މިއަހަރުގެ ރަމަޟާން މަސް ބައްދަލު ވެއްޖެ މީހަކީ ވަރަށް ބޮޑު ބާއްޖަވެރިއެކެވެ. އެހެނީ، މިދިޔަ އަހަރު އަހަރެމެންނާއެކީ ރަމަޟާން މަހުގެ ރޯދަ ހިފައި އުޅުނު އެތައްބަޔަކު މިއަހަރުގެ ރަމަޟާން މަސް އަންނަންވާއިރަށް ވަނީ މި ފަނާކުރަނިވި ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. އެހެންކަމުން ރަމަޟާން މަސް އަހަރެމެންނާ ބައްދަލު ކުރުމަކީ ﷲގެ ޙަޟްރަތުން އައި ވަރަށް ބޮޑު ހެޔޮކަމެކެވެ. އެހެންކަމުން މިމަސް ވެއަތު ކުރާއިރު އީމާންކަން އާރޯކޮށް ތާޒާކޮށް، މިމަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ކުރުމަށްޓަކައި ނަސޭޙަތްކޮޅެއް އަމިއްލަ ނަފްސަށާއި އެމެހާ އަޚުންނާއި އުޚްތުންނަށް ދޭނަމެވެ.
- ސުންނަތް އަޅުކަންތަކަށް ޚާއްސަ ސަމާލުކަމެއް ދޭށެވެ.
- ފަރުޟު ފަސް ނަމާދު މިސްކިތުގެ ޖަމާޢަތުގައި ކުރާށެވެ. (ފިރިހެނުންނަށް)
- ބަންގިއަށް މިސްކިތަށް ދިއުމަށް ގަދަ އަޅާ މަސައްކަތްކުރާށެވެ. އަދި ތަކްބީރަތުލް އިޙްރާމް އިމާމާއެކު ލިބިގަންނާށެވެ. އަދި ފުރަތަމަ ސަފުން ޖާގަ ހޯދައިގަންނާށެވެ.
- ތަރާވީޙް ނަމާދާއި ދަމުނަމާދާއި ވިތުރި ނަމާދަށް ޚާއްސަ ސަމާލުކަމެއް ދޭށެވެ.
- ކޮންމެ ދުވަހަކު މަދުވެގެން ޤުރްއާނުން ފޮތެއް ކިޔަވާށެވެ.
- ޤުރްއާނުން ކިޔަވާ އާޔަތްތަކުގެ މާނައަށް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ބަލާލާށެވެ.
- ކޮންމެވެސް ޙަދީޘްފޮތަކުން މިންވަރެއް ކޮންމެ ދުވަހަކުވެސް ކިޔާލާށެވެ.
- މައިންބަފައިންނަށް ހެޔޮކޮށް ހިތައި، ގާތްތިމާގެ ކަމާއި ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ.
- ހުރިހާ ވަގުތެއްގައިމެ ﷲ އަށް ޒިކުރުކުރުން މަތީގައި ތިބާގެ ދޫ ޙަރަކާތް ކުރުވާށެވެ. އަދި ހެނދުނާއި ހަވީރުގެ ޒިކުރުތަކަށް ރައްކާތެރިވާށެވެ.
- ކޮންމެ ދުވަހަކުވެސް ކޮންމެވެސް ބަޔަކަށް ރޯދަ ވީއްލުމަށް އެއްޗެއް ދޭށެވެ. އަދި މިގޮތަށް ހޭދަކުރާއިރު ފަޤީރުންނާއި ނިކަމެތިންނަށް އިސްކަންދޭށޭވެ.
- ދީނީ ދަރުސްތަކަށް ހާޒިރުވެ، ދީނީ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރަން މަސައްކަތް ކުރާށެވެ.
- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސިޔަރަތުން މިންވަރެއް ކޮންމެ ދުވަހަކުވެސް ކިޔާލާށެވެ. ނުވަތަ އަޑުއަހާލާށެވެ.
- ރޯދަ ވީއްލާވަގުތު ދުޢާކުރާށެވެ.
- މީސްތަކުންނަށް ހެޔޮފޯރުވައި، ހެޔޮކަންކަމަށް ގޮވާލައި މުންކަރާތްތައް މަނާކުރާށެވެ.
- ދުނިޔޭގެ ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށްޓަކައި ދުޢާކޮށްދޭށެވެ. އަދި ދުޝްމަނުންނާއި މުޖުރިމުންގެ ކިބައި އިސްލާމީ އުންމަތަށް ނަޞްރު ދެއްވުމަށް އެދި ދުޢާކުރާށެވެ.
- ރޯދަ ވީއްލުން އަވަސްކޮށް ހާރުކެއެން ލަސްކުރާށެވެ.
- ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި އިޢުތިކާފު ކުރުރުމަށް ﷲގެ ގެކޮޅުތައްކަމުގައިވާ މިސްކިތްތަކަށް ދާށެވެ.
- ކުޅަދާނަ ވާނަމަ، ރަމަޟާން މަހުގައި ޢުމްރާއެއް ކުރެވޭތޯ ބަލާށެވެ. ހަމަކަށަވަރުން، ރަމަޟާންމަހުގައި ކުރާ ޢުމްރާގެ ސަވާބު، ޙައްޖަކާ އެއްވަރުވެގެންވާ ކަމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ޙަދީޘް ކުރައްވާފައެވެ.
- ރަމަޟާންމަސް ނިމުމުން މީސްތަކުންނާއެކު ޢީދު ނަމާދު ކުރާށެވެ.
- ރަމަޟާން މަހަށްފަހު ޝައްވާލު މަހުގެ ހަ ރޯދަ ހިފަން ހަނދާން ބަހައްޓާސެވެ.