުމަށް ހިތްވަރުއާވެ، އެކަމަށް ފުރުޞަތު ލިބިދެއެވެ. އަދި މާއްދީ ގޮތުން ބަލާއިރު ދެރަ ނިކަމެތި ބަނޑުހައި ހޫނުކަމުގައި އުޅެމުންދާ ފަޤީރުންގެ ނިކަމެތިކަން އިޙްސާސް ކުރެވި އަދި ސިއްޙީ ގޮތުންވެސް އެތައް ފައިދާއެއް ރޯދައިގެ އަޅުކަމުގައި ހިމެނިގެންވެއެވެ.

ރޯދަމަސް އައުމުން އަހަރެމެން ކެއުމުގެ ކަންކަމަށް ސަމާލުކަން ދޭ ފަދައިން އަހަރެމެންގެ އީމާންކަން ތާޒާކޮށް، މުރާޖަޢާ ކުރަންޖެހެއެވެ. އެމަސް އަޅުގަނޑުމެނާ ބައްދަލުކޮށް ވަކިވެގެން ދާއިރު އަޅުގަނޑުމެންގެ އުޅުމާއި ގުޅުމަށް ހެޔޮބަދަލު އަންނަން ޖެހެއެވެ. ޙަޤީޤަތުގައި ރައްކާތެރިވެ، ސަމާލުކަންދޭންވީ މިކަންކަމަށެވެ. ކަމެއްގެ އަސްލު މަޤުޞަދު ގެއްލިއްޖެނަމަ، އޭގެ އެންމެ އެދޭ ނަތީޖާ ނުފެންނާނެއެވެ.

އަޅުގަނޑުމެންނަކީ އެންމެ ފުރިހަމަ ގޮތުގައި ރަމަޟާން މަހަށް ތައްޔާރުވާ ބަޔަކު ކަމުގައި ލައްވާށި! އަދި އެމައްސަރުގެ ބޮޑުވެގެންވާ ދަރުމައާއި ޘަވާބު މިންވަރު ކުރައްވާށި!

0