އަޚްލާޤު
ނަބިއްޔާ ﷺ ޙަދީޘްފުޅުކުރެއްވި އަރަތެއް! ޖަވާބު އެނގޭތަ؟

މާތް الله ރުއްސުން ލެއްވި ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދުالله ވިދާޅުވިއެވެ. ތިމަންބޭކަލުން ނަބިއްޔާ ﷺ ގެ އަރިހުގައި ވަނިކޮށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” ހަމަކަށަވަރުން ގަސްތަކުގެތެރޭގައި ގަހެއްވެއެވެ. އޭގެ ފަތްތަކެއް ނުވެއްޓެއެވެ. އަދި އެގަހުގެ މިސާލަކީ މުސްލިމެއްގެ މިސާލެވެ. ފަހެ, ތިބޭކަލުން އެއީ ކޮން ގަހެއްކަން ވިދާޅުވެ ބައްލަވާށެވެ!”

ދެން, މިސްތަކުން ވިސްނުނީ އެއީ ބާދިޔާގެ ގަހެއްކަމަށެވެ. ޢުމަރުގެފާނުގެ ދަރިކަލުން(މިޙަދީޘްގެ ރާވީ) އަށް ވިސްނިވަޑައިގަތީ އެއީ ކަދުރު ރުއްކަމުގައެވެ. ނަމަވެސް އޭރު އެކަލޭގެފާނަކީ ޢުމުރުން ހަގު ބޭފުޅެކެވެ.  އަބޫބަކުރުގެފާނާއި, އެކަލޭގެފާނުގެ ބައްޕާފުޅު ޢުމަރުގެފާނުވެސް އެއްވެސް ޖަވާބެއް ނުދެއްވާ އިންނެވިތަން ފެނިވަޑައިގަތެވެ. އެހެން ކަމުން ޖަވާބު އެނގުނުކަމުގައި ވިޔަސް އެކަލޭގެފާނަށް ޖަވާބުދެއްވާކަށް ކެރިވަޑައެއް ނުގެންނެވިއެވެ.

ދެން ރަސޫލު الله ﷺ ޙަދީޘްކުރެއްވިއެވެ. “އެގަހަކީ ކަދުރުރުކެވެ.”

ދެން އުމަރުގެފާނުގެ ދަރިކަލުން އެކަލޭގެފާނުގެ ބައްޕާފުޅާއެކު އެ މަޖަލިހުން ނުކުމެވަޑައިގެން ބައްޕާފުޅަށް ވިދާޅުވިއެވެ.

“އޭ ބައްޕާއެވެ! الله ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނަށް އެއީ ކަދުރު ރުއްކަން ވިސްނިވަޑައިގަތެވެ.”

އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. “ތިބާ ވާހަކަދެއްކުން މަނާކުރީ ކޮންކަމެއް ހެއްޔެވެ؟”

އުމަރުގެފާނުގެ ދަރިކަލުން ވިދާޅުވިއެވެ. “ބައްޕާފުޅުމެން ވާހަކަ ނުދައްކަވާ ތިއްބެވިތަން ފެނިވަޑައިގަތުން ތިމަންނާ ވާހަކަ ދެއްކުމަށް ނުވަތަ އެއްޗެއް ބުނުމަށް ނުރުހުނީއެވެ.”

ދެން ޢުމަރުގެފާނު ވިދާޅުވިއެވެ. “ތިބާ ޖަވާބުދެއްވިނަމަ އެކަން ބައްޕަގެ އަރިހުގައި މިވެނި އެވެނި ކަމަކަށްވުރެ ލޮބުވެތިކަން ބޮޑުވީހެވެ؟”

(މި ޙަދީޘް އިމާމުލް ބުޚާރީ އާއި މުސްލިމުގެ އިތުރުން އައްތިރްމިޛީ އާއި އަޙްމަދުވެސް ރިވާކުރައްވާފައިވެއެވެ. މަތީގައި އެވަނީ ހުރިހާ ޙަދީޘެއްގެ އަލީގައި ފަސޭހައިން ފަހުން ވާނޭ ގޮތައް ގެނެސްފައެވެ.)

0