ނަޞޭޙަތާއި އިރުޝާދު
ފާފައިގެ ޢުޤޫބާތް ފޮހެވިގެންދާ 10 ކަމެއް

ފާފައިގެ ޢުޤޫބާތް 10 ކަމަކުން ފޮހެވިގެންދާ ކަމުގައި ޤުރްއާނާއި ޞައްޙަ ސުންނަތުން ސާބިތުވެއެވެ.

1. ތައުބާވުން

ﷲ ތަޢާލާ ވަޙީކުރައްވަނީ : ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، إخلاص ތެރި توبة އަކުން، ތިޔަބައިމީހުން ﷲ އަށް توبة ވާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންގެ ކިބައިން، ތިޔަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވައިފާނެތެވެ.“ ( سورة التحريم : 8 )

2. އިސްތިޣްފާރުކުރުން

ﷲ ތަޢާލާ ވަޙީ ކުރައްވަނީ: ”އަދި ތިޔަބައިމީހުން ﷲ ގެ حضرة ން ފާފަފުއްސެވުމަށް އެދޭށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.“ (سورة المزمل: 20 )

3. ހެޔޮ ޢަމަލުތައް ކުރުން

ﷲ ތަޢާލާ ވަޙީކުރައްވަނީ: ”ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ.“ (سورة هود : 114 ) މި އާޔަތުގައި ﷲ ތަޢާލާ ވަނީ ހުރިހާހެޔޮކަމެއް ވެސް ޝާމިލްވާފަދައިން ވަޙީކުރައްވާފައެވެ.

4. ފާފަފުއްސެވުމަށް އެދި ދުޢާކުރުން. މީގެ ތެރޭގައި:

އިންސާނާ އޭނާގެ އަމިއްލަ ނަފްސައްޓަކައި ކުރާ ދުޢާ

ﷲ ތަޢާލާ ވަޙީކުރައްވަނީ : ”އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ.“ (سورة غافر : 60)

މަލާއިކަތްބޭކަލުން މުއުމިނަކަށްޓަކައި ފާފަފުއްސެވުމަށްއެދި ކުރާ ދުޢާ

ﷲ ތަޢާލާ ވަޙީކުރައްވަނީ: عرش އުފުއްލަވާ ملائكة ންނާއި، އޭގެވަށައިގެންވާ ملائكة ން އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبح ދަންނަވަތެވެ. އަދި އެކަލާނގެއަށް إيمان ވެތެވެ. އަދި إيمان ވިމީހުންނަށް ފާފަފުއްސެވުމަށް دعاء ކުރައްވަތެވެ. (سورة غافر: 7)

އެއް މުއުމިނަކު އަނެއް މުއުމިނަކަށްޓަކައި ފާފަފުއްސެވުމަށްއެދި ކުރާ ދުޢާ

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: ”މުސްލިމުންގެ ތެރެއިން މީހަކު ނިޔާވުމަށްފަހު އޭނާގެ ޖަނާޒާގައި (ކަށުނަމާދުގައި) މާތްﷲ އަށް ޝަރީކުނުކުރާ 40 މީހުން ބައިވެރިވެއްޖެކަމުގައިވާނަމަ ، އެމައްޔިތަކަށް އެކަމުގެ ސަބަބުން މާތްﷲ ޝަފާޢަތްތެރިވެވޮޑިގަންނަވާ މީހެއް މެނުވީ ނުވެއެވެ.“ (މުސްލިމް)

5. މައްޔިތާއަށްޓަކައި ކުރެވޭ ހެޔޮ ޢަމަލުތައް

އޭގެ ތެރޭގައި:

މައްޔިތާއަށްޓަކައި ޞަދަޤާތް ކުރުން

އޭނާއަށްޓަކައި ފައިދާކުރަނިވި މުދަލެއް ވަޤުފްކުރުން

މައްޔިތާއަށްޓަކައި ހެޔޮދުޢާ ކުރުން

މައްޔިތާއަށް ފަރުޞު ހައްޖު އަދި ފަރުޞު ޢުމްރާ ނުކުރެވި ވާނަމަ އެކަން އަދާކޮށްދިނުން

ނަދުރު ނުފުއްދާވާނަމަ ނަދުރު ފުއްދައި ދިނުން

ރޯދަ ޤަޞޯ ކުރަން ޖެހިފައިވާނަމަ މައްޔިތާގެ ބަދަލުގައި ރޯދަ ޤަޞޯ ކޮއްދިނުން .

6. ޤިޔާމަތްދުވަހު ﷲ ތަޢާލާގެ އިރާދަފުޅާއެކު ނަބިއްޔާ صلى الله عليه وسلم އަދި އެހެނިހެން ފަރާތްތަކުގެ ޝަފާޢަތް ލިބުން

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާ ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ ޝަފާޢަތްތެރިކަމުން މީސްތަކުންކުރެ އެންމެ ބާއްޖަވެރިވެގެންވާ މީހަކީ ކާކުހެއްޔެވެ؟ ޙަދީޘްފުޅުކުރެއްވިއެވެ. ”އެއީ ހިތުގެއަޑިން އިޚްލާޞްތެރިކަމާއެކު لا اله الا الله ކިޔައިފި މީހާއެވެ. ﷲގެ އިޒުނަފުޅާއެކު އެޝަފާޢަތްތެރިކަން ޙައްޤުވެގެންވަނީ އިޚްލާޞްތެރި އަޅުންނަށެވެ. ﷲ އަށް ޝިރުކުކުރާ މީހުންނަކަށް އެ ޝަފާޢަތްތެރިކަން ޙައްޤުވެގެންނުވެއެވެ.“ ( ބުޙާރީ )

7. ދުނިޔެމަތީގައި ކުރިމަތިވާ ބަލިމަޑުކަމާއި މުސީބާތްތަކާއި ހިތް ނުތަނަވަސްކަން

މާނައީ: ”އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާ ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ފާފަފުއްސަވައި ނުދެއްވާނެގޮތަކަށް (މިއިން އެއްވެސްކަމެއް) ނުޖެހެއެވެ.“ (މުސްލިމް)

8. ކައްވަޅުގައި ކުރިމަތި ކުރެވޭ ފިތުނަތައް

ކޮންމެ އިންސާނަކުވެސް ކައްވަޅަށް ތިރި ކުރެވުމުން ބިންގަޑު އޭނާ ފިއްތާލައެވެ. އަދި 2 މަލާއިކަތްބޭކަލުން އޭނާއާ ސުވާލު ކުރިމަތި ކުރުވާ އިމްތިޙާނު ކުރައްވައެވެ. އަދި ކުރެވިފައިވާ ފާފަތަކުގެ ބަދަލުގައި އޭނާ އަށް ޢަޒާބު ދެއްވެއެވެ. މިކަންކަމުގެ ސަބަބަބުން އިންސާނާގެ ފާފަ ފުހެވެއެވެ.

9. ޤިޔާމަތްދުވަހުގެ ދަތިއުނދަގޫތައް

އެދުވަހު އިރުގެ ހޫނު އިންތިހާއަށް ގަދަވާނެވެ. އިންސާނުން ވާނީ ކަރުހިއްކައިގެންވާ ހާލުގައެވެ. ލާނެ ފޭރާމެއް އަރާނެ ފައިވާނެއް ނެތް ހާލުގައެވެ. މި ފަދައިން އެބައިމީހުން 50000 އަހަރު މަޙްޝަރުގެ މައިދާނުގައި ތިބޭނެއެވެ. އިންސާނާއަށް މި ދުވަހުން ދިމާވާ ދަތި އުނދަގޫ ތަކަކީ ފާފަތަށް ފުހެވޭ ސަބަބެކެވެ.

10. އަޅާކުރި އެއްވެސް ކަމަކާއި ނުލާ ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތުގެ ސަބަބުން އަޅާގެ ފާފަ ޢަފޫކޮށް ފުއްސަވާ ދެއްވުން

0