ނަޞޭޙަތާއި އިރުޝާދު
މާޔޫސްވެފައިވާ ހިތްތަކަށް އުއްމީދު ލިއްބައިދޭނޭ 7 އާޔަތެއް

ތިރީގައި މިވަނީ މާޔޫސްވެފައިވާ ހިތްތަކަށް އުއްމީދު ލިއްބައިދޭނޭ 7 އާޔަތެކެވެ.

1)

[وَمَا كَانَ اللَّـهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ] ﴿٣٣سورة الأنفال 33

”އަދި އެއުރެން އިސްތިޣްފާރު ކޮށްކޮށް ތިއްބައި، ﷲ، އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ.“ (33)

މި އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުތަކުންނަށް ހަނދާންކޮށްދެއްވަނީ އެކަލާނގެ ރަޙުމަތުގެ ތަނަވަސްކަމާއި ފާފަ ފުއްސެވުމަށް އެދި ދުޢާކުރުމުގެ މުހިންމުކަމެވެ. މުސްލިމެއްގެ ހައިސިއްޔަތުން އަޅަމެން އަޤީދާކަމުގައި ވާންވާނީ ހެޔޮ ނިޔަތަކާއިއެކުވާ ތައުބާ ﷲ ގަބޫލުުކުރައްވާނެކަމެވެ. ތައުބާގެ ދޮރުވަނީ އެންމެނަށްވެސް ހުޅުވިފައެވެ.

2)

[فَإِنَّ مَعَ الْعُسْرِ يُسْرًا] ﴿٥﴾ [إِنَّ مَعَ الْعُسْرِ يُسْرًا] ﴿٦﴾  سورة الشرح 6 /7

”ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.“ (5) ”ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.“ (6)

ދަތިކަމެއް ކުރިމަތިވާ ހިނދު މިއާޔަތް ހަނދާނކޮށްލަމާތޯއެވެ. ޙަޔާތުގައި ދަތި އުނދަގޫ ކަމެއް މެދުވެރިވި ކަމުގައިވިއަސް މާޔޫސް ނުވާށެވެ. ހަމަކަށަވަރުން ދަތި ކަމަކަށްފަހު ފަސޭހަކަމެއް ވާނެކަން ހިތަށް އަރުވާލާށެވެ.

3)

[قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ] ﴿٥٣سورة الزمر 53

”ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ،  ރަޙީމްވަންތަ ރަސްކަލާނގެއެެވެ.“ (53)

ޤުރުއާނުގެ މި އާޔަތާއި މެދު ވިސްނާލާށެވެ. ﷲ ގެ އޯގާވަންތަކަމާއި ރަޙުމަތުގެ ތަނަވަސްކަމާމެދު ފިކުރު ހިންގާލާށެވެ. ކިތަންމެ ގިނަ ފާފައެއް ކުރެވުނުކަމުގައިވިޔަސް މާޔޫސް ނުވެ ތައުބާވުމަށް އަވަސްވާށެވެ. އުއްމީދު ކަނޑާނުލާށެވެ.

4)

[لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا ۚ ] سورة البقرة 286

”ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ.“

ޙަޔާތުގައި ގިނަގުނަ ހިތާމަތަކާއި މުޞީބާތްތައް ދިމާވެ ކަންބޮޑުވެފައިވާ މީހުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. އެއްވެސް މީހަކަށް ކުޅަދާނަނުވާ މިންވަރަކަށް ﷲ ތަކުލީފު ނުޖައްސަވާނެކަމެވެ. ﷲއީ އަޅުތަކުންގެ ޙާލު އެންމެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.

5)

[وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ ] سورة الأعراف 156

”އަދި ތިމަންރަސްކަލާނގެ ރަޙްމަތް ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ.“

އެކަލާނގެ ފާފަ ނުފުއްސަވާނެކަމުގެ ބިރު ހީވާނަމަ މިއާޔަތާއި މެދު ވިސްނާލާށެވެ. އެކަލާނގެ އެއީ ކޮޅުނެތްކޮޅަށް އޯގާވަންތަ ރަޙްމާނުވަންތަ ރަސްކަލާނގެއެވެ. ހެޔޮ ނިޔަތަކާއި އެކު ކޮށްފިނަމަ ﷲ ޤަބޫލުކުރައްވާނެކަން ޔަޤީންކުރާށެވެ.

6)

[وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ ۚ إِنَّ اللَّـهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّـهُ لِكُلِّ شَيْءٍ قَدْرًا] ﴿٣﴾  سورة الطلاق 3

”އަދި ﷲ އަށް ވަކީލު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.“ (3)

އެކަނިވެ ހާސްވެ ކަންބޮޑުވޭ ހެއްޔެވެ؟ މި އާޔަތުން އެނގިގެންދަނީ އަޅުތަކުންނަށް ﷲ އެކަނި ފުދޭ ކަމެވެ. އަދި ދުނިޔޭގައި އަޅަމެން އެކަނިވެރި ނުވާނެކަމެވެ. އަބަދުވެސް ﷲ ވަނީ އަޅަމެންނާ އެކުގައި ކަމެވެ.

7)

[يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ] ﴿٦﴾ [فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ] ﴿٧سورة الزلزلة 6/7

”އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ ޢަމަލުތައް ދެއްކެވުމަށްޓަކައެވެ. (6) ފަހެ، ޛައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.“ (7)

ހެޔޮކަމެއް އެއީ ކިތަންމެ ކުޑަ ކަމެއް ކަމުގައިވިޔަސް ﷲ އެކަން މޮޅަށް ދެނެވޮޑިގެންވެއެވެ. މި އާޔަތުގެ ސަބަބުން އަޅުތަކުންނަށް ހެޔޮ ކަންކަން ކުރުމަށް ހިތްވަރު ލިބިގެންދެއެވެ.

0