އިބުރަތްތެރި ވާހަކަ
ޤުރްއާނުން ފަރުވާ ހޯދި ކެތްތެރި އުޚްތެއްގެ ވާހަކަ
ނަފްސާނީ ބައްޔަށް ފަރުވާ ދޭ ޑޮކްޓަރަކު ބުންޏެވެ.
“ޤުރްއާނުގެ އަހްލުވެރިން މެނުވީ، ކޮންމެ ފަންތިއެއްގެ މީހުން ވެސް އަހަރެންގެ ގާތަށް ފަރުވާ ހޯދުމަށް އާދެއެވެ.”
އަޅުގަނޑުމެންނާއި ދުރު ހިސާބެއްގެ ވާހަކައެއް ނޫނެވެ. ޤުރްއާން އެބައެއްގެ ބަހުން ބާވައިލެއްވި، އަދި އޭގެ މާނަ ދަނެ އެނގި ވާ ޢަރަބިންގެ ވާހަކަ އެއްވެސް ނޫނެވެ. އަޅުގަނޑުމެންނެކޭ އެއްބަހަކުން ވާހަކަ ދައްކާ އެއްލެއެއް ހިނގާ މިކުޑަ ކުޑަ ދިވެހިރާއްޖޭގެ، އަޅުގަނޑުމެންގެ ލޮބުވެތި އުޚްތަކު ކިޔައިދެއްވި ވާހަކައެކެވެ. ކިޔައި ލާށެވެ… ފުންކޮށް މިވާހަކަ އާއި މެދު ވިސްނާލާށެވެ….
އެއުޚްތާ ކިޔައިދިނެވެ….
“އަޅުގަނޑުގެ ތިންވަނަ ދަރިފުޅަށް ބަލިވެ އިންތާ، ފަސް ވަނަ މަހުގައި ހެދި ސްކޭންތަކުން އެނގިގެން ދިޔައީ އެތުއްތު ތުއްތު މަޢުސޫމު ދަރިފުޅުގެ ހިތުގައި ވަރަށް ބޮޑު އުނިކަމެއް ހުރިކަމެވެ. ޑޮކްޓަރުންގެ ލަފާއަކަށް ވީ އެތުއްތު ފުރާނަ އެބޯޓު ކޮށްލުމަށެވެ. އިންޑިޔާ އަށް ގޮސް ހެދި އެތައް ޓެސްޓުތަކަކުން ވެސް ދެއްކީ ހަމަ އެކައްޗެކެވެ. ލިބުނީ ހަމަ އެއް ނަތީޖާއެކެވެ.
ތަފާތު ހަތް ޑޮކްޓަރުންގެ ގާތުންވެސް ލިބުނީ ހަމަ އެއް ޖަވާބެކެވެ. އެކަމަކު އިސްތިޚާރާ ނަމާދުން އަޅުގަނޑަށް ބޭނުންވި ޖަވާބު ލިބުނެވެ. އަދި ޢިލްމުވެރިންގެ ލަފާ ހޯދައި އެބޭފުޅުންގެ ބަހަކަށް ވެސް ވީ މަންމަގެ ފުރާނައަށް ގެއްލުމެއް ނެތްކަމުގައި ވަނީނަމަ އެބޯޓު ކުރުމެއް ނެތް ކަމުގައެވެ. ދަރިފުޅު އެބޯޓު ނުކޮށް ދުވަސް ފުރާ ވިހާ ބޮޑު ދެ އޯޕެން ހާޓް ސާޖަރީ ކުރީމެވެ.
އެއް އަހަރާއި ފަސް މަހުގައި އެތުއްތު ފުރާނަ އަޅުގަނޑުމެންނާއި ވަކިވެގެން ދިޔައީއެވެ. މިހުރިހައި އިމްތިޙާނުތަކުގައި ވެސް އަޅުގަނޑުގެ އެންމެ ބޮޑު އެހީތެރިއަކަށް ވީ ކީރިތި ޤުރްއާނެވެ. އެދިގު އޮޕަރޭޝަން ހިނގައި ދިޔަ ވަޤުތު ތަކުގައި ވެސް އަޑު އެހެނީ ކީރިތި ޤުރްއާނެވެ. އެއީ ރޯދަމަހެއް ކަމުގައިވެ ދަރިފުޅުގެ ބަލިމަޑުކަން ހުރިގޮތުން އުޅެން ޖެހުނު އަވަދިނެތިކަމުން އެދުވަހު ރޯދަވީއްލައި އަނެއްދުވަހު ރޯދައަށް ހުންނަން ޖެހުނީ އެއްވެސް އެއްޗެއް ނުކެވިއެވެ. އަދި އެއީ ދަރިފުޅުގެ ޖަނާޒާގެ ދުވަހަށްވެ ޖަނާޒާގެ ހުރިހައި ކަމެއް ނިމިގެން ދިޔައިރުވެސް ކޮޅަށް ހުރެވުނީ ކީރިތި ޤުރްއާނާއި އަޅުގަނޑާއި ދެމެދު ވީ ގާތް ގުޅުމެއްގެ ސަބަބުން އެފޮތުގެ މޫރިތި އާޔަތްތަށް އަޑުއަހާ ޙާލުގައެވެ.
ޖަނާޒާގެ އެންމެހާ ކަމެއް ނިމި ގެއަށް އައުމާ ހަމަޔަށް އަދި އޭގެ ފަހުންވެސް އެއްވެސް ޑޮކްޓަރެއްގެ ގާތައް ނުގޮސް، ބޭހެއް ނުނަގާ ޑޮކްޓަރީ ފަރުވާއެއް ނުހޯދާ މިހުރިހާ އުނދަގުލާއި ހިތާމަތަކެއް ކުރިމަތިވި ހަ މަސް ދުވަހުގެ ތެރޭގައި ވެސް ފަރުވާ ލިބުނީ ހަމައެކަނި ކީރިތި ޤުރުއާން އަޑު އަހައި، ކިޔައި، އެފޮތުގެ މާނަ އާއި މެދު ފުންކޮށް ވިސްނައިހެދުމުން ކަން އަޅުގަނޑަށް ޔަޤީނެވެ.
ދަރިފުޅު ނިޔާވުމެގެ ކުރިންނާއީ އަދި އަދާ ޖެހެންދެން ވެސް އަޅުގަނޑުގެ ހިތުގެ ނޫރަކީ އަދި ފިނިކަމަކަށް ވީ ވެސް ކީރިތި ޤުރްއާނެވެ. ކޮންމެ ދަތިކަމެއް އުނދަގުލެއް ކަމުގައިވިޔަސް ކީރިތި ޤުރްއާނަކީ ނުހަނު ބޮޑު ޝިފާއެއް އަދި އެހީތެރި އެއްކަން އަޅުގަނޑަށް ހަމަ އަޞްލަށްވެސް ތަޖުރިބާ ކުރެވުނެވެ.”
އަޅުގަނޑުމެންގެ ދުޢާ އަކީ ކުރިޔަށް އޮތްތާ ގައިވެސް އެއުޚްތަށާއި އެފަދަ އިމްތިޙާނު ތަކާއި ކުރިމަތިވި މައިންނަށް ކެތްތެރި ކަން ދެއްވައި، އަޅުގަނޑުމެން އެންމެންނީ ކީރިތި ޤުރުއާނުގެ އަހްލުވެރިން ކަމުގައި ލެއްވުމެވެ.. އާމީން.
————————————–
މަސްދަރު: އަލް ޢިބަރް ފޭސްބުކް ޕޭޖް
0