ނަޞޭޙަތާއި އިރުޝާދު
ޝެއިޚް ފަހުދު އަލް ކަންދަރީގެ ވާހަކަ: ޓީޗަރެއްގެ ހެޔޮ ނަސޭޙަތުން ޙަޔާތަށް އައި ހެޔޮ ބަދަލު

ޝެއިޚް ފަހުދު އަލް ކަންދަރީ ނިސްބަތްވަނީ ކުވައިތުގެ އާދައިގެ އާއިލާއަކަށެވެ. އެ އާއިލާއަކީ ދީންވެރި އާއިލާއެއްވެސް ނޫނެވެ. ސުކޫލުގެ ޤުރުއާން ގަޑީގައި އެއްދުވަހަކު ފަހުދު ޤުރުއާން ކިޔެވިއެވެ. ތަޖުވީދަކުންނޫނެވެ. އެކަމަކު ރީތި އަޑަކުންނެވެ. ކިޔަވާ ނިމުނުތާ، ފަހުދުގެ ޓީޗަރު، ސުލައިމާން، ދެންނެވިއެވެ. “ފަހުދަށް ތިހާ ރީތި އަޑެއް ލިބިފައިވާއިރު، ޤުރުއާން ހިތުދަސްކުރުމާއިގެން އަދިވެސް ފަހުދު އުޅޭކަށް ނުވޭހެއްޔެވެ؟”

ފަހުދު: ޤުރުއާން ހިތުދަސްކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަހަރެންގެ ބައްޕަ ބޭނުންވަނީ އަހަރެން މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށްވުމަށެވެ. ސުކޫލުގެ މަސައްކަތްތައް ކުރަމުން، ކުޅެން ދަމުން ޤުރުއާން ހިތުދަސްކުރާނީ ކިހިނެއް ހެއްޔެވެ؟

ޓީޗަރު ސުލައިމާން: ފަހުދަށް ޤުރުއާން ހިތުދަސްކުރެވޭނެއެވެ. އަދި ކިއެއް ހެއްޔެވެ؟ (ކުވައިތުގެ) އެންމެ މަޝްހޫރު ތިން ޤާރީންގެ ތެރޭގައި ފަހުދު ހިމެނިގެންދާނެއެވެ. إن شاء الله މި ޓާމްގައި އޮންނަ ސުކޫލު ޤުރުއާން މުބާރާތުގައި ފަހުދު ބައިވެރިވާންވާނެއެވެ.

ފަހުދު: މައްސަލައެއްނެތެވެ. ތި ޤުރުއާން މުބާރާތުގައި ބައިވެރިވެވިދާނެއެވެ.

ޤުރުއާން މުބާރާތަށް ފަރިތަކުރުމުގެ ގޮތުން ފަހުދު އެންމެ ފުރަތަމަ ހިތުދަސްކުރީ ޝޫރާ ސޫރަތެވެ. ފަހުދު ޤުރުއާން މުބާރާތަށް ފަރިތަކުރަމުންދާކަމެއް އޭރަކު ފަހުދުގެ މައިންބަފައިންނަކަށް ނޭނގެއެވެ. ފަހުދުގެ ބައްޕައާއިއެކު ސުކޫލަށް އައުމަށް އެއްދުވަހަކު ޓީޗަރު ސުލައިމާން ފަހުދަށް އެންގިއެވެ. ބައްޕަޔާއިއެކު ފަހުދު ސުކޫލަށް އައުމުން ސުކޫލުގެ ޤުރުއާން މުބާރާތަށް ފަރިތަކުރުމުގެ ގޮތުން ފަހުދު ޝޫރާ ސޫރަތް ހިތުދަސްކޮށްފައިވާކަމުގެ ޚަބަރު ސުލައިމާން ފަހުދުގެ ބައްޕަޔަށް ދިނެވެ. ލިބުނު ހައިރާންކަމާއިއެކު ފަހުދުގެ ބައްޕަ، ފަހުދު ލައްވާ ޝޫރާ ސޫރަތް ކިޔުއްވިއެވެ. ދެން ޓީޗަރު ސުލައިމާން ފަހުދުގެ ބައްޕަ ގާތު އެދުނީ ފަހުދަށް ޤުރުއާން ހިތުދަސްކޮށްދިނުމުގަޔާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔެވުމުގައި ފަހުދަށް އެހީތެރިވެދޭނެ ރަނގަޅު ޙާފިޡެއް ހޯދައިދިނުމަށެވެ. މިކަން ފަހުދުގެ ބައްޕަ ކޮށްދިނެވެ. އެއް އަހަރާއި 7 މަސް ތެރޭގައި ފަހުދު ޤުރުއާން ހިތުދަސްކުރިއެވެ. ކުވައިތުގެ ޤައުމީ މުބާރާތުގައި ހިތުން ކިޔެވުމުގެ ބައިން ރަންވަނަ ތައް ހޯދަން ފެށިއެވެ. އަދި ޢުމުރުން 15 އަހަރުގައި ކުވައިތުގެ އެންމެ ބޮޑު އެއް މިސްކިތުގެ އިމާމެއްގެ ގޮތުގައި ވަޒީފާ އަދަން ކުރަން ފެށިއެވެ.

ފަހުދު ޤުރުއާން ހިތުދަސްކުރުމުގެ ކުރިން ފަހުދުގެ ބައްޕަ ފަސް ވަޤުތު ނަމާދުކުރަމުން ދިޔައީ ގޭގައެވެ. ފަހުދު ޤުރުއާން ހިތުސްކުރުމާއެކު، ފަހުދުގެ ބައްޕަ ފަސް ވަގުތު މިސްކިތުގައި ނަމާދުކުރަން ފެށިއެވެ. ބުރުޤާވެސް ނާޅާހުރި ފަހުދުގެ މަންމަ، ފަހުދު ޤުރުއާން ހިތުދަސްކުރުމާއިއެކު، ޙިޖާބާއިއެކު ނިޤާބުވެސް އެޅިއެވެ. އަދި ފަހުދުގެ އާއިލާގެ އެހެން މެންބަރުންނަކީވެސް ދީނަށް ލޯބިކުރާ ބައެއްކަމުގައި ވެގެން ދިޔައެވެ. މިއީ ކީރިތި ޤުރުއާނުގެ ބަރަކާތެވެ.

كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ ﴿٢٩﴾ (މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ. [38:29]

އިމާމެއްގެ ވަޒީފާގެ އިތުރުން ޝެއިޚް ފަހުދު، Four Frames ގެ ނަމުގައި އަމިއްލަ ވިޔަފާރިއެއްވެސް ހިންގަވައެވެ. ތަފާތު އިޝްތިހާރުތަކާއި، ޑޮކިޔުމެންޓަރީތައް ފޯފްރޭމްސް އިން ހަދައެވެ. ފޯފްރޭމްސް އާއި ޢަރަބި އިސްލާމީ ޗެރިޓީ އޮރގަނައިޒޭޝަންތަކާއި ގުޅިގެން مسافر مع القرآن (َޤުރުއާނާއިއެކު ދަތުރުކުރާ ދަތުރުވެރިޔާ)، اهتديت بالقرآن(َޤުރުއާނުން އަހަރެންނަށް ތެދުމަގު ލިބުނެވެ.) ފަދަ އެތަކެއް ސިލްސިލާ ޕްރޮގްރާމްތަކެއްވަނީ އުފައްދާފައެވެ. مسافر مع القرآن ޕްރޮގްރާމްގައި ޝެއިޚް ފަހުދުގެ ޓީމުން އިސްލާމީ ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކޮށް އެ ޤައުމުތަކުގެ ޤުރުއާން ހިތުދަސްކޮށްދޭ މަރުކަޒުތަކުގެ ވާހަކަތައް ގެނެސްދީފައިވެއެވެ.

ޝެއިޚް ފަހުދުގެ ވާހަކައިން ލިބޭ ބައެއް ޢިބްރަތްތައް

• ޤުރުއާނަކީ ބަރަކާތުން ފުރިގެންވާ ފޮތެއް ކަމުގައިވުމުން ޤުރުއާން ކިޔަވަން ތިމާވަގުތު ހޭދަކުރުމަކީ ތިމާގެ އެހެންކަންކަން ފަސޭހައިން ކުރެވެން މަގުފަހިވާނެކަމެކެވެ. ﷲ ތަޢާލާ އެކަމުގެ ސަބަބުން ދުވަހުގެ އެންމެހާ ވަގުތުތަކެއްގަޔާއި ކަމެއްގައި ބަރާކާތް ލައްވަވާނެއެވެ.

• ޓީޗަރެއްގެ ހެޔޮ ނަސޭޙަތުން ދަރިވަރެއްގެ ޙަޔާތް ބަދަލުވެގެންދިޔަގޮތް ވިސްނަވާށެވެ. ޤައުމެއްގެ ޙަޤީޤީ މޭސްތިރިންނަކީ ޓީޗަރުންކަން މި ވާހަކައިންވެސް އެނގެއެވެ. ޓީޗަރު ސުލައިމާން ގެ ހެޔޮ ނަސޭޙަތުން ބަދަލުވީ ހަމައެކަނި ފަހުދުގެ ޙަޔާތް އެކަންޏެއް ނޫނެވެ. މާތް ﷲ ގެ ހެޔޮ ރަޙްމަތަށްފަހު، ޝެއިޚް ފަހުދުގެ އާއިލާއަށް ހިދާޔަތް ލިބުމުގެ އެންމެ ބޮޑު ސަބަބެއްކަމުގައި ވެފައިވަނީ ވެސް ޓީޗަރު ސުލައިމާނެވެ. އެދުވަހު ސުލައިމާން އިންދި އޮށުން ފެޅި ގަހުގެ މޭވާ މުޅި އިސްލާމީ އުއްމަތަށް ދަނީ ލިބެމުންނެވެ.

قال رسول الله صلى الله عليه وسلم: (مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ) (صحيح مسلم, 133 – 1893). މާނައަކީ: ” ހެޔޮ ކަމަކަށް މަގު ދައްކައިފި މީހަކަށް އެކަން ކުރާ މީހާއަށް ލިބޭ ފަދަ އަޖުރާއި ޘަވާބު ހުއްޓެވެ

0