ރަމަޟާން
ރަމަޟާން މަހުގައި ހެދޭ ބައެއް ގޯސްތައް (1) : ކެއުމާ ގުޅޭ ބައެއް ގޯސްތައް
  1. ކާތަކަކެއްޗަށް ބޮޑު އިސްކަމެއް ބެހެއްޓުން.

ރަމަޟާން މަހަކީ އަޅުކަމުގެ މޫސުމެކެވެ. ކެއުމުގެ މޫސުމެއް ނޫނެވެ. ފައިދާ ހުރި ކާނާ އެކުލެވޭނޭހެން، އެހެން މަސްމަހުގައި ވެސް ކައްކާ ފަދައިން ކައްކައި ކެއުންތައް ތައްޔާރު ކޮށްފައި ރޭގަނޑު ދެއިރެއްގައި ކައިފައި ރޯދަ އަށް ހުންނަ ނަމަ ބަދިގޭގައި އުޅޭ ފަރާތްތަކަށް ވެސް މިމާތް މަހުގެ އަޅުކަމުގައި ގިނަވަގުތު އުޅެވޭނެއެވެ. އަދި ހަށިގަނޑަށްވެސް މާ ފައިދާ ކުރާނެއެވެ.

  1. މާ ކުރިން ހާރު ކެއުން.

ހާރު ކެއުން ލަސްކުރުމަށް ދީން ބާރުއަޅައެވެ. ބައެއްފަހަރު ވާގޮތަކީ، ތަރާވީޙް ނަމާދު ފަހުން ބޮޑު ކެއުމެއް ކާލާފައި ދެން އެހިސާބުން ހާރު ކެވުނީ ކަމަށް ބަލާފައި ބަރުހެލި ކަމާއެކު ނިދާލަނީއެވެ. އަދި ހާރުގަޑީގައި އެއްވެސް އެއްޗެއް ނުކައި އެބަރަކާތްތެރި ކެއުން ދޫކޮށްލަނީއެވެ. އޭގެ ބަދަލުގައި ހާރު ދަމުގައި ތެދުވެ ކޮންމެވެސް ވަރަކަށް ރޭ އަޅުކަން ކޮށްފައި ފައިދާހުރި ކެއުމެއް ހާރު ގަޑީގައި ކާލާނަމަ ދީނީ އަދި މާއްދީ އެތައް ފައިދާތަކެއް ލިބިގެންދާނެއެވެ. އަދި ކަދުރަކީ ހާރުގަޑީގައި ކެއުމަށް ވަރަށް ރަނގަޅު ކާނާގެ ބާވަތެއް ކަމަށް އަހަރެމެންގެ ނަބިއްޔާ ވަނީ އަންގަވާ ދެއްވާފައެވެ.

  1. ނޭނގި ކެއުމުން ރޯދަ ގެއްލޭނެ ކަމަށް ހީކުރުން.

މިއީ ރޯދަ ގެއްލޭ ކަމެއް ނޫނެވެ. ރޯދަ ގެއްލޭނީ ގަސްތުގައި ކޭނަމައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރެއްވިއެވެ. إِذَا نَسِيَ أَحَدُكُمْ، فَأكَلَ، أَوْ شَرِبَ، فَلْيُتِمَّ صَوْمَهُ، فَإنَّمَا أطْعَمَهُ اللهُ وَسَقَاهُ (رواه البخاري(6669) ومسلم(1155)) މާނައީ: “ރޯދައަށް ހުރި މީހަކު ހަނދާންނެތިގެން އެއްޗެއް ކައިބޮއި ހަދައިފިނަމަ، ފަހެ އެ މީހެއްގެ ރޯދަ ފުރިހަމަ ކުރާ ހުށިކަމެވެ. ފަހެ، ހަމަކަށަވަރުން، އެއީ އެ މީހަކަށް މާތް ﷲ ދެއްވި ކެއުމެއް ނުވަތަ ބުއިމެކެވެ..”

  1. ކައްކާ މީހާ ކާތަކެތީގެ ރަހަބެލުމުން ރޯދަ ގެއްލޭނެ ކަމަށް ހީކުރުން.

ރޯދަ ގެއްލޭނީ ގަސްތުގައި ކުރާ ކަމަކުން އެއްޗެއް ކެއުމުންނެވެ. ކައްކާ މީހަކު ކާތަކެތީގެ ރަހަ ރަނގަޅު ކުރުމަށް ޙާޖަތް ޖެހޭ ހިނދު، އޭގެއިން ރަހަ ބަލާލާއި އެ ދިރުވާ ނުލައި އަނގަ ދޮވެލުމަކުން އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ.

  1. މަޣްރިބު ނަމާދުގެ ބަންގި ގޮވާ ނިމެންދެން އެއްވެސް އެއްޗެއް ނުކެވޭނެ ކަމަށް ޤަބޫލު ކުރެވުން.

އިރުއޮއްސުމާއެކު ރޯދައަށް ހުރިމީހާ ކެއުން ހުއްދަނާނެއެވެ. މަޣްރިބު ނަމާދު ބަންގި ގޮވާނީ އިރު އޮއްސުމުންނެވެ. އެހެންކަމުން ބަންގި ގޮވަން ފެށުމާއެކު ރޯދަ ވީލާލެވޭނެއެވެ. އަދި ކެއިން ބުއިމާއި، ރޯދައަށް ހުންނައިރު ކުރުން ޙަރާމްވާ އެހެން ކަންކަން ވެސް ބަންގި ގޮވުމުގެ ފަހުން ކުރުން ހުއްދަވާނެއެވެ.

0