ނަޞޭޙަތާއި އިރުޝާދު
ރަމަޟާން މަސް ފެށުމާއެކު

ރަމަޟާން މަހަށް ހަނދުބެލުމާއެކު ދުނިޔެއާއި މަލަކޫތީ ޢާލަމުގައިވެސް އެތައް ކަންތައްތަކެއް ހިނގައެވެ. މިމަހަށް މަރުހަބާ ކިޔަމުންނެވެ. މިމަހުގައި ﷲ އަށް އަޅުކަންކުރުމުގައި ކުރިއަރައިގޮސް، ރޯދަ ފަރުޟު ކުރެއްވުމުގެ ޙިކުމަތްތަކުގެ ތެރެއިން ޙިކުމަތެއް ކަމަށްވާ ތަޤުވާވެރިވުމާ ހަމައަށް ވާޞިލުވުމަށް އެތައް ގޮތަކުން ފަސޭހަކޮށްދީ ހިތްވަރު ދެމުންނެވެ. އާދެ! ރަމަޟާން މަސް ފެށުމާއެކު ހިނގާ ކަންކަން އަހަރެމެންނަށް ބަޔާންކޮށްދެއްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِينُ وَمَرَدَةُ الْجِنِّ وَغُلِّقَتْ أَبْوَابُ النَّارِ فَلَمْ يُفْتَحْ مِنْهَا بَابٌ. وَفُتِّحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ وَيُنَادِي مُنَادٍ يَا بَاغِيَ الْخَيْرِ أَقْبِلْ وَيَا بَاغِيَ الشَّرِّ أَقْصِرْ وَلِلَّهِ عُتَقَاءُ مِنَ النَّارِ وَذَلِكَ كُلَّ لَيْلَةٍ ‏”‏ ‏. (الترمذي (682))

މާނަ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ: “ރަމަޟާން މަހުގެ ފުރަތަމަ ރޭ އައުމުން ޝައިޠާނުންނާއި ޖިންނީންގެ ތެރެއިންވާ މާރިދުންތައް ކަސްތޮޅު އެޅެއެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދުވެއެވެ. އޭގެއިން އެއްވެސް ދޮރެއް ނުހުޅުވޭނެއެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އޭގެއިން އެއްވެސް ދޮރެއް ނުލެއްޕޭނެއެވެ. އަދި ގޮވާލާ ފަރާތަކު ގޮވާލައްވާނެއެވެ. “އޭހެޔޮކަންކަމަށް އެދޭމީހާއެވެ. އަވަހަށް ހެޔޮކަންކަމަށް ކުރިމަތިލާށެވެ. އަދި އޭ ނުބައިކަންކަމަށް އެދޭމީހާއެވެ. ނުބައިކަންކަން ކުރުން ހުއްޓާލާށެވެ.” އަދި (މިމަހުގެ) ކޮންމެ ރެއެއްގައިމެ ﷲ މީސްތަކުންގެ ތެރެއިން ބަޔަކު ނަރަކައިން ސަލާމަތްކުރައްވައެވެ.”

ކޮންފަދަ އުފާވެރި ވާހަކަތަކެއްތޯއެވެ! މާދަމާ ނަފްސު އިސްލާހު ކުރަން ތިއްބެވި ފަރާތްކުން އަވަސްވެގަންނާށެވެ. މާދަމާ ދުވަހަކުވެސް ނައަންނާނެއެވެ. ﷲ ވަނީ އެއިލާހުގެ އަޅުތަކުންގެ ތެރެއިން އެތައްބަޔަކު އެނިޢުމަތަކުން މަޙުރޫމު ކުރެވިފައިވާ ނިޢުމަތެއް ތިބާއަށް ދެއްވާފައެވެ. އެއީ މިއަހަރުގެ ރަމަޟާން މަހާ ބައްދަލު ވުމުގެ ނިޢުމަތެވެ. މިދިޔަ އަހަރު އަހަރެމެންނާ އެކީ ރޯދަ ހިފައި އުޅު އެތައް ބަޔަކު މިއަދު ވަނީ ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. އެއިލާހު ވަނީ ތިބާ އަށް އަނެއްކާވެސް އިސްލާހު ވުމަށް ފުރުސަތެއް ދެއްވާފައެވެ. މިއީ ހެޔޮ ކަމުގެ ބަހާރު މޫސުމެކެވެ. މި ފުރުސަތުގެ ބޭނުންކޮށް، ނަފްސު އިސްލާޙު ކުރުމަށް އަވަސްވެގަންނާށެވެ.

0