ނަޞޭޙަތާއި އިރުޝާދު
ވާހަކަ: ޢަޖައިބެއް ފަދަ ކައިވެނީގެ ފުރަތަމަ ރޭ!

އެއްދުވަހެއްގައި އަލްޤާޟީ ޝުރައިޙު، އައްޝަޢުބީއާ ބައްދަލުވިއެވެ. އެހިނދު…

އައްޝަޢުބީ: “ތިބާގެ ޙާލު އަހުވާލު ކިހިނެއް ހެއްޔެވެ؟”

އަލްޤާޟީ ޝުރައިޙު: “ވިހި އަހަރު ވެގެން ދިޔައިރު އަހުރެންގެ އަހުލުވެރިން (އަނބިމީހާ) ގެ ކިބައިން އަހުރެން ރުޅިއަންނަ އެއްވެސް ކަމެއް ނުފެނެއެވެ.”

އައްޝަޢުބީ: “އެއީ ކިހިނެތް ހެއްޔެވެ؟”

އަލްޤާޟީ ޝުރައިޙު، އަނބިމީހާގެ ފަރާތުން ފެނުނު ޢަޖައިބު ކުރުވާފަދަ ކަންކަން އައްޝަޢުބީއަށް ކިޔައިދެމުން ގެންދިޔައެވެ.

އަލްޤާޟީ ޝުރައިޙު: “އަހުރެން ކައިވެނި ކޮށްގެން އަނބިމީހާގެ ކައިރިއަށް ވަން އިރު ފެނުނީ ފިތުނަވެރި ކުރުވާފަދަ ރީތިކަމަކާ ފުރިހަމަ ކަމެކެވެ.”

އެހިނދު އަހަރެން ބުނީމެވެ: “މާތް ﷲ އަށް ޝުކުރުވެރި ވުމުގެ ގޮތުން 2 ރަކުޢަތުގެ ނަމާދެއް އަހުރެން ކޮށްލާނަމެވެ.”

މިހެން ބުނުމަށްފަހު އަހުރެން ނަމާދު ފެއްޓީމެވެ. އަހުރެން ނަމާދުން އަވަދިވިއިރު، އަނބިމީހާ ވެސް އަހުރެންނާއެކު ފަހަތުގައި ތަބަޢަވިއެވެ. އެއަށްފަހު ގެއިން މީހުން ހުސްވުމުން އަނބިމީހާގެ ކައިރިއަށް ޖެހިލީމެވެ. އަދި އަނބިމީހާ އާ ދިމާއަށް އަތް ދިއްކޮށްލިތަނާ ބުންޏެވެ.

“އޭ އަބޫ އުމައްޔާއެވެ! އިހަށް މަޑު ކޮށްލާށެވެ!” އެ އަށްފަހު ފެށިއެވެ.

(ﷲ އަށް ޙަމްދާއި ޘަނާ ކިޔުމަށްފަހު) “އެއަށްފަހު ދަންނާށެވެ! ތިބާގެ ރަށުގައި އަހުރެން ނޫނަސް ތިބާއާ ކުފޫ ހަމަވާ އަންހެނުން އެބަތިއްބެއެވެ. އަދި އަހުރެންގެ ރަށުގައި ތިބާ ނޫނަސް އަހުރެންނާ ކުފޫ ހަމަވާ ފިރިހެނުން އެބަތިއްބެއެވެ. އެހެންނަމަވެސް މާތް ﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަމެއް ވެދެއެވެ. ފަހެ މާތް ﷲ ތިބާއަށް އެކަމަކަށް އަމުރު ކުރައްވާ ކަމެއް ކުރާށެވެ! އަހުރެންނާއެކު ހެޔޮ ގޮތުގައި ދިރިއުޅުމެވެ. ނޫންނަމަ ހެޔޮ ގޮތުގައި އަހުރެން ދޫކޮށްލުމެވެ.”

އަހަރެން ވެސް ޚުޠުބައެއް ދިނުމަށް މަޖުބޫރިވިއެވެ.

އަހުރެން ބުނީމެވެ: (ﷲ އަށް ޙަމްދާއި ޘަނާ ކިޔުމަށްފަހު) “އެއަށްފަހު ދަންނައެވެ. ތިބާ ތިބުނި ބަސްތަކުގައި ޘާބިތުވެއްޖެނަމަ، އެބަސްތައްވާނީ ތިބާގެ ނަޞީބަކަށެވެ. އަދި އެއާ ޚިލާފުވެއްޖެނަމަ، އެބަސްތައްވާނީ ތިބާއާ ދެކޮޅަށްވާ ޙުއްޖަތަކަށެވެ.”

އެއަށްފަހު އަނބިމީހާ ބުންޏެވެ: “ތިބާގެ އަވައްޓެރީންގެ ތެރެއިން އެބަޔަކަށް ތިބާ ލޯބިކުރާ މީހުންނަކީ ކޮބާ ހެއްޔެވެ؟ އަދި އެބަޔަކަށް ލޯބި ނުކުރާ މީހުންނަކީ ކޮބާ ހެއްޔެވެ؟

އަހުރެން: “ހަމަކަށަވަރުން އެވެނި މިވެނި މީހުންނަކީ ހެޔޮލަފާ ރަނގަޅު މީހުންނެވެ. އަދި އެވެނި މިވެނި މީހުންނަކީ ހެޔޮލަފާ ރަނގަޅު މީހުންނެއް ނޫނެވެ.”

އަނބިމީހާ: “ހެޔޮލަފާ ރަނގަޅު މީހުންނަށް އަހުރެން މިގެއަށް އައުމަށް ހުއްދަ ދެމެވެ. އަދި އެނޫން މީހުންނަށް ހުއްދައެއް ނުދެމެވެ. އަހުރެންގެ އަހުލުވެރިން ޒިޔާރަތް ކުރުމަށް ލޯބިކުރަން ހެއްޔެވެ؟”

އަހުރެން: “ތިބާގެ އަހުލުވެރިންގެ ޒިޔާރަތްތަކުގެ ސަބަބުން ފޫހިވާކަން ލޯބި ނުކުރަމެވެ.”

އެއަށްފަހު އަހަރެއްހާ ދުވަސް ފަހުން ޝަރީޢަތުގެ މަޖިލީހަކުން އަހުރެން އެނބުރި ގެއަށް އައިއިރު، އަނބިމީހާގެ ކައިރީގައި އަންހެނަކު އެބަހުއްޓެވެ.

އަހުރެން އެހީމެވެ: “އެއީ ކޮން އަންހެނެއް ހެއްޔެވެ؟”

އަނބިމީހާ: “އެއީ އަހުރެންގެ މަންމައެވެ.”

އެހިނދު އަހުރެން އަނބިމީހާގެ މަންމަ ކައިރިއަށް ގޮސް ސަލާމް ކުރީމެވެ.

އަނބިމީހާގެ މަންމަ: “އޭ އަބޫ އުމައްޔާއެވެ! ތިބާގެ އަނބިމީހާއާމެދު ދެކެނީ ކިހިނެތް ހެއްޔެވެ؟”

އަހުރެން: “އެންމެ ހެޔޮވެގެންވާ ޙާލުގައެވެ.”

އަނބިމީހާގެ މަންމަ: “އަންހެނަކު ދެ ޙާލަތެއްގައި މެނުވީ ފާސިދު ނުވާނެއެވެ. އެއީ ކައިވެނި ކުރާ ހިނދުގައެވެ. ނުވަތަ ދަރިއަކު ލިބޭ ހިނދުގައެވެ. ފަހެ، ތިބާ ބޭނުންވާ ގޮތަކަށް އެކަނބުލޭގެ އަދަބުވެރި ކުރުވާށެވެ. އަދި ތިބާ ބޭނުންވާ އެއްޗެއް އެކަނބުލޭގެއަށް އުނގަންނައިދޭށެވެ.”

ފަހެ، އަހުރެން 20 އަހަރު ވަންދެން އޭނާއާއެކު ދިރިއުޅުނީމެވެ. އެނާގެ ފަރާތުން އަހުރެން ރުޅިއަންނަން ޖެހޭފަދަ ކަމެއް އެންމެ ފަހަރަކު ނޫނީ ނުދެކެމެވެ. އެފަހަރުވެސް އެއީ އަހުރެންގެ ކުށަކުން ވީކަމެކެވެ. ކުށްވެރިއަކީ އަހުރެންނެވެ.

0