ނަޞޭޙަތާއި އިރުޝާދު
އުފާވެރިކަމާއި ހިތްހަމަޖެހުމަށް 5 ފޯމިއުލާ

މިދުނިޔޭގެ އުފާވެރިކަމަކީ އެންމެންވެސް ބޭނުންވާ އެކަމަށް އެދިއެދި ތިބޭ ކަމެކެވެ. އަދި އެއުފަލާއި ހިތަހަމަޖެހުން ހޯދުމަށް ގިނަބަޔަކު އެތައް މަސައްކަތެއް ކުރެއެވެ.  އުފާވެރިކަމާ ހިތްހަމަޖެހުމަކީ ﷲ އަޅާއަށް ދެއްވާ ބޮޑެތި ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ. އެހެންކަމުން, މިދުނިޔޭގައި ޙަޤީޤީ އުފަލާއި ހިތްހަމަޖެހުން ލިބިގަތުމަށް ކުރެވޭނީ ކޮންކަމެއްތޯ ޤުރުއާނާއި ސުންނަތުގެ އަލީގައި ބަލައިލަމާ ހިނގާށެވެ!

1. އީމާންވެ ޞާލިޙު ޢަމަލުކުރާށެވެ!

މާތް ﷲ ވަޙީކުރެއްވިއެވެ.

﴿مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ﴾ [النحل: 97].
“މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.”

އެހެންކަމުން އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ލިބުންވަނީ އީމާންވެ ޞާލިޙު ޢަމަލުކުރުމުންނެވެ. ދުނިޔެއާއި އާޚިރަތުގައިވެސްމެއެވެ. އެނޫން ބަޔަކަށް ދުނިޔޭގެ ލައްޒަތުތައް ޙާޞިލުކުރަމުން ދިޔަކަމުގައި ވިޔަސް ހިތްހަމަޖެހުމެއް ނެތެވެ. އެހެނީ, ޙަޤީޤީ އުފާވެރިކަމަކީ ހިތުގެ އުފާވެރިކަމެވެ. ހިތުގެ ހަމަޖެހުމެވެ. އެކަން ހޯދައިދެއްވޭނެ ފަރާތަކީ ހިތްތަކުގެ ވެރިއިލާހެވެ.

2. ﷲގެ ޒިކުރުކުރުން ގިނަކުރާށެވެ!

ހިތްހަމަޖެހުން އެދޭނަމަ الله ގެ ޒިކުރުކުރުން ގިނަ މީހަކަށް ވާންޖެހެއެވެ. ހިތާއި ދުލުންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ﴾ [الرعد: 28] “ހިތްތަކުގެ ހަމަޖެހުން ﷲ ހަނދުމަކުރުމުގައި ވާކަންކަށަވަރެވެ.”

މިއީ ހިތައް އުފާވެރިކަން ގެނުވާ ހިތަހަމަޖެހޭ އެންމެ ބޮޑު އެއް ސަބަބެވެ. ވީމާ, ގިނަގިނައިން ﷲގެ ޒިކުރުކޮށް ޒިކުރުގެ މަޖިލިސްތަކާއި ހެޔޮ ނަސޭޙަތްދެވޭ މަޖިލސްތަކަށް ޙާޟިރުވާން ވާނެއެވެ.

 

3. މުސްތަޤްބަލާމެދު ބިރުނުގަންނާށެވެ! މާޒީ އާމެދު ހިތާމަނުކުރާށެވެ! މިއަދު އިޞްލާޙުކުރާށެވެ!

އާނއެކެވެ. މާޒީ އިސްވެ ހިނގައްޖެއެވެ. މުސްތަޤުބަލަކީ ތިބާގެ ބާރު ފޯރުވޭނެ އެއްޗެއް ނޫނެވެ. ތިބާއަށް ލިބިފައިވަނީ މިއަދެވެ. މިހާރެވެ. މިއަދު ޢަމަލުތައް އިޞްލާޙުކުރެވޭތޯ ބަލާށެވެ. މިއަދާއިގެން ކުރިއަށް ދާށެވެ!

ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ.

“ތިބާއަށް ފައިދާ ކުރަނިވި ކަންތައްތަކުގެ މައްޗަށް ތިބާ ދަހިވެތިވާށެވެ. އަދި ﷲގެ ޙަޟްރަތުން މަދަދަށް އެދޭށެވެ. އަދި (ހެޔޮކަންތައްތަކަށް) ނުކުޅެދިގެންވާ މީހެއްގެ ގޮތުގައި ނުވާށެވެ. އަދި ތިބާއަށް މުޞީބާތެއް ޖެހިއްޖެނަމަ ފަހެ ތިބާ ނުބުނާށެވެ، އަހުރެންނަށް މިވެނި އެވެނި ގޮތަކަށް ކަންތައްކުރެވުނު ނަމައެވެ. އަދި ކިއެއްތަ! ތިބާ މިފަދައިން ބުނާށެވެ. “قَدَرُ اللهِ وَمَا شَاءَ فَعَلَ”، މާނައީ “(މިއީ) ﷲ މިންވަރުކުރެއްވި ގޮތެވެ. އެކަލާނގެ އިރާދަކުރެއްވިގޮތަށް ކަންތައްކުރައްވައިފިއެވެ.” އެހެނީ ހަމަކަށަވަރުން “ނަމައޭ ކިޔުން” ޝައިތާނާގެ ޢަމަލުތައް ހުޅުވައިދެއެވެ.” (رواه مسلم)

4. ދުނިޔަވީ ކަންކަމުގައި ތިބާއަށް ވުރެ ދަށުގައިވާ މީހުންނަށް ބަލާށެެވެ!

މިއީ ވަރަށް ހިތްހަމަޖެހޭ ދިރިއުޅުމަކަށް ވަރަށް މުހިއްމު ކަމެކެވެ. ތިބާ ފަހަރެއްގައި ޝަކުވާކޮށްފާނެއެވެ. މިވެނި މީހަކު އަތުގައި މިވެނި ވައްތަރެއްގެ ސައިކަލެއް އިނދެއެވެ. އަހަރެން މިއުޅެނީ ކުރީގެ ބާ ސައިކަލު ގަނޑެއްގައެވެ. ނޫނެކެވެ! ތިޔަހެން ނުވިސްނާށެވެ! ތިބާގެ އަތުގައި އެ ސައިކަލު އިން ކަމަށްޓަކައި އުފާކުރާށެވެ. ސައިކަލެއް ކީއްކުރަންތޯ އެވެ؟ ބައިސްކަލެއްވެސް ގަންނާނެ ފަދައެއް ނެތް އެތައް ބަޔަކު އެބަ އުޅެއެވެ. އަދި ކީއް ހެއްޔެވެ؟ ހިނގާބިނގާވެ އުޅުމުގެ ނިޢުމަތުން މަހުރޫމު ވެފައިވަނީ ކިތައް މީހުން ހެއްޔެވެ؟ ރަސޫލު ﷲ ﷺ ގެ މިޙަދީޘަށް ޢަމަލުކުރެވޭތޯ ބަލާށެވެ! އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((انْظُرُوا إِلَى مَنْ هُوَ أَسْفَلَ مِنْكُمْ، وَلاَ تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ فَإِنَّهُأَجْدَر أَنْ لَا تَزْدَرُوا نِعْمَةَ اللهِ عَلَيْكُمْ))  رواه البخاري ومسلم

މާނައީ: “(ދުނިޔަވީ ކަންކަމުގައި) ތިޔަބައިމީހުންނަށްވުރެ ދަށުގައިވާ މީހުންނަށް ބަލާށެވެ. އަދި (ދުނިޔަވީ ކަންކަމުގައި) ތިޔަބައިމީހުންނަށްވުރެ ކުރިއަރާފައިވާ މީހުންނަށް ނުބަލާށެވެ. އެގޮތަށް ކަންކުރުމުން ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުންނަށް ދެއްވާފައިވާ ނިޢުމަތްތައް އެއީ ދެރަ ތަކެތިކަމުގައި ނުދެކުމާއި ގާތްކަންބޮޑެވެ.”

5. ﷲ އަށް ފުރިހަމައަށް ވަކީލުކުރާށެވެ!

މިއީ ތިބާ ހާސްކަމާއި ކަންބޮޑުވުމުން ސަލާމަތްކޮށް ދީ ހަމަޖެހިގެންވާ ހިތެއްގެ ވެރިއަކަށް ވުމަށް ކޮންމެހެން ލާޒިމު ކަމެކެވެ. ﷲ އަށް ބަރޯސާވެ އެކަލާނގެ އަށް ވަކީލުކުރާ ކަމުގައިވާނަމަ އެމީހަކު ހުންނާނީ ހަމަޖެހިގެންނެވެ. ފުދިގެންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ وَمَنْ يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ ۚ ﴾ [الطلاق: 3] މާނައީ: “އަދި ﷲއަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.”

1