ރަމަޟާން
ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވުމުގެ ބައެއް ޙިކުމަތްތައް

ރަމަޟާން މަހާ ބައްދަލު ވުމަކީ މުއުމިނަކަށް ކުރިމަތިވާނޭ އެންމެ އުވާވެރި އެއް ކަންތަކެވެ. މިމަހުގައި ﷲއާ ކުއްތަންވެ ހެޔޮޢަމަލު ކުރުމަށް އޭނާ އަވަސްވެގަންނައިރު، މި މަހުގެ ރޯދަ ފަރުޟު ކުރެއްވުމުގެ ޙިކުމަތްތަކާމެދު ވިސްނާ ފިކުރުކޮށްލުމަކީ ނެތްކަމެއް ނޫނެވެ. އެހެންކަމުން ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވުމުގެ ޙިކުމަތްތައް ކަމުގައި ޢިލްމުވެރިން ޛިކުރުކުރައްވާ ބައެއް ކަންކަމަށް މިލިޔުމުގައި އަލިއަޅުވާލާނަމެވެ.

1. ތަޤުވާވެރިކަން ނަފްސުގައި އަށަގަތުން.

މިއީ ރޯދަ ފަރުޟު ކުރެއްވުމުގެ އެންމެ މަތިވެރިވެގެންވާ ޙިކުމަތެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

﴿يا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾‏ ‎(سورة البقرة١٨٣)

މާނަ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.”

2. ޙަރާމް ކަންކަމުން ދުރުހެލިވުން

އަހަރެމެންނަށް ﷲ ޙަލާލު ކުރައްވާފައިވާ ކެއިން ބުއިމާއި (ޙަލާލު ގޮތުގައި) ޖިންސީ އެދުންވެރިކަން ފުއްދުން ފަދަކަންކަމުން އަހަރެމެން ރޯދަ މަހުގެ ދުވާލުގެ ވަގުތުތަކުގައި ދުރުވެމިތިބެނީ ﷲ އަށް ކިޔަމަންވުމުގެ ގޮތުންނެވެ. މިކަމުންވެސް އެނގެނީ އެއިލާހު ނަހީ ކުރައްވާފައި ކަންކަމުން ދުރުވުމަށް އަހަރެމެން މަސައްކަތް ކޮށްފި ނަމަ އެކަންތައްވެސް ކާމިޔާބުވާނެ ކަމެވެ.

3. ޝަހުވަތްތަށް ކޮންޓްރޯލު ކުރުން

ކެއިން ބުއިމާއި ޖިންސީ އެދުން ފުއްދުމަކީ އިންސާނާގެ ހަށިގަނޑުގައި ﷲ ލައްވާފައިވާ ދެ ޝަހުވަތެވެ. އެދެޝަހުވަތެއްގެ ސަބަބުން އެތައް ފާފައަކަށް އަރައިގަނެވޭ ދެ ކަމެކެވެ. ރޯދަވެރިޔާ، މިދެކަންތައް ޙަލާލު ގޮތުގައި އަދި ޙަރާމު ގޮތުގައިވެސް ކުރުމުން ދުރުވެ ހުރުމުގެ ސަބަބުން އޭނާއަށް އޭނާގެ ޝަހުވަތްތައް ކޮންޓްރޯލް ކުރުމަށް ފަސޭހަވެއެވެ.

4. ދުނިޔޭގައި ޙާލުގައި އުޅޭ މީހުންގެ މަތިން ހަނދާންވުން.

ރޯދަވެރިޔާ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ ދުވާލުގެ ވަގުތު ތަކުގައި މި ދޫކޮށްލާ ބައެއް ޙަލާލު ކަންކަމަކީ ފަހަރެއްގައި އޭނާ ކޮންމެދުވަހެއްގައިމެ އާދަވެގެން ކުރާ ކަންތައްތަކެއް ކަމުގައި ވެދާނެއެވެ. ނަމަވެސް މި ކަންކަމުން މަޙުރޫމުވެފައިވާ އެތައް ބައިވަރު ބަޔަކު މި ދުނިޔޭގައި އުޅެމުންދެއެވެ. ރޯދަ ވެރިޔާއަށް މިފަދަ ނިކަމެތިންގެ މަތިން ހަނދާންވެ، އެބައިމީހުންނަށް އެހީވުމަށް ހިތްވަރު ލިބެއެވެ. އަދި ތިމާއަށް ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރު ކުރުމަށް އަވަސްވެގަނެވެއެވެ.

0