ނަޞޭޙަތާއި އިރުޝާދު
ފާލުބަލާ މީހުން ކައިރިއަށް ދިޔުމުގެ ނުރައްކާތެރިކަން

ފާލުބެލުމަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެފައި އޮންނަ ނުބައި ޢާދައެކެވެ. ފަހަރެއްގައި އެ ކަމުގެ ނުރައްކާތެރިކަން އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ނޭނގެނީ ކަމަށް ވެދާނެއެވެ. އެހެންކަމުން މި ލިޔުމުގައި ބަލައިލަން މި އުޅެނީ އެ ކަމުގެ ނުރައްކާތެރިކަމާ ބެހޭގޮތުންނެވެ. ދީނީ ނަޒަރަކުންނެވެ.

 

ފާލުބެލުމާއި އަތްބެލުން ފަދަ ކަންކަން ހިމެނެނީ ޣައިބުގެ ޢިލްމަށް ދަޢުވާ ކުރުމުގެ ތެރޭގައެވެ. އެއީ މާތްﷲ އާ ޝަރީކު ކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި އެގޮތުން ބުނެވިދާނެއެވެ. ޣައިބުގެ ޢިލްމަކީ މާތް ﷲއަށް ޚާއްޞަވެގެންވާ ޢިލްމެކެވެ. އެއީ އެއްވެސް މަޚްލޫޤަކަށް އެނގިގެންވާ ކަންކަމެއް ނޫނެވެ. ޣައިބުގެ ޢިލްމުން އެ އިލާހު މަޚްލޫޤަށް ޚަބަރު ދެއްވައިފި ކަމެއް މެނުވީއެވެ.

 

ފާލުބެލުމުގެ ނުބައިކަން ބަޔާންކުރައްވައި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައި ވަނީ ” مَنْ أَتَى  عَرَّافًا  فَسَأَلَهُ عَنْ شَيْءٍ ؛ لَمْ تُقْبَل لَهُ صَلَاة أَرْبَعِيْنَ لَيْلَة ” (مسلم) މިފަދައިންނެވެ. މާނައީ: ” ފާލުބަލާ މީހެއްގެ ކައިރިޔަށް އައިސް އޭނަގެ ކައިރިން އެއްޗެއް އަހައިފި މީހެއްގެ ނަމާދު ސާޅީސް ރޭ ވަންދެން ޤަބޫލު ނުކުރެވޭ ހުއްޓެވެ.” މިއީ ހަމަ އެކަނި ފާލުބަލާ މީހެއްގެ ކައިރިޔަށް އައިސް އެއްޗެއް އަހައިފި މީހަކަށް ހުރި ނުރައްކާތެރިކަމެވެ. މީގެ އިތުރުން، އިމާމު އަޙްމަދު ރިވާކުރައްވާފައި ވާ ރިވާޔަތެއްގައި ވަނީ، ކަމަކާ ބެހޭގޮތުން ފާލުބަލާ މީހަކާ ސުވާލުކޮށް، އޭނާ ބުނާ އެއްޗެއް ޤަބޫލުކޮށްފި މީހެއް ނަބިއްޔާ صلى الله علية وسلم ގެ މައްޗަށް ބާވައިލެއްވުނު ދީނަށް ކާފަރުވެއްޖެ ކަމަށެވެ.

 

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، މި ދެ ރިވާޔަތް ޖަމާކޮށް ބަލައިލުމުން އެނގިގެން ދަނީ، ފާލުބެލުމާއި ކަހީނުކަމާއި އަތްބެލުން ފަދަ ކަންކަމުގައި ހުރި ނުރައްކާތެރިކަމާއި އެބައިމީހުންގެ ކައިރިޔަށް ދިޔުމުގެ ނުރައްކާތެރިކަމެވެ. އެބައިމީހުންގެ ކައިރިން ކަމަކާ ބެހޭގޮތުން ސުވާލުކޮށްފި ނަމަ، ސާޅީސް ދުވަސް ވަންދެން އެމީހެއްގެ ނަމާދު މާތް ﷲ ޤަބޫލު ނުކުރައްވައެވެ. އަދި އެ ދައްކާ ވާހަކައެއް ޤަބޫލުކޮށްފި ނަމަ މިއްލަތުން ބޭރުވުމުގެ ނުރައްކާތެރިކަމެވެ. ނަމަވެސް ދަންނަން ޖެހޭ މުހިއްމު ނުކުތާއަކީ ނަމާދު ޤަބޫލު ނުކުރެއްވުމުގެ މުރާދަކީ އެމީހެއްގެ މައްޗަށް ވާ ނަމާދުގެ ފަރުޟިއްޔަތު ކެނޑިގެން ދިޔުމެއް ނޫނެވެ. އޭނަގެ މައްޗަށް ނަމާދު ވާޖިބުވެގެންވެއެވެ. އެ ދުވަސްތަކުގައި ވެސް ނަމާދު ކުރަން ޖެހޭނެއެވެ. މި ތަނުގައި މުރާދަކީ އޭނަގެ ނަމާދަށް ލިބެން ޖެހޭ ސަވާބުން އޭނާ މަޙްރޫމުވެގެން ދިޔުމެވެ.

 

އަޅުގަނޑުމެންގެ ތެރެއިން މީހަކަށް މިފަދަ ނުބައި ކަމެއް ކުރެވިފައި އޮތް ނަމަ، އެމީހެއްގެ މައްޗަށް ވަނީ އަވަހަށް ތައުބާވުމެވެ. އަދި އެ ފާފަ ފުއްސެވުން އެދި އިސްތިޣްފާރު ކުރުމެވެ. މިފަދަ ނުބައި ކަންކަން މުޖުތަމަޢުން ނެތިގެން ދާނީ އަޅުގަނޑުމެން އެންމެން އެކުގައި މިފަދަ ކަންކަމާ ދެކޮޅަށް މަސައްކަތްކޮށްގެންނެވެ. މި ކަމުގެ ހުރި ނުރައްކާތެރިކަން މީސްތަކުންނަށް ބަޔާންކޮށްދީގެންނެވެ. އަދި މިފަދަ ކަންކަން ކުރާ މީހުންނާ އެއްކިބާވެ ބަރީއަވެގެންނެވެ.

 

 

0