ޚަބަރު
ލައިލަތުލް ޤަދްރި ވިލޭރެއަކީ، ރަޙްމާންވަންތަ ﷲ ދެއްވާ ދެއްވުންތަކުގެ ތެރެއިން އަހަރެމެންގެ ހިތަށް ނުގެނެވޭފަދަ ދީލަތި، ބަރަކާތްތެރި ދެއްވުމެއް: ހުކުރުޚުތުބާ

އެއްހާސް މައްސަރަކީ ގާތްގަނޑަކަށް އަށްޑިހަ ތިން އަހަރެވެ. އަހަރެމެންގެ ތެރެއިން އެއްވެސް މީހަކަށް 83 އަހަރު، ކޮންމެ ދުވަހަކު، ހުރިހައި ވަގުތެއް އަޅުކަމުގައި ހޭދަކުރެވޭނެތޯއެވެ؟ އަހަރެމެން 83 އަހަރު ދުނިޔޭގައި ދިރިއުޅުނު ކަމުގައި ވިޔަސް އެމުއްދަތުގެ މަދު އިންސައްތައެއް މެނުވީ، އަހަރެމެންނަށް އަޅުކަމުގައި ހޭދައެއް ނުކުރެވޭނެއެވެ. އެހެންކަމުން ލައިލަތުލް ޤަދްރި ވިލޭރެއަކީ، ރަޙްމާންވަންތަ ﷲ ދެއްވާ ދެއްވުންތަކުގެ ތެރެއިން އަހަރެމެންގެ ހިތަށް ނުގެނެވޭފަދަ ދީލަތި، ބަރަކާތްތެރި ދެއްވުމެކެވެ.

 

ކުރިއަށް އޮތް އަހަރަށް އަހަރެމެން ފޮނި އުއްމީދުތަކެއް ކުރަމުން ދާއިރު، އެ އަހަރު ދުނިޔެ ދޫކުރަން ޖެހުމަކީ ވެސް އެކަށީގެންވާކަމެކެވެ. އެހެންކަމުން މި ފަނާވަނިވި ދުނިޔޭގެ އަރާމާއި ލައްޛަތަށްވުރެ، އާޚިރަތް އިސްކުރާށެވެ! އަދި ލައިލަތުލް ޤަދްރި ވިލޭރޭ، ބުޑު لهل ހުރިހާ ނިޔާއެއް ކަނޑައަޅުއްވާ ހިނދު، ﷲ އެކަލާނގެ ރުއްސަވާވޮޑިގެންވާ ހެޔޮ ޢަމަލެއްގައި ވުމަށް، މަސައްކަތް ކުރާށެވެ! އެރޭ، ﷲ އަށް މުނާޖާ ދަންނަވައި، ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދި ދުޢާ ކުރުމުގައި ތިބޭ މީހުންގެ ތެރެއިން ވާށެވެ! އެރޭގެ ދުޢާގެ ސަބަބުން ޢުމުރު ދިގުވެ، ރޯދި ބަރަކާތުގެ ދޮރުތައް އެބަޔަކަށް ހުޅުވޭ މީހުންގެ ތެރެއިން ވުމަށް ގަދަ އަޅައި މަސައްކަތް ކުރާށެވެ!

 

ދުޢާއަކީ، މުއުމިނުންގެ ހަތިޔާރެވެ. އަދި ހުރިހާ ނުބައިކަމަކުން ރައްކާތެރިކަން ހޯދާ އައްޑަނައެވެ. ވީމާ އަމިއްލަ ނަފްސަށާއި،
ޢާއިލާއަށްޓަކައި، ހެޔޮ ދުޢާ ކުރާށެވެ! ދުނިޔެއާއި އާޚިރަތުގެ ހުރިހާ ހެވަކަށް އެދިއެވެ. މާތް ﷲ އަށް ކިޔަމަންވެ ހެޔޮ ޢަމަލުކުރުން މަތީ ލެހެއްޓެވުމަށް އެދިއެވެ. ހެޔޮ ނިމުމެއް ދެއްވައި، އެންމެ މަތީ ދަރަޖަ އެދިއެވެ. އެންމެހާ މުންކަރާތްތަކާއި، ފާޙިޝް ކަންތައްތަކުން ރައްކާތެރި ކުރެއްވުން އެދިއެވެ. ޣީބައާއި، ދޮގާއި، މަކަރުން ސަލާމަތް ކުރެއްވުން އެދިއެވެ. ރިބާ އާއި، ރިޝްވަތުގެ ނުބައިކަމުން ދުރުކޮށްދެއްވުން އެދިއެވެ. އަދި ހަމަ އެހެންމެ، ދިވެހި އުއްމަތުގެ އެއްބައިވަންތަކަމާއި، އަމާންކަމާއި، ތިޔާގި ކަމަށްއެދި ދުޢާ ކުރާށެވެ! އަދި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި މުސްލިމުންނަށްޓަކައި ހެޔޮ ދުޢާ ކުރާށެވެ! ކާފިރުންގެ އަނިޔާވެރިކަމުން މުސްލިމް ނިކަމެތި ކުޑަކުދިންނާއި، ބޮޑެތިމީހުން ރައްކާތެރިކުރައްވައި، އެބައިމީހުންނަށް އަމާންކަން ދެއްވާތޯ ދުޢާ ކުރާށެވެ!

0