ރަމަޟާން
ރަމަޟާންމަހު އިސްވެދިޔަ ހުރިހާ ފާފަތައް ފޮހެވޭނެ 3 ކަމެއް

ﷲ ޞުބްޙާނަހޫ ވަތަޢާލާ އަކީ އެއިލާހުގެ ރަޙްމަތް ތަނަވަސްވެ ވޮޑިގެންވާ އިލާހެވެ. ގިނައިން ފާފަ ފުއްސަވާ އެންމެ އޯގާވަންތަ އިލާހެވެ. އެ އިލާހުގެ އޯގާވަންތަކަމުން ރަމަޟާން މަހުގައި ވަނީ  އަޅުގަނޑުމެންގެ ފާފަތައް ފުއްސެވޭނެ އެތައް ހެޔޮ ޢަމަލެއް ލައްވާފައެވެ. އެގޮތުން މިލިޔުމުގައި މި ބަލާލަނީ ރަމަޟާންމަހު އިސްވެދިޔަ ހުރިހާ ފާފަތައް ފޮހެވޭނެ 3 ކަމެއްގެ މައްޗަށެވެ.

1. އީމާންވެ ޘަވާބަށް އެދޭ ޙާލު ރަމަޟާން މަހު ރޯދަ ހިފުން

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ” ރިވާކުރެއްވީ ބުޚާރީ (1901) އަދި މުސްލިމް (760)

މާނައީ: “އީމާންކަމާއެކު ޘަވާބާއި ދަރުމައަށް އެދޭ ޙާލު ރަމަޟާންމހުގެ ރޯދަ ހިފައިފި މީހާގެ އިސްވެދިޔަ ހުރިހާ ފާފަތައް ފުއްސަވާނެއެވެ.”

2. އީމާންވެ ޘަވާބަށް އެދޭ ޙާލު ރަމަޟާންމަހު ރޭއަޅުކަން ކުރުން

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ” ރިވާކުރެއްވީ ބުޚާރީ (37) އަދި މުސްލިމް (759)

މާނައީ: “އީމާންކަމާއެކު ޘަވާބާއި ދަރުމައަށް އެދޭ ޙާލު ރަމަޟާންމަހުގައި ދަމުނަމާދު ކޮށްފި މީހާގެ އިސްވެދިޔަ ހުރިހާ ފާފަތައް ފުއްސަވާނެއެވެ.”

3. އީމާންވެ ޘަވާބަށް އެދޭ ޙާލު ލައިލަތުލްޤަދްރީގައި ރޭއަޅުކަން ކުރުން

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ” ރިވާކުރެއްވީ ބުޚާރީ (1901) އަދި މުސްލިމް (760)

މާނައީ: “އީމާންކަމާއެކު ޘަވާބާއި ދަރުމައަށް އެދޭ ޙާލު ލައިލަތުލްޤަދްރީގައި ދަމުނަމާދު ކޮށްފި މީހާގެ އިސްވެދިޔަ ހުރިހާ ފާފަތައް ފުއްސަވާނެއެވެ.”

ޙަދީޘްތަކުން އެނގޭ ގޮތުގައި މިފަދައިން ފާފަތައް ފޮހެވުމަށް ތިން ޝަރުޠެއްވެއެވެ. އެއީ:

  1. އީމާންވެ ހުރެ މިޢަމަލުތައް ކުރުން
  2. ﷲގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދޭ ޙާލު މި ޢަމަލުތައް ކުރުން
  3. ބޮޑެތި ފާފަތަކުން ދުރުވުން

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “الصَّلَوَاتُ الْخَمْسُ وَالْجُمْعَةُ إِلَى الْجُمْعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَالْكَبَائِرَ” ރިވާކުރެއްވީ މުސްލިމް (233)

މާނައީ: “ފަރުޟު ފަސްނަމާދު (އެއް ނަމާދުން އަނެއް ނަމާދަށް) އަދި އެއް ހުކުރުން އަނެއް ހުކުރަށް އަދި އެއް ރޯދަ މަހުން އަނެއް ރޯދަ މަހަށް، އެއީ އެދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. ބޮޑެތިފާފަތަކުން ދުރުވެގެން ހުންނަކަމުގައި ވާނަމައެވެ.”

(ބައްލަވާ: أحْكام الصيام للفوزان ص ٣٥)

0