ނަޞޭޙަތާއި އިރުޝާދު
ވާހަކަ: ތިބާގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟

އިމާމް ބުޚާރީ އެކަލޭގެފާނުގެ ފޮތް އަލް އަދަބުލް މުފްރަދުގައި ޞައްޙަ ސަނަދަކުން ބަޔާންކުރައްވާފައިވެއެވެ.

އެއްދުވަހަކު މީހަކު ޢަބްދުﷲ ބިން ޢައްބާސް ރަޟިޔައްﷲ ޢަންހުމާގެ އަރިހަށް އައިސް ބުންޏެވެ. އޭ ﷲ ގެ ރަސޫލާގެ ބޮޑުބޭބެގެ ދަރިޔާއެވެ. އަހަރެން އަންހެނަކަށް ކައިވެންޏަށް ހުށައެޅީމެވެ. ނަމަވެސް އޭނާ އަހަންނާ ކައިވެނި ކުރުމަށް ދެކޮޅުހެދިއެވެ. ނަމަވެސް އެ އަންހެނާއާ އެހެން ފިރިހެނަކު ކަވެނި ކުރުމަށް ހުށައެޅުމުން އޭނާ އެއްބަސްވިއެވެ. އަހަރެން އެކަމާ ހަސަދަވެރިވެ އެ އަންހެނާ މަރާލީމެވެ. އަހަންނަށް ތައުބާ ވޭހެއްޔެވެ؟

ޢަބްދުﷲ ބިން ޢައްބާސް ރަޟިޔައްﷲ ޢަންހުމާ ވިދާޅުވިއެވެ. ތިބާގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟

އޭނާ ބުންޏެވެ. ނޫނެކެވެ.

ޖަވާބުގައި އެފަދައިން އޭނާ ބުނުމުން ޢަބްދުﷲ ބިން ޢައްބާސް ރަޟިޔައްﷲ ޢަންހުމާ ވިދާޅުވިއެވެ. ﷲ އަށް ތައުބާވާށެވެ. އިސްތިޣްފާރު ކުރުން ގިނަކުރާށެވެ. ކުރުމަށް ކުޅަދާނަވީ ކޮންމެ ހެޔޮ ޢަމަލަކުން ﷲ އަށް ކުއްތަންވުމަށް މަސައްކަތް ކުރާށެވެ.

އެއަށްފަހު ސުވާލު ކުރި މީހާ ހިނގައްޖެއެވެ.

އިބްނު ޢައްބާސް ރަޟިޔައްﷲ ޢަންހުމާ އެތަނުން ވަޑައިގަތުމުން އެކަލޭގެފާނުގެ ފަހަތްޕުޅުން އެކަލޭގެފާނުގެ ދަރިވަރެއް ކަމުގައިވާ ޢަޠާ އިބްނު ޔަސާރު ރަޙިމަހުﷲ ވަޑައިގެން ސުވާލު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާގެ ބޮޑުބޭބެގެ ދަރިޔާއެވެ. އޭނާގެ މަންމަ ދުނިޔޭގައި ހުރިތޯ އެއްސެވީ ކީއްވެގެންތޯއެވެ؟

އިބްނު ޢައްބާސް ރަޟިޔައްﷲ ޢަންހުމާ ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ. މައިމީހާއަށް ހެޔޮކޮށް ހިތުމަށްވުރެ ﷲގެ އަޅާ އެ އިލާހާ ކުއްތަން ކުރުވާ ޢަމަލެއް ތިމަންކަލޭފާނު ނުދަންނަމެވެ.

އަޅުގަނޑުމެންގެ ފާފަތައް ވަރަށް ގިނައެވެ. ރެއާއި ދުވާލު އަޅުގަނޑުމެންނަށް ފާފަ ކުރެވެއެވެ. ނަމަވެސް ﷲ ތަޢާލާ ވަނީ އެފާފަތައް ފުއްސަވާދެއްވާނެ މަގުތައް ތަނަވަސް ކުރައްވާފައެވެ.

އަޅަމެންގެ މައިންނަށް ހެޔޮކޮށް ހިތުމުގެ ހެޔޮ ތައުފީޤް މިންވަރު ކޮށްދެއްވާނދޭވެ! އާމީން!


މިއީ އައްޝެއިޚް ޞާލިޙް އަލް މަޣާމިސީ ޙަފިޡަހުﷲ ދަރުހެއްގައި ކިޔާދީފައިވާ ޙާދިޘާއެކެވެ.

0