ޚަބަރު
ރޯދަ ވީއްލުމަށް ތައްޔާރުކުރުމުގައި މީސްމީޑިއާ މެދުވެރިކޮށް އެކަކު އަނެކަކާ ވާދަކުރާތަން ފެނޭ: ހުކުރުޚުތުބާ

ރޯދަ ވީއްލުމަށް ތައްޔާރުކުރުމުގައި މީސްމީޑިއާ މެދުވެރިކޮށް އެކަކު އަނެކަކާ ވާދަކުރާތަން ފެންނަ ކަމުގައި މިއަދުގެ ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ” އަހަރެމެން ހޭދަކުރަމުން މިދާ ބަރަކާތްތެރި ރަމަޟާން މަހަކީ، ޢާއްމު ގޮތެއްގައި އިސްރާފުކުރުން ބޮޑު މަހެކެވެ. ރަމަޟާންމަހު ރޯދަ ވީއްލުމަށްޓަކައި، ތަފާތު އެތައް ބާވަތެއްގެ ކާބޯތަކެތި ތައްޔާރު ކުރުމަކީ މިއަދުގެ ދުނިޔޭގައި މުސްލިމުންގެ އާދައެކެވެ. މީސްމީޑިއާ މެދުވެރިކޮށް، މިކަމުގައި އެކަކު އަނެކަކާ ވާދަކުރާތަން ވެސް ފެނެއެވެ. މީގެތެރެއިން އެމީހުން ބޭނުންކުރަނީ، ވަރަށް މަދު އެތިކޮޅެކެވެ. ކެއުމަށް ތައްޔާރު ކުރާ ގިނަ އެއްޗެހި އުކާލެވެނީ ކުނިގޮނޑަށެވެ. މިއީ ކިހާ ބޮޑު އިސްރާފެއް ހެއްޔެވެ؟ އިސްރާފު ކުރުމަކީ، މުސްލިމުންގެ ސިފައެއް ނޫނެވެ. އެއީ ޝައިޠާނީ ޢަމަލެކެވެ.”

އިސްރާފު ކުރުމަކީ، ކޮންމެ ކަމެއްގައި ވެސް ޙައްދު ފަހަނަޅައި ދިޔުމެވެ. އެއީ ހަމައެކަނި ކެއިން ބުއިމާއި، ޚަރަދުބަރަދާ ގުޅިފައިވާ ކަމެއް
ނޫނެވެ. އުރެދުންތަކަށް އަރައިގަތުން ގިނަކޮށް، ކުފުރުވުމާ ހަމައަށް ހިނގައްޖެނަމަ، އެއީ ވެސް އިސްރާފު ކުރުމެކެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. މާނައީ: “އަދި ހަމަކަށަވަރުން، ފިރުޢައުނަކީ، ބިމުގައި ﷲ ވަރަށް ބޮޑާވެގެން އުޅުނު މީހެކެވެ. އަދި ހަމަކަށަވަރުން، އޭނާވަނީ (އަނިޔާވެރިކަމާއި،ފަސާދަވެރިކަމުގައި) ހައްދު ފަހަނަޅާފައިވާ މީހުންގެ ތެރެއިންނެވެ.”
މިއަދު އިސްރާފުކުރުން ވަނީ، ބޮޑު ވަބާއަކަށް ވެފައެވެ. ތަނަވަސް މީހުން އިސްރާފު ކުރާއިރު އަތްމަތިދަތި މީހުންވެސް އިސްރާފު ކުރުމަށް ޓަކައި ދަރަނި ނަގަމުންދާތަން ފެނެއެވެ. ދަރަނި ނަގާ މީހުންގެ ބަހަނާއަކީ، އެއީ ޒަމާނާއެކު ފައިހަމަކުރުމަށް ޓަކައި ކުރަން ޖެހޭނެ ކަމެކެވެ. އެއީ މުސްލިމުންގެ ސިފައެއް ނޫނެވެ. މުސްލިމުންނަކީ ލިބޭ އެއްޗަކުން ހަމަޖައްސައިގެން އުޅޭ ބައެކެވެ. މުސްލިމުންގެ ކިބައިގައި ހުންނަން ޖެހޭ ބައެއް ސިފަތައް ބަޔާން ކުރައްވައި، މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. މާނައީ: “އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ އިސްރާފު ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެ ދެމެދުގައި މެދުމިންވެ ތިބޭ މީހުންނެވެ.”

0